ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު މޮލްޑިވްސް ނެޝަނަލް ޔުނިވާސިޓީގެ ވަޒީފާއިން ވަކި ކުރީ އިންސާފުން ނޫން ކަމަށް ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ޑރ އިޔާޒަކީ އެމްއެންޔޫގެ ފެކަލްޓީ އޮފް ޝަރީއާއިން ލޯ ގެ އެސިސްޓެންޓް ޕްރޮފެސަރު/ ސީނިއާ ލެކްޗަރާއެކެވެ. ޑރ. އިޔާޒު ވަޒީފާއިން ވަކި ކުރިކަން ކަށަވަރުކޮށްދެއްވާ އެމްއެންޔޫގެ ވައިސް ޗާންސެލާ މުހައްމަދު ޝަރީފު މީޑިއާގައި ވިދާޅުވީ އޭނާ ވަޒީފާއިން ވަކި ކުރީ ސޯޝަލް މީޑިއާގައި ފާޅު ކުރަމުންދާ ހިޔާލުތަކާއި ގުޅިގެން އެކަން އިސްލާހު ކުރުމަށް ތަކުރާރުކޮށް ނަސޭހަތް ދީ އިންޒާރު ދިނުމުންވެސް އެކަން އިސްލާހު ނުކުރުމުން ކަމަށެވެ.
އެމްއެންޔޫގެ ނިންމުމާއި މެދު ހިތްހަމަޖެހި ވަޑައިނުގަންނަވާކަން ހާމަކޮށް ޝެއިހް އިމްރާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިޔާޒްގެ ބައެއް ފިގުހީ ރައުޔުތަކާއި އެއްބަސް ނުވެވުނަސް އިޔާޒާއި މެދު އެމްއެންޔޫއިން އެޅި ފިޔަވަޅަކީ އިންސާފުވެރި ފިޔަވަޅެއް ކަމަށް ދެކިވަޑައި ނުގެންނަވާ ކަމަށެވެ. އަދި އެ ނިންމުން ބަދަލު ކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވި އެވެ.
އިމްރާން ވިދާޅުވީ ދީނީ ހިލާފުތަކާއި މެދު އިލްމީ މުއައްސަސާތަކުގައި މިނިވަން ކަމާއި އެކު އިލްމީ ގޮތުން ރީތި އަހްލާގީ ބަހުސްކޮށް ހައްލު ހޯދަން ވާނެ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ އެންމެ ބޮޑު ޔުނިވާސިޓީގައި އެ ދޮރު ބަންދުކޮށް ހަރުކަށިފިކުރު އިސްކުރުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
https://twitter.com/ShimranAb/status/1410610234540707852
މިނިސްޓަރު ވިދާޅުވީ ޑރ. އިޔާޒަކީ ރާއްޖޭގައި އިސްލާމީ ޝަހްސިއްޔަތު ހަރުދަނާ ކުރުމަށް ދީނީ އިލްމުވެރިއެއްގެ ހައިސިއްޔަތުން ނުހަނު ގިނަ ހިދުމަތް ކުރައްވާ ބޭފުޅެއް ކަމަށެވެ.
ޑރ. އިޔާޒު މަގާމުން ވަކި ކުރުުން ޝަރީފު ޓެގު ކުރައްވާ ޑރ. އިޔާޒު ޓުވިޓާގައި ވިދާޅުވެފައިވަނީ އެބޭފުޅުންނަށް ހުކުމްކޮށް އަދަބު ދެވޭނީ މިދުނިޔެމަތީގައި ކަމަށެވެ. އަދި މާތް ﷲގެ އިރާދަފުޅުން އޭނާއަށް ނިކަމެތިކަމެއް ނުލިބޭނެ ކަމަށް ވިދާޅުވެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް