ިއިންޑެކްސް ފިހާރަ ކައިރިން ހޮވި 100 ރުފިޔާއެއްގެ ވެރިފަރާތް ހޯދަނީ

ފުލުހުންގެ ބެލުމުގެ ދަށުގައި ބައެއް ތަކެތީގެ ވެރި ފަރާތް ހޯދަން އިއުލާނު ކޮށްފި އެވެ. ފުލުހުން މިއަދު ކޮށްފައިވާ އިއުލާނުގައި ވާގޮތުން ތިނެއްޗެއްގެ ވެރިފަރާތް ދަނީ ހޯދަމުންނެވެ. އެއީ ވައްކަމުގެ ދެ މައ...

01 Jul 2021 | 15:12

ފުލުހުންގެ ބެލުމުގެ ދަށުގައި ބައެއް ތަކެތީގެ ވެރި ފަރާތް ހޯދަން އިއުލާނު ކޮށްފި އެވެ.

ފުލުހުން މިއަދު ކޮށްފައިވާ އިއުލާނުގައި ވާގޮތުން ތިނެއްޗެއްގެ ވެރިފަރާތް ދަނީ ހޯދަމުންނެވެ. އެއީ ވައްކަމުގެ ދެ މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައި ހުރި އެއްޗެތިތަކަކާއި ހޮވާފައިވާ އެއްޗެކެވެ.

ފުލުހުން ބުނީ އޭގެ ތެރެއިން ވެރިފަރާތް ހޯދަމުންދާ100 ރުފިޔާ އަކީ މިދިޔަ މަހުގެ25 ވަނަ ދުވަހު މާފަންނު ހަނދުވަރީ ހިނގުމުގައި ހުންނަ ދަމާސްގެ އިންޑެކްސް ފިހާރަ ކައިރިން އާންމުންގެ މީހަކު ހޮވި100 ރުފިޔާ ކަމަށެވެ. އެމީހާ ވަނީ އޭގެ ވެރިފަރާތް ހޯދައި ހަވާލު ކުރުމަށް ފުލުހުންނާއި އެ ފައިސާ ހަވާލުކޮށްފައި އެވެ.

ދެން ހޯދަމުން ދަނީ ޖޫން 19 ވަނަ ދުވަހު ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ދެ މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ޓޫލްސްތަކެއްގެ ވެރިފަރާތެވެ. ޖޫން 26 ވަނަ ދުވަހު ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ޕަވާ އިންވާޓާއެއްގެ ވެރި ފަރާތްވެސް ފުލުހުން ދަނީ ހޯދަމުންނެވެ.

މި ތަކެތީގެ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަންބަރު 9631696 އަށް ގުޅައި އިންސިޑެންޓް ނަންބަރާ އެކު އެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދެ އެވެ. އަދި ތަކެއްޗާ ހަވާލުވުމަށް ކާކުކަން އެނގޭނެ ލިޔުމަކާ އެކު ޝަހީދު ހުސައިން އާދަމް ބިލްޑިންގަށް ހާޒިރުވާންޖެހޭނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް