އެމެރިކާ އަސްކަރިއްޔާއިން އަފްގާނިސްތާނުގައި 20 އަހަރު ވަންދެން ހިންގި އޮޕަރޭޝަންގައި އެމީހުންނަށް ވަޒީފާ އަދާކޮށްދިން އަފްގާން ރައްޔިތުން އެމެރިކާއަށް ގެންދިއުމުގެ އޮޕަރޭޝަން ފަށައިފި އެވެ.
އެމެރިކާއިން ވެފައިވާ ވައުދާއި އެއްގޮތަށް އަފްގާންގައި ތިބި އެ ގައުމުގެ ސިފައިން މިމަހުގެ ނިޔަލަށް ބާލާ ނިމޭނެ އެވެ. އެމެރިކާ ސަރުކާރުން ނިންމާފައިވަނީ އެ މުއްދަތުގެ ތެރޭގައި އެމެރިކާއަށް ދިރިއުޅުން ބަދަލު ކަރަން ބޭނުންވާ ސިފައިންނަށް މަސައްކަތް ކޮށްދިން އަފްގާން މުވައްޒަފުން އެމެރިކާއަށް ބަދަލުކޮށް ނިންމާށެވެ.
އެެމެރިކާއަށް މަސައްކަތް ކޮށްދިނިން މުވައްޒަފުންގެ ތެރެއިން 20،000 އަފްގާން ރައްޔިތުންވަނީ ގައުމު ދޫކޮށް އެ ގައުމަށް ބަދަލު ވާން ބޭނުންވާ ކަމަށް ބުނެފަ އެވެ. އެމެރިކާއިން ލަފާ ކުރާ ގޮތުގައި އެމީހުންނާއި އެކު އާއިލާތައް ބަދަލު ވުމުގެ ފުރުސަތު ދީފައިވާތީ މި ފުރުސަތުގައި ލައްކައަކަށްވުރެ ގިނަ އަފްގާން ރައްޔިތުން އެމެރިކާއަށް ދިރިއުޅުން ބަދަލު ކުރާނެ އެވެ.
އެ މީހުންގެ ފުރަތަމަ ގްރޫޕު މިދިޔަ ހުކުރު ދުވަހު އެމެރިކާއަށް ގެންގޮސްފައިވެ އެވެ. އެ ފްލައިޓުގައި ކުޑަކުދިންނާއި އެކު 221 މީހުން އެމެރިކާއަށް ގެންގޮސްފައިވާއިރު އެމީހުން ފުރަތަމަ ބައިތިއްބާނީ އަސްކަރީ ބޭސްތަކުގައި އެވެ.
މިގޮތަށް ގެންދެވޭ އަފްގާން ރައްޔިތުންގެ ދިރިއުޅޭނެ ތަން ހަމަޖައްސައިދިނުމަށް ހަމަޖެހިފައިވަނީ އެމެރިކާގެ ސިޓީތަކަށް ބަހާލައިގެންނެވެ. އެމީހުން ދިރިއުޅުން ފަށައިގަތުމަށް ބޭނުންވާ މާލީ އެހީ އާއި ދިރިއުޅުމަށް ބޯހިޔާވަހިކަން ހަމަޖައްސައި ދިނުމަށް ހަމަޖެހިފައިވަނީ އެމެރިކާ އާއި އދ. ގުޅިގެންނެވެ.
މިއޮޕަރޭޝަން އެމެރިކާއިން ކުރިޔަށް ގެންދަނީ ވަރަށް ސިއްރުންނެވެ. އަފްގާން ގައި ހުންނަ އެމެރިކާ އެމްބަސީން ބުނީ އެމީހުން އަފްގާނިސްތާނުން ބޭރު ކުރާ ވަގުތާއި ދުވަހާއި ބެހޭ މައުލޫމާތުތައް ސިއްރު ކުރަން މަސައްކަތް ކުރަނީ ގައުމުދޫކޮށް ދާ އަފްގާން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް