ތަފާސްހިސާބު އެއްކުރުމަށް އެމްއެމްއޭއިން ގަވާއިދެއް – ހިލާފުވާ ފަރާތްތައް ޖޫރިމަނާ ކުރެވޭ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ* ގެ މަގުސަދުތައް ހާސިލު ކުރުމަށްޓަކައި ބޭނުންވާ ތަފާސްހިސާބު އެއްކުރުމާއި އާންމު ކުރުމުގެ އުސޫލުތައް ކަނޑައެޅުމަށް ގަވާއިދެއް އެކުލަވާލައިފި އެވެ. އިއްޔެ ގެޒެޓ...

01 Aug 2017 | 02:47

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ* ގެ މަގުސަދުތައް ހާސިލު ކުރުމަށްޓަކައި ބޭނުންވާ ތަފާސްހިސާބު އެއްކުރުމާއި އާންމު ކުރުމުގެ އުސޫލުތައް ކަނޑައެޅުމަށް ގަވާއިދެއް އެކުލަވާލައިފި އެވެ.

އިއްޔެ ގެޒެޓްކޮށްފައިވާ އެ ގަވާއިދުގައި ބުނެފައިވަނީ ތަފާސްހިސާބު އެއްކުރެވޭނީ، މައިގަނޑު ގޮތެއްގައި ސަރވޭކުރުމުންނާއި އެހެނިހެން ގޮތްގޮތުން މައުލޫމާތު ހޯދައިގެން ކަމަށެވެ. ތަފާސްހިސާބު އެއްކުރުމުގެ ހަރަކާތްތަކުގެތެރޭގައި ދައުލަތުގެ މުއައްސަސާތަކުން ކުރެވޭ އިދާރީ ތަފާސްހިސާބު އެއްކުރުމުގެ މަސައްކަތް ނުހިމެނޭ ކަމަށެވެ. މިގޮތުން ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ގާނޫނުގެ ދަށުން ބޭންކްތަކުން، އަދި އެމްއެމްއޭގެ ގާނޫނުގެ 30 ވަނަ މާއްދާގެ (ހ)ގެ ދަށުން ބޭންކް-ނޫން މާލީ އިދާރާތަކުން އޮތޯރިޓީއަށް ހުށަހަޅަންޖެހޭ މައުލޫމާތާއި ލިޔެކިޔުންތަކާއި ރިޕޯޓްތައް ތަފާސްހިސާބުގެ ގޮތުގައި ނުބެލޭނެކަމަށްވެސް އެ ގަވާއިދުގައި ބުނެފައި ވެ އެވެ.

އެ ގަވާއިދުގައި ބުނެފައިވަނީ އެމްއެމްއޭއިން ތަފާސްހިސާބެއް ނުވަތަ މައުލޫމާތެއް ފޯރުކޮށްދޭން އެއްވެސް ފަރާތެއްގައި އެދިއްޖެނަމަ، އެ އޮތޯރިޓީން އަންގާ ގޮތަކަށް އަދި އަންގާ މުއްދަތެއްގެ ތެރޭގައި، އެ ފަރާތްތަކުން އެ ތަފާސްހިސާބެއް ނުވަތަ މައުލޫމާތެއް ފޯރުކޮށްދޭން ވާނޭ ކަމަށެވެ. މީގެތެރޭގައި ދައުލަތުގެ އިދާރާތަކާއި ކުންފުނިތަކާއި ޕާޓްނަރޝިޕްތަކާއި ކޯޕަރޭޓިވް ސޮސައިޓީތަކާއި އަމިއްލަ ވިޔަފާރިޖަމިއްޔާތައް ހިމެނޭ ކަމަށެވެ.

"އޮތޯރިޓީއަށށް ބޭނުންވާ ތަފާސްހިސާބާއި މައުލޫމާތުތައް ހޯދުމަށް އެދި އެއްވެސް ފަރާތަކަށް އޮތޯރިޓީން އަންގާ އެންގުމުގައި، އެފަރާތަކުން ހުށަހަޅަންޖެހޭ މައުލޫމާތުގެ ތަފްސީލާއި މައުލޫމާތު ހުށަހަޅަންޖެހޭ ގޮތާއި ހުށަހަޅަންޖެހޭ ތާރީހު ހިމަނަންވާނެ އެވެ.

އޮތޯރިޓީއަށް ހުށަހަޅާ ތަފާސްހިސާބުގެ މައުލޫމާތަކީ ސައްހަ، ފުރިހަމަ އަދި ތެދު މައުލޫމާތަށް ވާންވާނެ އެވެ." އެ ގަވާއިދުގައި ވެ އެވެ.

ގަވާއިދުގައި ބުނެފައިވާގޮތުގައި ހުށަހަޅާފައިވާ ތަފާސްހިސާބެއް ނުވަތަ މައުލޫމާތު ފުރިހަމަނޫން ކަމަށް އޮތޯރިޓީއަށް ގަބޫލުކުރެވޭނަމަ، އެ ތަފާސްހިސާބެއް ނުވަތަ މައުލޫމާތެއް ފުރިހަމަ ކުރުމަށްފަހު ހުށަހެޅުމަށް، ހުށަހެޅިފ ފަރާތައް އެމްއެމްއޭއިން އެންގިދާނެ ކަމަށާއި މިގޮތުން އެމްއެމްއޭއިން އަންގައިފިނަމަ، އެމްއެމްއޭއިން އަންގާ މުއްދަތެއްގެ ތެރޭގައި އެ މައުލޫމާތު ފޯރުކޮށްދޭންވާނޭކަމުގައިވެސް އެ ގަވާއިދުގައި ބުނެފައި ވެ އެވެ.

އެ ގަވާއިދުގައި އިތުރަށް ބުނެފައިވަނީ އެއްވެސް ފަރާތަކުން މި ގަވާއިދާ ހިލާފުވެއްޖެނަމަ، ވަކި މުއްދަތެއްގެތެރޭގައި ރަނގަޅު ކުރުމަށް ލިޔުމުން އެންގިދާނެ ކަމަށާއި އެމްއެމްއޭއަށް ފެނިއްޖެ ހިނދެއްގައި، ވެފައިވާ ހިލާފު ރަނގަޅުވަންދެން ހިނގާ ކޮންމެ ދުވަހަކަށް 5000 ރުފިޔާއަށްވުރެ އިތުރުނުވާނެ އަދަދެއްގެ ޖޫރިމަނާއެއް ކަނޑައެޅިދާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް