މަރުތޭލަކުން ޖަލު އޮފިސަރެއްގެ ބޮލުގައި ޖަހަން އުޅެ ނާކާމިޔާބުވުމުން ފިލައިގެން އުޅުނު ދެމީހަކު ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދު

މަރުތޭލަކުން ޖަލު އޮފިސަރެއްގެ ބޮލުގައި ޖަހަން އުޅުނު ދެމީހަކު ފިލައިގެން އުޅެނިކޮށް ހޯދާ ހައްޔަރުކޮށް ކޯޓުގެ އަމުރަކާއެކު ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ. އެގޮތުން މިރޭ...

01 Jul 2024 | 16:06

މަރުތޭލަކުން ޖަލު އޮފިސަރެއްގެ ބޮލުގައި ޖަހަން އުޅުނު ދެމީހަކު ފިލައިގެން އުޅެނިކޮށް ހޯދާ ހައްޔަރުކޮށް ކޯޓުގެ އަމުރަކާއެކު ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ.

އެގޮތުން މިރޭ ފުލުހުން ބުނެފައިވަނީ ހުޅުމާލެ ޕްރިޒަންގައި މަސައްކަތްކުރާ އޮފިސަރަކު ސައިކަލުގައި ދުއްވާފައިދަނިކޮށް، އޭނާގެ ފަހަތުން އައި ސައިކަލެއްގައި ތިބި ދެމީހުންގެ ތެރެއިން ސައިކަލު ފަހަތުގައި އިން މީހާގެ އަތުގައި އޮތް މަރުތޭލަކުން ޕްރިޒަން އޮފިސަރުގެ ބޮލުގައި ޖަހައި މާރާމާރީ ހިންގަން އުޅުނު މައްސަލައާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ.

މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އަޙްމަދު ޢިޔާޒް، ރ. އިނގުރައިދޫ / މިރިހިމާގެ (24އ) އާއި އަޙްމަދު ރަބީޢު، ގއ. މާމެންދޫ / ގްލޭނޫރަންމާގެ (26އ) އެވެ.

ފުލުހުން ބުނެފައިވާގޮތުގައި މި މައްސަލަ ފުލުހުންނަށް ހުށަހެޅިފައިވަނީ 2024 ޖޫން 11 ވަނަ ދުވަހުއެވެ. މިމައްސަލަ ފުލުހުންނަށް ހުށަހެޅުމާ ގުޅިގެން ހާދިސާ ހިނގި ސަރަހައްދުގައި ހުރި ޕޮލިސް ކެމެރާ ފުޓޭޖްތަކާއި އިތުރު ކެމެރާ ފުޓޭޖްތައް ނަގައި ބެލިއިރު ހުޅުމާލެ ޕްރިޒަން ސަރަހައްދުގައި ސައިކަލެއްގައި ހެލްމެޓް އަޅައިގެން ތިބި ދެ މީހަކު ހުޅުމާލެ ޕްރިޒަންއިން ނުކުންނަ މުވައްޒަފުންނަށް ފާރަލަމުން ދިޔަކަން ފާހަގަކުރެވިފައިވާކަމަށެވެ. އަދި ޕްރިޒަން އޮފިސަރަށް ހަމަލާ ދޭން މަސައްކަތްކޮށްފައިވަނީ ވީޑިއޯ ފުޓޭޖްތަކުން ފެންނަ ދެ މީހުން ކަން ފުލުހުންގެ ތަހުގީގަށް ލިބިފައިވާ މައުލޫމާތުން ކަށަވަރުކުރެވިފައިވާކަމަށް ބުނެފައިވެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ ދެމީހުންގެ ތެރެއިން  އަޙްމަދު ޢިޔާޒް، ރ. އިނގުރައިދޫ / މިރިހިމާގެ (24އ) ހައްޔަރުކޮށްފައިވަނީ ފިލައިގެން ގޮސް ހއ. ބާރަށުގައި ހުއްޓާ 2024 ޖޫން 14 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ކަމަށާއި އަދި ޙްމަދު ރަބީޢު، ގއ. މާމެންދޫ / ގްލޭނޫރަންމާގެ (26އ) ހައްޔަރުކޮށްފައިވަނީ މާލޭގެ ގެސްޓް ހައުސްއެއްގައި ފިލައިގެން އުޅެނިކޮށް، 2024 ޖޫން މަހުގެ 20 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ކަމަށް ފުލުހުން ބުނެއެވެ. މި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ ތަހުގީގު މަރުހަލާ ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައި ކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ މިހާދިސާގައި ޕްރިޒަން އޮފިސަރަށް އަނިޔާއެއް ލިބިފައިނުވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް