ފުލުހުންނާއި ސިފައިން އަދި އީއެސްޖީ ގުޅިގެން މާފުށީ ޖަލު ސާފުކޮށްލުމުގެ އޮޕަރޭޝަނެއް ކުރިއަށް !

މާފުށީ ޖަލުގެ މުވައްޒަފުންތަކެއް ގައިދީންނާއި ކުށްވެރިންނަށް ކަންކަން ކޮށްދީގެން ނުހައްގު މުއްސަނދިކަން ހޯދާފައިވާ މައްސަލަ ފުލުހުން ތަހުޤީޤު ކުރަމުން އަންނައިރު މި އޮޕަރޭޝަންގެ ދަށުން މާފުށީ ޖަލު ސާފ...

01 Jul 2024 | 07:33

މާފުށީ ޖަލުގެ މުވައްޒަފުންތަކެއް ގައިދީންނާއި ކުށްވެރިންނަށް ކަންކަން ކޮށްދީގެން ނުހައްގު މުއްސަނދިކަން ހޯދާފައިވާ މައްސަލަ ފުލުހުން ތަހުޤީޤު ކުރަމުން އަންނައިރު މި އޮޕަރޭޝަންގެ ދަށުން މާފުށީ ޖަލު ސާފުކޮށްލުމުގެ ބޮޑު އޮޕަރޭޝަނެއް މިއަދު ފަށައިގެން ކުރިއަށްދާކަމުގެ މަޢުލޫމާތު ލިބިއްޖެއެވެ.

އެގޮތުން ދުވަހަށް އެނގިފައިވާގޮތުގައި މިއަދު ހެނދުނު 06:30 އިން ފެށިގެން މި އޮޕަރޭޝަން ކުރިއަށްދާއިރު މި އޮޕަރޭޝަންގައި ދިވެހި ފުލުހުންގެ އެސްއޯ ފުލުހުންނާއި ދިވެހި ސިފައިންގެ ޓީމަކާއި ކަރެކްޝަންސްގެ އީއެސްޖީ ޓީމުން އަންނަނީ މާފުށީ ޖަލުގައި ހަރަކާތްތެރިވަމުންނެވެ. މި އޮޕަރޭޝަންގައި ގޮޅިތައް ބަލާ ފާސްކުރުން ކުރިއަށްދާކަން ދުވަހަށް އެނގިފައިވެއެވެ.

މި އޮޕަރޭޝަނާއި ގުޅޭގޮތުން ރަސްމީ ބަހެއް ދިވެހި ފުލުހުން، ސިފައިން އަދި ކަރެކްޝަންސް އިން ބުނެފައެއް ނުވެއެވެ.

ޖަލުގައި ރެއިޑެއް ކުރިއަށްދާއިރު ނުހައްގު މުއްސަނދިކަން ހޯދިކަމަށް ތުހުމަތުކުރާ ކަރެކްޝަންސްގެ 18 މުވައްޒަފެއްގެ ތެރެއިން 13 މުވައްޒަފަކު ހައްޔަރުކޮށް ބަންދަށް ވަނީ މުއްދަތު ޖަހާފައެވެ.

މިދިޔަ ހުކުރު ދުވަހު ފުލުހުން ބުނެފައިވަނީ މި މައްސަލައިގާ ހައްޔަރުކުރި 13 މުވައްޒަފުންގެ ތެރެއިން ދެމީހެއްގެ ބަންދަށް ފަސް ދުވަސް އަދި 11 މީހަކު ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާކަމަށެވެ.

މި މައްސަލައިގެ މަޢުލޫމާތު ހާމަކުރުމަށް ބުރާސްފަތި ދުވަހުގެ ރޭ ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި  ފުލުހުން ބުނެފައިވަނީ 2023 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން މިހާތަނަށް ގައިދީންނަށް ނުކިއްސަރު ކަންކަން ކޮށްދީގެންނާއި ކުށްވެރިންނަށް މަންފާވާނެހެން ކަންކަން ކޮށްދީގެން ކަރެކްޝަންސްގެ 18 މުވައްޒަފަކު ގިނަ އަދަދެއްގެ ފައިސާ ހޯދާފައިވާކަމަށާއި އޭގެ ތެރެއިން ބައެއް މުވައްޒަފުންގެ އެކައުންޓަށް 24 މިލިޔަނާއި ހަމައަށް ފައިސާ ވަދެފައިވާއިރު ޖުމުލަ އަދަދު 73.6 މިލިޔަނަށް އަރާކަމުގައިވެސް ރޭގައި ފުލުހުން ބުންޏެވެ.

ނޫސްވެރިންގެ އެ ބައްދަލުވުމުގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ވަޒީރު ޢަލީ އިޙްސާން ސިފަކުރެއްވީ އެ 18 މުވައްޒަފުންނަކީ ޔުނީފޯމު ވިއްކާލި މުވައްޒަފުންތަކެއްގެ ގޮތުގައެވެ.

މައްސަލައިގާ 18 މީހަކު ހިމެނޭކަން ހާމަކޮށްފައިވާއިރު އަދި ހައްޔަރުކޮށްފައިވަނީ 13 މީހެކެވެ. ބާކީ ފަސް މީހުންނާއި ގުޅޭގޮތުން ފުލުހުން އަދި މަޢުލުމާތެއް ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް