ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށްދާ މީހުން އުފުލުމަށް މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް މެގަމޯލްޑިވްސް ހަމަޖައްސައިފި އެވެ.
މެގަ މޯލްޑިވްސް އާއެކު ހައްޖު ކޯޕަރޭޝަނުން މިކަމާއިބެހޭ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. މި އެއްޗަސްވުމުގައި ހައްޖު ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓާ ޔާމީން އިދުރީސް އެވެ. މެގަ މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ޖޯޖް ވެއިންމަން އެވެ.
މި އެއްބަސްވުމާއިމެދު މެގަ މޯލްޑިވްސްގެ ސީއީއޯ ޖޯޖް ވެއިންމަން ވިދާޅުވީ މި އަހަރުވެސް މެގަ މޯލްޑިވްސް އަށް މި ފުރުސަތު ލިބުމަކީ އެ ކުންފުންޏަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށާއި ހައްޖާޖީންނަށް ހިތްފަސޭހަ ދަތުރުތަކަކަށް އެ ދަތުރުތައް ހެދުމަށް މެގަ މޯލްޑިވްސް އިން ވަރަށް ބޮޑު ސަމާކަމެއް ދެއްވާނެ ކަމަށެވެ.
ހައްޖު ކޯޕަރޭޝަން އިން ބުނީ އެ ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށްދާ 1300 މީހުން ސައުދީއަށް ދިއުމަށް ނިންމާފައި ވަނީ ފަސް ދަތުރެއްގައި ކަމަށެވެ. ރާއްޖެ އިން ފުރުމަށް ނިންމާފައި ވަނީ މިމަހު 28 އާއި 31 ދޭތެރޭގަ އެވެ. އެނބުރި ރާއްޖެ އައުމަށް ނިންމާފައި ވަނީ ސެޕްޓެމްބަރު 28 އާއި އޮކްޓޫބަރު އެއް ވަނަ ދުވަހު އެވެ.
ހައްޖު ކޯޕަރޭޝަނުން ބުނީ އެ އެއްބަސްވުމުގެ ދަށުން ޓްރާންޝިޓް ނުކޮށް މާލެއިން ޖިއްދާއަށް ދެވޭގޮތް ހަމަޖެހިގެން ދިއުމަކީ ހައްޖުވެރިންނަށް ވަރަށް ފަސޭހަ ކަމެއް ކަމަށެވެ.
މި އަހަރު ޖުމްލަ 1766 ދިވެހި ހައްޖާޖީން މެގަ މޯލްޑިވްސް އިން ހައްޖަށް ދާނެ އެވެ. އެއީ ހައްޖު ކޯޕަރޭޝަންގެ 1300 ހައްޖާޖީންނާއި ޒައީ ހައްޖު ގްރޫޕްގެ 231 ހައްޖާޖީންނާއި މިނާ ހައްޖު ގްރޫޕްގެ 235 ހައްޖާޖީންނެވެ.
މިދިޔަ އަހަރު ވެސް ހައްޖު ކޯޕަރޭޝަން އިން ވަނީ 500 ހައްޖުވެރިން މެގަ މޯލްޑިވްސް މެދުވެރިކޮށް ސައުދީއަށް ގެންގޮސްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް