ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ސިހުރު ހެދިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ސްޓޭޓް މިނިސްޓަރު ފާޠިމަތު ޝަމްނާޒް ޢަލީ ސަލީމް އަދި އޭނާގެ ކޮއްކޮގެ ބަންދުގެ މުއްދަތަށް އިތުރު ހަތް ދުވަސް ޖަހައިފިއެވެ.
މިއަދު ފުލުހުން ބުނެފައިވަނީ އެ މައްސަލައާއި ގުޅިގެން ހައްޔަރުކުރި ދެ އަންހެނުންގެ ބަންދާއިމެދު ގޮތެއް ނިންމުމށް ކޯޓަށް ހާޒިރުކުރުމުން އިތުރު ހަތް ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން މިއަދު ވަނީ އަމުރުކޮށްފައި ކަމަށެވެ.
ދުވަހަށް މަޢުލޫމާތު ލިބިފައިވާގޮތުގައި މި މައްސަލައިގާ ޝަމްނާޒްގެ އިތުރުން ހައްޔަރުކޮށްފައިވަނީ ޝަމްނާޒްގެ އަންހެން ކޮއްކޮއެކެވެ.
މި މައްސަލައާއި ގުޅޭގޮތުން ފުލުހުން ކުރިން ބުނެފައިވަނީ ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާއިގުޅިގެން ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް އަލީ ސަލީމާއި އިތުރު ދެމީހަކު މިދިޔަ ޖޫން މަހުގެ 23 ވަނަ ދުވަހު ހައްޔަރުކޮށްފައިވާކަމަށެވެ.
ޝަމްނާޒް ހައްޔަރުކޮށްފައިވަނީ ރައީސް މުއިއްޒަށް ސިހުރު ހެދުމުގެ ތުހުމަތުގައިކަން ރަސްމީ ސިފައެއްގައި ފުލުހުން ބުނެފައެއް ނުވެއެވެ. އެހެންނަމަވެސް ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު އެ ސުވާލު ކުރުމުން އެފަދަ އިޝާރާތެއް ފުލުހުން ދީފައިވެއެވެ.
ޝަމްނާޒް އަކީ ރައީސް އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒްގެ ކުރީގެ އަނބިކަނބަލުންނެވެ. ޝަމްނާޒްގެ އިތުރުން ރަމީޒްވެސް ވަނީ ވަޒީފާއިން ސަސްޕެންޑްކޮށްފައެވެ. އެހެންނަމަވެސް ރަމީޒް ސަސްޕެންޑް ކުރުމާއި މި މައްސަލައާއި ގުޅުންހުރިކަން ސާފެއް ނޫނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް