ފުލުހުންނާއި ސިފައިންނާއި ކަރެކްޝަންސްގެ ގިނަ އަދަދެއްގެ އޮފިސަރުން ހިމެނޭހެން މިއަދު މާފުށީ ޖަލުގައި ހިންގި ބޮޑު އޮޕަރޭޝަނެއްގައި ބައެއް ތަކެތި ހޯދައިފިއެވެ.
އެގޮތުން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ބުނެފައިވަނީ މާފުށީ ޖަލު ބަލައި ފާސްކުރުމަށް ހިންގާ މިއޮޕަރޭޝަނަކީ ގަވާއިދާ ޚިލާފަށް ޖަލަށް އެތެރެކުރަމުންދާ ތަކެތި އަތުލައި، ޖަލުގައި ޤާނޫނާއި ގަވާއިދާ ޚިލާފަށް ހިންގާ ހަރަކާތްތައް ހުއްޓުވުމަށް، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ވަޒީރުގެ އެދިލެއްވުމުގެ މަތިން ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިއަށް ގެންދާ އޮޕަރޭޝަނެއްކަމަށެވެ.
"މި އޮޕަރޭޗަނުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ އިތުރުން މޯލްޑީވްސް ކަރެކްޝަނަލް ސަރވިސް އަދި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް ހިމެނޭހެން ޖުމްލަ 304 އޮފިސަރުން ބައިވެރިވި، އޭގެ ތެރޭގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ 183 ފުލުހަކާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ 81 ސިފައިންނާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ 40 އޮފިސަރުން ހިމެނޭ" އެ ވުޒާރާއިން ބުނެފައިވެއެވެ.
އެގޮތުން، މި އޮޕަރޭޝަނުގައި މިއަދު މާފުށީ ޖަލުގެ އަށް ޔުނިޓެއް ވަނީ ބަލައި ފާސްކުރިކުރުމުން 29 މޯބައިލް ފޯނާއި 17 ޗާޖަރާއި 12 ހެޑްސެޓާއި ތިން އިއަރޕޮޑާއި ތިން ކޭބަލާއި ދެ ސިމް ކާޑުގެ އިތުރުން ހަތަރު ބޮގަރު ފުޅި ފެނިފައިވާކަމަށާއި މާފުށީ ޖަލުގެ އެކި ޔުނިޓުތަކުން ފެނުނު ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، މައްސަލަތައް ތަހުޤީޤުކުރަމުންދާ ކަމަށް ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް