ޒުވާނުންނަށް ކަމެއް ކޮށްދިނުމަކީ އެކުދިން ދީނަށް އުޅުމުގެ މަގު ފަހުކޮށްދިނުންކަމަށާއި އެކުދިން ތަރުބިއްޔަތު ކުރެވޭނީ ތަފާތު ފާޑުފާޑުގެ ކުޅިވަރު ދަނޑުތަކާއި ނާޗަރަންގީ ސްޓޭޖުތައް އަޅައިދީގެން ނޫންކަމަށް އައްޝައިޚް ޢަބްދުއްސަލާމް ބިން ދާވޫދު ވިދާޅުވެއްޖެއެވެ.
މިއަދު އަޅުގަނޑުމެންގެ މި މުޖްތަމަޢުގައި ބައެއް ޒުވާނުން ހިންގަމުންގެންދާ ތަފާތު ބޮޑެތި ޖަރީމާތަކަށް އިޝާރާތްކުރައްވައި ވާހަކަފުޅުދައްކަވަމުން އައްޝައިޚް ޢަބްދުއްސަލާމް ވިދާޅުވީ އަޅުގަނޑުމެންގެ މުސްލިމް ޒުވާނުން މަގުން ކަސިޔާރުވާގޮތަށް ބައެއް ސިޔާސީ ފަރާތްތަކުން ޢަމަލު ކުރަމުންދާކަމަށާއި މިކަމަކީ މިއަދު އިންތިހާއަށް ކަންބޮޑުވާކަމެއްކަމަށެވެ.
"ތަފާތު ގިނަ ޢިލްމުވެރިން އަބަދާއި އަބަދު ޒުވާނުންނަށް ހެޔޮ ނަޞޭޙަތްދީ އެކުދިން ހެޔޮމަގަށް އެޅުވުމަށް މަސައްކަތް ކުރަމުންދާއިރުވެސް، ބައެއް ސިޔާސީ ފަރާތްތަކުން މަސައްކަތް ކުރަމުންދަނީ ދިމާ އިދިކޮޅަށް. މިއަދު ބައެއް ސިޔާސީ ފަރާތްތަކުން ޒުވާނުންނަށް ކަމެއްކޮށްދިނުމުގެ ވާހަކަ ދައްކާއިރު އަބަދުވެސް ދައްކަނީ ތަފާތު ފާޑުފާޑުގެ ކުޅިވަރު ދަނޑުތަކާއި ނާޗަރަންގީ ކުޅޭނެ ސްޓޭޖުތަކާއި މިއުޒިކު ކުޅޭނެ ސާމާނުތަކާއި، ލަނގިރި ޖަހާނެ ގޮތްތައް ދަސްކޮށްދިނުމުގެ ވާހަކަ. އަދި ﷲ ތަޢާލާއަށް ކުއްތަންވުމުގެ މަގު ޒުވާނުންނަށް ދައްކައިދިނުމުގެ ވާހަކައަކީ އެބޭފުޅުންގެ ފަރާތުން އެއްގޮތަކަށްވެސް އަޅުގަނޑުމެން އަޑު އަހާ ވާހަކަތަކެއް ނޫން" ޖަމްޢިއްޔަތުއްސަލަފުގެ ޢިލްމުވެރިންގެ މަޖިލީހުގެ މެމްބަރު އައްޝައިޚް ޢައްޝައިޚް ޢަބްދުއްސަލާމް ވިދާޅުވިއެވެ.
"މިސާލަކަށް ޒުވާނުންނަށް މިސްކިތެއް ހުޅުވައިދީ، ޒުވާނުންނަށް ޤުރްއާން ކުލާހެއް ހަދައިދީ، ޒުވާނުންނަށް ﷲ ތަޢާލާއަށް ކުއްތަންވުމުގެ މަގު ދައްކައިދިނުމުގެ ވާހަކައަކީ އެއްގޮތަކަށްވެސް ދައްކާ ވާހަކަތަކެއް ނޫން. އަދި އެއީ ޒުވާނުންނަށް ކޮށްދޭ ޚިދުމަތެއްގެ ގޮތުގައި ބަލައިގަންނަ ކަމެއްވެސް ނޫން." ޝައިޚް ޢަބްދުއްސަލާމް ވިދާޅުވިއެވެ.
ސަންޓީވީ އިން ރޭ ފޮނުވި 'ޢިލްމީ ޚަޒާނާ' ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން އައްޝައިޚް ޢަބްދުއްސަލާމް އިތުރަށް ވިދާޅުވިގޮތުގައި ބައެއް ސިޔާސީ ފަރާތްތަކުން މިއަދު ޒުވާނުންނަށް ކަމެއް ކޮށްދިންކަމަށް ދެކެނީވެސް ޒުވާނުން މުޅިންވެސް ﷲ އަށް އުރެދުމާ ދިމާލަށް، ނާޗަރަންގީއާ ދިމާލަށް، ނުވަތަ ޒުވާނުން އަބަދުވެސް ހަމައިން ނެއްޓުމާ ދިމާލަށް ދިއުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ކަމެއް ކޮށްދިނީމަ ކަމަށެވެ. އަދި ރާއްޖޭގެ ތަފާތު ގިނަ ޢިލްމުވެރިން އަބަދާއި އަބަދު މީސްތަކުންނަށް ހެޔޮ ނަޞޭޙަތްދީ ޒުވާނުންނަށް ހެޔޮ މަގު ދައްކައިދީ ޒުވާނުންގެ ޙަގީގީ ދައުރަކީ ކޮބާކަން ބުނެދެމުންދާއިރުވެސް ބައެއް ސިޔާސީ ފަރާތްތަކުން މަސައްކަތްކުރަމުންދަނީ ދިމާ އިދިކޮޅަށް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް