އެމްއެސްއެސް އިން އިތުރު ބޯޓެއް ގެނައުމަށް ޖަރުމަނުގެ ކުންފުންޏަކާއެކު ސޮއި ކޮށްފި

އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި، މޯލްޑިވްސް ސްޓޭޓް ޝިޕިންގ (އެމްއެސްއެސް) އިން އިތުރު ބޯޓެއް ގެނައުމަށް ޖަރުމަނުގެ ކުންފުންޏަކާއެކު ސޮއި ކޮށްފިއެވެ. އެ ކުންފުނީގެ ތިން ވަނަ ބޯޓު ގެނައުމުގެ އެއްބަސްވުމު...

01 Jul 2022 | 14:33

އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި، މޯލްޑިވްސް ސްޓޭޓް ޝިޕިންގ (އެމްއެސްއެސް) އިން އިތުރު ބޯޓެއް ގެނައުމަށް ޖަރުމަނުގެ ކުންފުންޏަކާއެކު ސޮއި ކޮށްފިއެވެ.

އެ ކުންފުނީގެ ތިން ވަނަ ބޯޓު ގެނައުމުގެ އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ އެސްޓީއޯ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

މި އެއްބަސްވުމުގައި އެމްއެސްއެސްގެ ފަރާތުން ސޮއިކުރެއްވީ އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު ހުސައިން އަމްރުއެވެ. ޖަރުމަނުވިލާތުގެ ކެންޑްލާ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރު ޖޯނަސް ކެލާއެވެ.

އެމްއެސްއެސްގެ ތިން ވަނަ ބޯޓަށް ދީފައިވާ ނަމަކީ "އެމްއެސްއެސް ގްރެފީން" އެވެ. އެ ކުންފުނީގެ ދެވަނަ އަމިއްލަ ކޮންޓެއިނަރު ބޯޓު "އެމްއެސްއެސް ގްރެފީން" އަކީ ގާތްގަނޑަކަށް 680 ކޮންޓެއިނަރު އުފުލޭ ބޯޓެކެވެ. މި ބޯޓު ދަތުރުކުރާނީ ރާއްޖެ އާއި ސިންގަޕޫރު އަދި މެލޭޝިއާއަށެވެ.

https://twitter.com/stateshippingmv/status/1542829747956494336

އެ ބޯޓުގެ ދަތުރުތައް އަންނަ އޮގަސްޓު މަހުގެ ތެރޭގައި ފެށުމަށް މަސައްކަތް ކުރަމުން އަންނައިރު، އެމްއެސްއެސްގެ އަމިއްލަ ފުރަތަމަ ބޯޓު، "އެމްއެސްއެސް ގެލީނާ” ރާއްޖެ ގެނެސްފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައެވެ.

އަވަށްޓެރި ސްރީލަންކާއާއި ރާއްޖެއާ ދެމެދު ދަތުރުތައް ކުރަމުން އަންނަ އެ ބޯޓަކީ ވެސް 680 ކޮންޓެއިނަރު އުފުލޭ ވަރުގެ ބޯޓެކެވެ.

އެ ބޯޓާއެކު އިތުރު ކޮންޓެއިނަރު ބޯޓެއްވެސް އޮވެއެވެ. ނަމަވެސް އެއީ ޗާޓަރު ކޮށްގެން ގެނެސް، އިންޑިއާގެ ކާގޯ ފެރީގެ ގޮތުގައި އޮޕަރޭޓުކުރާ "އެމްސީޕީ ލިންޒް" އެވެ. އެ ބޯޓަކީ 20 ފޫޓުގެ 700 ކޮންޓެއިނަރ އެއްފަހަރާ އުފުލޭ ވަރުގެ ބޯޓެކެވެ.

އެމްއެސްއެސް އިން ގަތް އަމިއްލަ ދެވަނަ ބޯޓަކީ "އެމްއެސްއެސް ކްރޯމް" އެވެ. އެ ބޯޓު ރާއްޖެ ގެނައީ ހުސްވި ޖޫން މަހުގެ ތެރޭގައެވެ. އެ ބޯޓަކީ ރާއްޖޭގެ ޝިޕިންގ ތާރީޚުގައި ގައުމީ ޝިޕިންގ ލައިނަކުން ގަނެގެން ގެނައި އެންމެ ބޮޑު ބޯޓެވެ. ސިންގަޕޫރުގެ ކޮސްކޯ ޝިޕިންގ ކުންފުނިން ގަނެގެން ގެނައި މި ބޯޓަކީ 43,000 ޓަނުގެ ބަލްކު ކެރިއަރެކެވެ.

ދައުލަތުގެ ޝިޕިންގ އިންޑަސްޓްރީ ފުޅާ ކުރުމުގެ ވިސްނުމުގައި އެސްޓީއޯއިން އުފެއްދި ސްޓޭޓް ޝިޕިންގ އަކީ އެ ކުންފުނީގެ 99.9 ޕަސެންޓު ހިއްސާ އެސްޓީއޯގައި އޮވެއެވެ. ބާކީ 0.1 ޕަސެންޓު ހިއްސާ އޮންނަނީ އެސްޓީއޯގެ ސަބްސިޑަރީ ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް) ގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް