ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ސިހުރު ހެދިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ސްޓޭޓް މިނިސްޓަރު ފާޠިމަތު ޝަމްނާޒް ޢަލީ ސަލީމް އާއެކު ހައްޔަރުކުރި ފިރިހެން މީހާ ދޫކޮށްލައިފިއެވެ.
ފުލުހުން ދެންމެ ބުނެފައިވަނީ އެ މައްސަލައާއި ގުޅިގެން ހައްޔަރުކުރި 58 އަހަރުގެ ފިރިހެން މީހާ ޝަރތުތަކަކާއެކު ހުޅުމާލެ ކޯޓުން ދޫކޮށްލާފައިވާކަމަށެވެ.
މި މައްސަލައާއި ގުޅިގެން ހައްޔަރުކުރި ދެ އަންހެނުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އިތުރު ހަތް ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން މިއަދު އަމުރުކުރިކަމަށްވެސް މިއަދު ކުރިން ފުލުހުން ބުނެފައިވެއެވެ. އެއީ ޝަމްނާޒް ސަލީމާއި އޭނާގެ ކޮއްކޮ ސަނާ ސަލީމެވެ.
މި މައްސަލައާއި ގުޅޭގޮތުން ފުލުހުން ކުރިން ބުނެފައިވަނީ ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާއިގުޅިގެން ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް އަލީ ސަލީމާއި އިތުރު ދެމީހަކު މިދިޔަ ޖޫން މަހުގެ 23 ވަނަ ދުވަހު ހައްޔަރުކޮށްފައިވާކަމަށެވެ.
ޝަމްނާޒް ހައްޔަރުކޮށްފައިވަނީ ރައީސް މުއިއްޒަށް ސިހުރު ހެދުމުގެ ތުހުމަތުގައިކަން ރަސްމީ ސިފައެއްގައި ފުލުހުން ބުނެފައެއް ނުވެއެވެ. އެހެންނަމަވެސް ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު އެ ސުވާލު ކުރުމުން އެފަދަ އިޝާރާތެއް ފުލުހުން ދީފައިވެއެވެ.
ޝަމްނާޒް އަކީ ރައީސް އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒްގެ ކުރީގެ އަނބިކަނބަލުންނެވެ. ޝަމްނާޒްގެ އިތުރުން ރަމީޒްވެސް ވަނީ ވަޒީފާއިން ސަސްޕެންޑްކޮށްފައެވެ. އެހެންނަމަވެސް ރަމީޒް ސަސްޕެންޑް ކުރުމާއި މި މައްސަލައާއި ގުޅުންހުރިކަން ސާފެއް ނޫނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް