މަރުގެ ދިޔަ އެއް ލައްކައިން އެއް މިލިއަން ރުފިޔާއަށް ބޮޑުކޮށްފި

ރާއްޖޭގެ މަރުގެ ދިޔައިގެ ގޮތުގައި ނަގައިދޭ މިންވަރު އެއް މިލިއަން ރުފިޔާއަށް ބޮޑުކޮށްފި އެވެ. މީގެ ކުރިން މަރުގެ ދިޔައިގެ ގޮތުގައި ނަގައިދޭ މިންވަރަކީ އެއް ލައްކަ ރުފިޔާ އެވެ. މަރުގެ ދިޔައިގެ ގޮތުގައި...

01 Jul 2021 | 13:46

ރާއްޖޭގެ މަރުގެ ދިޔައިގެ ގޮތުގައި ނަގައިދޭ މިންވަރު އެއް މިލިއަން ރުފިޔާއަށް ބޮޑުކޮށްފި އެވެ.

މީގެ ކުރިން މަރުގެ ދިޔައިގެ ގޮތުގައި ނަގައިދޭ މިންވަރަކީ އެއް ލައްކަ ރުފިޔާ އެވެ. މަރުގެ ދިޔައިގެ ގޮތުގައި ނަގައިދޭ އަދަދު އެއް ލަައްކަ ރުފިޔާއަށް ހެދީ 1995 ވަނަ އަހަރު އެވެ.

އިސްލާމީ ޝަރީއަތުގައި މީހެއްގެ މަރުގެ ދިޔައިގެ ގޮތުގައި ކަނޑައަޅާފައިވަނީ 100 ޖަމަލެވެ. އެކަމަކު މި ޒަމާނުގައި އެ އަގު ކުރަނީ ފައިސާއިން ކަމަށްވާތީ ޖަމަލު އަގުކުރާ މިންވަރު ދުވަސް ދުވަހުން އިސްލާމީ ގައުމުތަކުގައި ބަދަލު ކުރަމުންދެ އެވެ.

ސުޕްރީމް ކޯޓުން މިއަދު އާންމުކުރި އަދަބު ކަނޑައެޅުމުގެ އުސޫލުގައި ބުނެފައިވާ ގޮތުގައި މަރުގެ ދިޔަ ދޭންޖެހޭ ހާލަތްތަކުގައި އެންމެ ލުއި މިންވަރަކީ ވެސް އެއް މިލިއަން ރުފިޔާ އެވެ. އަދި މަރަށް މަރު ނުހިފޭ ހާލަތްތަކުގައި އިސްލާމީ ޝަރީއަތުގައިވާ ގޮތުގެ މަތިން ކައްފާރާގެ ގޮތުގައި ޖެހިޖެހިގެން 60 ދުވަހު ރޯދަ ހިފަން އަމުރުކުރަން އެ އުސޫލުގައި ހިމަނާފައިވެ އެވެ.

އެ ދިޔަ ކަނޑައެޅުމަށްފަހު އެ ފައިސާ މަރުވި މީހާގެ ވާރިސުންނަށް ލިބިދިނުމަށްޓަކައި ސިވިލް ކޯޓަށް ވަކި މުއްދަތެއްގައި ދެއްކުމަށް ކުށްވެރިޔާއަށް ޝަރީއަތުން އަންގަންވާނެ ކަމަށް އުސޫލުގައިވެ އެވެ. އަދި، ސާބިތު ދަރަނީގެ ޗުޓް ހަދައި ތަންފީޒުކުރުމަށްޓަކައި ސިވިލް ކޯޓަށް ފޮނުވަންޖެހެ އެވެ.

މަރުގެ ދިޔައަކީ މަރާލެވުނު މީހުންގެ ވާރިސުންނަށް އޮންނަ ހައްގެކެވެ. މަރަށްމަރު ހިފުމުގެ ބަދަލުގައި މަރުގެ ދިޔައަށް އެދުމުގެ ހައްގު ވާރިސުންނަށް ވަނީ ލިބިދީފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް