ކުރިއަށް އޮތް ހަފްތާގައި މުދާ ވިއްކާ ތަންތަނުން، އަދި ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުން 24 ގަޑިއިރު ޑެލިވަރީގެ ޚިދުމަތް ދެވިދާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން މިހެން ބުނެފައިވަނީ މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައެވެ.
އެ ނޫސްބަޔާނުގައި ބުނެފައިވަނީ މިއަދުން ފެށިގެން އަންނަ ހަފްތާގެ ބުރާސްފައްޗާއި ހަމައަށް މުދާ ވިއްކާ ތަންތަނުން، އަދި ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުން 24 ގަޑިއިރު ޑެލިވަރީގެ ޚިދުމަތް ދެވިދާނެ ކަމަށެވެ. އަދި ޑެލިވަރީގެ ޚިދުމަތް ދިނުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިޔަފާރިތަކަށް ދޫކޮށްފައިވާ ކޮންމެ ފާހެއްވެސް ބޭނުންކުރެވިދާނެ ކަމަށެވެ.
އެގޮތުން މިނިސްޓްރީން ހަތަރުކަމެއް ފާހަގަކޮށްފައިވެއެވެ. އެއީ،
01 ޖުލައި 2021 އިން ފެށިގެން 8 ޖުލައި 2021 ގެ ނިޔަލަށް މުދާ ވިއްކާ ތަންތަން އަދި ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ޢާންމުންނަށް ހުޅުވާލައިގެން ޚިދުމަތް ދެވޭނީ، ފަތިހު 4:00 އިން ރޭގަނޑު 8:00 އާ ދެމެދު ކަމަށާއި،
01 ޖުލައި 2021 އިން ފެށިގެން 8 ޖުލައި 2021 ގެ ނިޔަލަށް މުދާ ވިއްކާ ތަންތަނުން، އަދި ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުން 24 ގަޑިއިރު ޑެލިވަރީގެ ޚިދުމަތް ދެވިދާނެ ކަމަށާއި، ޑެލިވަރީގެ ޚިދުމަތް ދިނުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިޔަފާރިތަކަށް ދޫކޮށްފައިވާ ކޮންމެ ފާހެއްވެސް ބޭނުންކުރެވިދާނެ ކަމަށާއި،
ކާފިއު ގަޑިތަކުގައި އެ ވިޔަފާރިއަކުން ކޮންމެހެން ކުރަންޖެހޭ ކަމެއް ކުރުމަށްޓަކައި، ބޭރަށް ނުކުތުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ކުރިން ދޫކޮށްފައިވާ Gov/Company ފާސް ބޭނުންކުރެވިދާނެ ކަމަށެވެ.
"ކާފިއު ގަޑިތަކުގައި، Gov/Company ފާސް ނެތް ފަރާތަކުން މުހިންމު ބޭނުންތަކުގައި ކޮންމެހެން ނުކުންނަން ޖެހިއްޖެނަމަ، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޕޯޓަލް މެދުވެރިކޮށް މިސެލޭނިއަސް ފާހެއް ނަންގަވަންވާނެއެވެ." މިނިސްޓްރީގެ ނޫސްބަޔާނުގައިވެސް ބުނެފައިވެއެވެ.
އިތުރަށް ބުނެފައިވަނީ ކޮވިޑުގެ ޙާލަތާއި ގުޅިގެން ކުރިން އަޅާފައިވާ ފިޔަވަޅުތަކަށް ބަދަލު ގެނައުމާއި ގުޅިގެން، އެ މިނިސްޓްރީ މެދުވެރިވެގެން ހުއްދަ ދޫކުރުން 01 ޖުލައި 2021 އިން ފެށިގެން ހުއްޓާލާފައިވާކަން އާންމުކޮށް އަންގާ އިޢުލާން ކުރާކަމަށާއި އަދި މުދާ ވިއްކާ ތަންތަނާއި ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުން ހެލްތް ޕްރޮޓެކްޝަން އެޖެންސީން ކަނޑައަޅާ އުޞޫލުތަކާ އެއްގޮތަށް ޢަމަލުކުރަން ވާނެކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް