ދަރިން ތަރުބިއްޔަތު ކުރުމުގައި މައިންބަފައިން އެ ދަރީންނާ އޮންނަ ގުޅުން ބަދަހިކުރަންޖެހޭކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
ފަސްޓްލޭޑީ ސާޖިދާ މުޙައްމަދު މިހެން ވިދާޅުވީ މި ޖުލައި މަހާއެކު ފެށިގެންމިދާ "ދަ ގްލޯބަލް ޕޭރެންޓިންގ މަންތު" އާއި ގުޅުވައި ޔުނިސެފުން ފަށާ ބެލެނިވެރިޔާ ޕްރޮގްރާމަށް ދެއްވި ޚާއްޞަ މެސެޖެއްގައެވެ.
އެ މެސެޖުގައި ފަސްޓްލޭޑީ ވިދާޅުވެފައިވަނީ ދަރިން ތަރުބިއްޔަތު ކުރުމަކީ ވަރަށް މުހިންމު އަދި ވަރަށް ބޮޑު ޒިންމާއެއް ކަމަށެވެ.
"އެގޮތުން މައިންބަފައިން ނުވަތަ ބެލެނިވެރިން ކުދިން ތަރުބިއްޔަތު ކުރުމަށްޓަކައި އެކުދިން ރަނގަޅުގޮތަށް ތަރުބިއްޔަތު ކުރާނަމަ އެކުދިންނާ އެކީގަ އޮންނަ ގުޅުން ބަދަހިކުރަންޖެހޭ" ފަސްޓްލޭޑީ ވިދާޅުވިއެވެ.
އެކަމަނާ އެގޮތުން ވިދާޅުވީ ތަފާތު އެކި އުމުރުގެ ކުދިންނާއެކު އެ ގުޅުން ބަދަހިކުރަން ޖެހެނީ ތަފާތު ގޮތްތަކަށް ކަމަށާއި މިގޮތުން ވަކިން ހާއްސަކޮށް ކުޑަކުއްޖަކާއެކީގަ ގުޅުން ބަދަހިކުރާނަމަ އެކުއްޖާއާއެކީގަ އެކުއްޖާގެ ލެވެލްގަ އެކްޓިވިޓީތަކުގަ އަޅުގަނޑުމެން ބައިވެރިވާންޖެހޭ ކަމަށެވެ. އަދި ހަމައެގޮތުން ފުރާވަރަށް އަރައިގެން އަންނަ ކުއްޖާއާއެކީގަ މަސައްކަތްކުރާނަމަ އެކުއްޖާއަކީ މައިންބަފައިންގެ އެންމެ ގާތް ރަހުމަތްތެރިޔާގެ ގޮތުގަ ގެންގުޅެން އެބަޖެހޭކަމަށެވެ.
"މިގޮތްގޮތުން ނޫނިއްޔާ ގުޅުން ބަދަހިވެގެން ނުދޭ، ވަކިން ހާއްސަކޮށް މައިންބަފައިން ނުވަތަ ބެލެނިވެރިޔާއާ އެ އޮންނަ އިތުބާރު އުފެދުނު ވަރަކަށް މި ގުޅުން ބަދަހިވެގެން މިދަނީ" ފަސްޓްލޭޑީ ވިދާޅުވިއެވެ.
އެކަމަނާ އިތުރަށް ވިދާޅުވީ އެ އިތުބާރާއެކީގަ މާހައުލުގެ ތެރޭގަ މި ފެންނަ ނޭދެވޭ ކަންތައްތަކުން އެކުދިން ސަލާމަތްކުރުމަށްޓަކާ ވަރަށް ބޮޑަށް އެހީތެރިކަން ލިބިގެންދާނެކަމަށާއި އެއީ އެކުދިން އެންމެ އިތުބާރު ކުރަނީ އެކުދިންގެ މައިންބަފައިން ނުވަތަ ބެލެނިވެރިންކަމުގައިވަނީނަމަ އެކުދިން މާހައުލުން ފެންނަ ކޮންމެ ކަމަކަށް އިތުބާރުކޮށް އެއަށް ދިއުން ކުޑަކުރެވިގެންދާނެކަމަށެވެ.
https://www.facebook.com/UNICEF.MDV/videos/379012524767044
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް