އަންނަ އާދިއްތަ ދުވަހުން ފެށިގެން ސަރުކާރު އޮފީސްތައް ހުޅުވައިގެން ހިދުމަތްދޭ ގޮތަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފި އެވެ.
ރައީސް އޮފީހުން މިއަދު ނެރެފައިވާ ބަޔާނުގައި ވަނީ އޮފީސްތަކަށް ނުކުމެގެން މަސައްކަތް ކުރިޔަށް ރަސްމީ މަސައްކަތު ގަޑީގެ ތެރޭގައި މަސައްކަތް ނިންމުމަށް މުވައްޒަފުންނަށް ބާރުއެޅުމަށް އަންގައިފަ އެވެ. ނުރަސްމީގަޑީގައި އިދާރާ ހުޅުވައިފައި ބަހައްޓަންޖެހޭ ހާލަތްތަކުގައިވެސް، އެންމެ ލަސްގަޑިއަކީ ހަވީރު 4:00 ކަމުގައި ހަމަޖައްސާފައިވެ އެވެ.
ނުރަސްމީ ގަޑީގައި މުވައްޒަފުން މަސައްކަތްކުރަން ނުޖެހޭގޮތަށް އޮފީހުގެ މަސައްކަތްތައް ރޭވުމާއި ދަންފަޅި އުސޫލުން މަސައްކަތް ކުރާ އިދާރާތައް ފިޔަވައި، ސަރުކާރުގެ އެހެން އިދާރާތައް، ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި ނޫން ގޮތަކަށް މެންދުރުފަހު 2:00ގެ ފަހުން ހުޅުވައިގެން މަސައްކަތް ނުކުރުމަށް އިލްތިމާސްކޮށްފައިވެ އެވެ.
ކޯވިޑް-19 އާ ގުޅިގެން ސަރުކާރުގެ އިދާރާތަކުން އޮންލައިންކޮށް ދޭން ފެށި ހިދުމަތްތައް އެގޮތަށް ދެމުން ގެންދިޔުމަށް އެދިފައިވެ އެވެ. އަދި ދެވެން ހުރި އިތުރު ހިދުމަތްތަކަކީ ކޮބައިތޯ ބަލައި، އެ ހިދުމަތްތައް އޮންލައިންކޮށް ދެވޭނެ އިންތިޒާމުތައް ހަމަޖައްސަމުން ގެންދިއުމަށް ވެސް އުސޫލުގައި ވެ އެވެ.
މީގެ އިތުރުން، ސަރުކާރުގެ އިދާރާތައް ހިންގުމާއި މަސައްކަތްކުރާއިރު ސިއްހީ ރައްކާތެރިކަމުގެ ގޮތުންނާއި މަސައްކަތު މާހައުލުގެ ސާފުތާހިރުކަމުގެ ގޮތުންނާއި އިޖުތިމާއީ ގައިދުރުކަމުގެ ގޮތުން އަޅަން އެޗްޕީއޭގެ ލަފަޔާއި މަޝްވަރާގެ މަތިން ސިވިލް ސާވިސް ކޮމިޝަނުން ކަނޑައަޅާ ފިޔަވަޅުތައް ސަރުކާރުގެ އިދާރާތަކުން ތަންފީޒުކުރަންވާނެ ވެސް އެ އުސޫލުގައި ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް