"އޭޝިޔާސް ބެސްޓް އެމްޕްލޯޔަރ ބްރޭންޑް އެވޯޑް" ދީފައިވަނީ ބޭންކުން ގެންގުޅެމުންދާ ކުރިއަރާފައިވާ އިންސާނީ ވަސީލަތްތަކުގެ ސިޔާސަތުތައް އަގުވަޒަންކުރުމުގެ ގޮތުން ވޯލްޑް އެޗްއާރުޑީ ކޮންގްރެސް އާއި އެމްޕްލޯޔަރ ބްރޭންޑިންގ އިންސްޓިޓިއުޓް އިން ދޭ ޝަރުފުވެރި އެވޯޑް "އޭޝިޔާސް ބެސްޓް އެމްޕްލޯޔަރ ބްރޭންޑް އެވޯޑް" ބޭންކް އޮފް މޯލްޑިވްސްއަށް ލިބިއްޖެއެވެ.
ސިންގަޕޫރުގައި މިއަދު ހެނދުނު އޮތް އެވޯޑް ދިނުމުގެ ރަސްމިއްޔާތުގައި ޖަޖުންގެ ޕެނަލުން ފާހަގަކުރި ގޮތުގައި ބޭންކުން ކަނޑައަޅާފައިވާ ސިޔާސަތުތަކާއި ވަޒީފާ ދިނުމާއި މުވައްޒަފުން ތަމްރީނުކުރުމާ އަދި ހުނަރުވެރި މުވައްޒަފުން ވަޒީފާގައި ދެމެހެއްޓުމަށް ބޭންކުން އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން އޭޝިޔާ ސަރަހައްދުގައި ވަޒީފާ އަދާކުރުމަށް އެންމެ ރަގަޅު އެއް ކުންފުންޏަށް ބޭންކް އޮފް މޯލްޑިވްސް ވަނީ ވެފައެވެ.
މި ރަސްމިއްޔާތުގައި އޭޝިޔާ ޕެސިފިކް ގައުމުތަކުގައި މަސައްކަތްކުރާ ހިޔުމަން ރިސޯސަސް ދާއިރާގެ 300 އަށް ވުރެ ގިނަ މަންދޫބުން ބައިވެރިވެފައިވެއެވެ. ބޭންކުގެ ފަރާތުން މި އެވޯޑާއި ހަވާލުވެފައިވަނީ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފް އަދި ހެޑް އޮފް ހިޔުމަން ރިސޯސަސް އަހުމަދު އިބްރާހިމްއެވެ. މި އެވޯޑް ލިބުމާ ގުޅިގެން ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ " މި ސަރަހައްދުގެ އެންމެ ރަގަޅު އެމްޕްލޯޔަރގެ ގޮތުގައި ބީއެމްއެލް ހޮވިގެން ދިޔުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އޮގަނައިޒޭޝަނެއްގެ ގޮތުން، މުވައްޒަފުންގެ ކުރިއެރުމަށް އަޅުގަނޑުމެން ވަރަށް ޚާއްސަ އިސްކަމެއް ދެން. އަދި ބޭންކުން ގެންގުޅެމުންދާ ސިޔާސަތުތަކާއި އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން އަޅުގަނޑުމެންގެ ޓީމުގައި ހިމެނެނީ ވަޒީފާއަށް އެންމެ އެކަށޭނެ، ހީވާގި އަދި ކަސްޓަމަރުންގެ ބޭނުންތަކަށް އިސްކަންދޭ މުވައްޒަފުންކަން ޔަގީންކުރެވޭ."
ބޭންކް އޮފް މޯލްޑިވްސްއަކީ ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ އިތުރުން ދިވެހިންނަށް އެންމެ ގިނައިން ވަޒީފާ ދެމުންގެންދާ އެއް ކުންފުންޏެވެ. ބޭންކުގެ 99 އިންސައްތަ މުވައްޒަފުންނަކީ ދިވެހިންނެވެ. "އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސް" ތައް ފުޅާ ދާއިރާއެއްގައި ދިރާސާ ކުރުމަށްފަހުން ބޭންކުން ދަނީ މުވައްޒަފުންނާ ގުޅޭ ގޮތުން އެންމެ ކުރިއަރާފައިވާ ސިޔާސަތުތައް އެކުލަވާލަމުންނެވެ. މިގޮތުން ބޭންކުގެ ވަޒީފާ ދިނުމާއި ތަމްރީނު ކުރުން އަދި މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ސިޔާސަތުތަކަށް ފާހަގަކޮށްލެވޭ ބޮޑު ބަދަލުތަކެއް ވަނީ ގެނެސްފައެވެ. ބޭންކުގައި ވަޒީފާ އަދާކުރާ އެންމެ ރަގަޅު މުވައްޒަފުންގެ ޝަރަފުގައި އަދި އެފަރާތްތަކުގެ އިޚްލާސްތެރި ޚިދުމަތްތައް ފާހަގަކުރުމަށް ބޭންކުން އެކި ހަރަކާތްތައް ބާއްވައެވެ. މިއަހަރުގެ ކުރީކޮޅު ބޭންކް އޮފް މޯލްޑިވްސްއިން ވަނީ މުޖުތަމައުތަކަށް އެހީވުމަށާއި އުމްރާނީ ތަރައްޤީގެ ޕްރޮޖެކްޓްތަކަށް އިންވެސްޓްކުރުމަށް 20 މިލިއަން ޑޮލަރުގެ ޕްރޮގްރާމެއް 22 ރަށެއްގައި ހިންގުމަށް އިއުލާންކޮށްފައެވެ. އަދި މި މަރުހަލާގެ ތެރޭގައި 150 އާ ވަޒީފާ އުފެދިގެން ދާނެއެވެ.
2016 ވަނަ އަހަރު ކެޕިޓަލް ފައިނޭންސް އިންޓަނޭޝަނަލް އިން ދޭ "މޯސްޓް އިނޮވޭޓިވް ބޭންކިންގ ޓީމް، އިންޑިއަން އޯޝަން އެވޯޑް" ބޭންކް އޮފް މޯލްޑިވްސްއަށް ވަނީ ލިބިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް