މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަލީ ހާޝިމް، މަޤާމުން ވަކިކުރުމުގެ މަސައްކަތް ފަށަން ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ލަފާ ދިނުމަށް މާލިޔަތު ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
އަލީ ހާޝިމް މަޤާމުން ވަކިކުރުމަށް ހުށަހެޅުއްވީ ދިއްގަރު ދާއިރާގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް އެވެ.
މިކަމާއި ގުޅިގެން ނެގި ވޯޓުގައި ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. އަހުމަދު ޝަމްހީދު ފިޔަވައި އެހެން ހުރިހާ މެންބަރުން ވަނީ އެ ހުށަހެޅުމަށް ތާއީދު ކުރައްވާފައެވެ.
މަޖިލީހުގެ ނައިބު ރައީސް ނާޒިމް ވިދާޅުވީ، ގައުމުގެ ފިސްކަލް ހާލަތު ރަގަނޅު ކުރުމަށްޓަކައި އިކޮނޮމިކް ރިފޯމް އެޖެންޑާއެއް އެކުލަވާލައި އެކަމަށް ބޭނުންވާ ގާނޫނުތައް ތާރަފްކޮށް އާ ސިޔާސަތުތަކެއް ތަންފީޒު ކުރުމަށް ސަރުކާރުން ވަނީ ތައްޔާރީ ތަކެއް ވެފައި ކަމަށެވެ.
އެހެންނަމަވެސް ޤައުމުގެ އިގުތިސާދު އިޔާދަކުރުމަށް އުދަނގޫ ހިސާބަށް ގޮސް އިގްތިސާދު ނިކަމެތިވެގެން ދިޔަ އިރުވެސް މަރުކަޒީ ބެންކުން ގާނޫނުގައި ބަޔާން ކުރާ މަގްސަދުތައް ހާސިލް ކުރެވިފައި ނުވާ ކަމަށެވެ. އެމްއެމްއޭގެ މައިގަނޑު އެއް އަސާސް ކަމުގައިވާ މަނިޓަރީ ޕޮލިސީ އޭގެ އެންމެ އެކަށޭނެ ގޮތުގައި ހިނގަމުން ދާތަން މަޖިލީހުގެ ނައިބު ރައީސް، ނާޒިމްއަށް ނުފެންނަ ކަމަށްވެސް ނާޒިމް ވަނީ ވިދާޅުވެފައެވެ.
މިގޮތުން ނާޒިމް ފާހަގަ ކުރެއްވި ބައެއް ކަންކަމަކީ، ބެންކުތަކާއި ފައިނޭންޝަލް އިންސްޓިޓިއުޝަންތަކުން އާންމުންނަށް ލޯނު ދޫކުރާ ވަރު ނުސީދާކޮށް ހިފަހައްޓައި ބެންކުތަކުގެ ރިޒާވް އެމްއެމްއޭގައި ބެހެއްޓުމަށް ގަވަރުނަރު ބާރު އަޅުއްވާފައި ވާ ކަމާއި، މީގެ ސަބަބުން، އިގުތިސާދުގެ ތެރޭގައި ދައުރުވާން ހުރި ފައިސާ މަދުވެ، އިގުތިސާދީ މަސައްކަތްތައް ހުއްޓި އިގުތިސާދުގެ ދުވެލި މަޑުޖެހުމާއި، އަދި ސަރުކާރުން މިހާރު ވެސް ފައިސާ ހޯދަމުން ދަނީ ޑޮމެސްޓިކް މާކެޓުން ކަމަށް ވާއިރު، އެ މާކެޓް ރަނގަޅަށް ރެގިއުލޭޓް ކުރުމުގެ މުހިންމު ކަން ބޮޑުވެފައިވާ ވަގުތެއްގައި އެކަން ވެސް ނުކުރާކަން ނާޒިމް ވަނީ ފާހަގަކުރައްވާފައެވެ.
އަދި މީގެއިތުރުން، ހޯމް މިނިސްޓްރީ އާއި ފުލުހުން ހިއްސާ ކޮށްފައިވާ މައުލޫމާތުތަކުގައި ކުށްކުރުން ހުއްޓުވަން ހުރި ގޮންޖެހުންތަކުގެ ތެރޭގައި އެމްއެމްއޭގެ ގަވައިދުތައް އަޕްޑޭޓް ނުކުރާ މައްސަލަ ފާހަގަ ކޮށްފައިވެއެވެ.
ނާޒިމް ވިދާޅުވީ އެމްއެމްއޭގެ ގާނޫނުން ބަޔާން ކޮށްފައިވާ މަގުސަދުތައް ހާސިލް ކުރުމަށްޓަކައި މި ސަރުކާރު އައި ފަހުން ސަރުކާރަށް ލަފާ ދިނުމާއި މަގުސަދުތައް ހާސިލް ކުރުމަށްޓަކައި އަމަލީ ގޮތުން ގަވަރުނަރު އަލީ ހާޝިމް ހަރުދަނާ މަސައްކަތްތަކެއް ކޮށްފައި ނުވާކަމަށެވެ.
އަދު ގައުމުގެ އިގުތިސާދީ ބޮޑު ކާރިސާއަކުން ސަލާމަތް ކުރުމަށްޓަކައި އެމްއެމްއޭ އިން މުހިންމު މަސައްކަތްތަކެއް ކުރަންޖެހޭ އިރު، އެމްއެމްއޭގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން މަސްއޫލިއްޔަތުތައް އެންމެ ފުރިހަމަ އަށް އަލީ ހާޝިމް އަދާނުކުރައްވާ ކަން ނާޒިމް ވަނީ ފާހަގަ ކުރައްވާފައެވެ.
އިގްތިސާދަށް އައިސްފައިވާ ނިކަމެތި ކަމުން އަރައިގަތުމަށް، އެމްއެމްއޭގެ ފަރާތުން މަނިޓަރީ ޕޮލިސީގެ މިސްރާބު ބަދަލު ކުރަންޖެހޭ ނަމަ އެކަން ކުރަން ޖެހޭ ވަގުތު ޖެހިފައިވާއިރު، އެމްއެމްއޭ ހިންގުމަށް "ތާޒާ އާރޯ ލީޑާޝިޕެއް" ބޭނުންވާ ކަމަށް ފެންނަ ކަމަށް ނާޒިމް ވިދާޅުވި އެވެ.
މިގޮތުން މި ހުރިހާ ކަމަކަށް ބަލާ ނާޒިމް ހުށަހެޅުއްވި ހުށަހެޅުމުގައި ވަނީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގާނޫނުގެ ހަ ވަނަ މާއްދާގެ ތިނެއްގައިވާ ގޮތުގެ މަތިން އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް އެ މަގާމުން ވަކި ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަށް ލަފާ ދިނުމަށް ހުށަހަޅާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް