އިންޑިއާގެ ވަރުގަދަ އިންޒާރާއި އެކު އީޔޫއިން ކޮވިޝީލްޑައި ކޮވެކްސިންއަށް ހުއްދަ ދީފި

މިއަދުން ފެށިގެން ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ގައުމުތަކަށް އެތެރެވުމަށް ދޫކުރާ ގްރީން ފާހުގެ މައްސަލައިގަ އިންޑިއާއިން ވަރުގަދަ އިންޒާރެއް ދިނުމުން އެންމެ ފަހުން އެ ގައުމުގެ ދެ ވެކްސިނަށް ހުއްދަ ދީފި...

01 Jul 2021 | 09:30

މިއަދުން ފެށިގެން ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ގައުމުތަކަށް އެތެރެވުމަށް ދޫކުރާ ގްރީން ފާހުގެ މައްސަލައިގަ އިންޑިއާއިން ވަރުގަދަ އިންޒާރެއް ދިނުމުން އެންމެ ފަހުން އެ ގައުމުގެ ދެ ވެކްސިނަށް ހުއްދަ ދީފި އެވެ.

އީޔޫއިން ނިންމާފައިވަނީ މިއަދުން ފެށިގެން ޔޫރަޕްގެ ގައުމުތަކަށް އެތެރެވާ މީހުންގެ އަތުގައި އެ ޔޫނިއަންގެ މެޑިކަލް އެޖެންސީ ގަބޫލުރާ ކޯވިޑް ވެކްސިންގެ ދެ ޑޯޒު ޖަހާފައިވާ މީހުންނަށް ލުއިދޭންފެށެވެ. އެކަމަކު އެ ޖަމާއަތުން ވަނީ އިންޑިއާގެ އުފެއްދުންތައް ކަމަށްވާ ކޮވިޝީލްޑާއި ކޮވެކްސިންއަށް ހުއްދަ ދިނުން މަޑުޖައްސައި ފަސް ޖޮށްފައި އެވެ.

ކުރިން ބުނެފައިވަނީ އީޔޫގެ މެޑިކަލް އެޖެންސީން ހުއްދަ ދެނީ ވެކްސިން އުފައްދާ ކުންފުނިތަކުން ހުއްދައަށް އެދުމުން ކަމަށާއި އެ ދެ ވެކްސިން އުފައްދާ ކުންފުނިން ހުއްދައަށް އެދިފައި ނުވާ ކަމަށެވެ. އެކަން އެނގުމުން ކޮވިޝީލްޑް އުފައްދާ އިންޑިއާގެ ސީރަމް އިންސްޓިޓިއުޓުން ވަނީި އެ ހުއްދައަށް އެދިފައި އެވެ.

އޭގެ ފަހުންވެސް ވަގުތު ކުޑަތަންވީއިރުވެސް އީޔޫއިން އެ ދެ ވެކްސިންއަށް ހުއްދަ ނުދިނުމުން އިންޑިއާއިން ވަރަށް ރުޅި ގަދަވެފައި އެވެ. އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ އޮފިޝަލަކު މީޑިއާގައި ބުނެފައިވަނީ އިންޑިއާއިން ޕްރެޝަރުކޮށް އިންޒާރު ދިނުމުން އީޔޫއިން މިހާރު ހުއްދަ ދިން ކަމުގެ ޑިޖިޓަލް ސެޓްފިކެޓް ފޮނުވާފައިވާ ކަމަށެވެ.

އެކަމަކު މިކަން އަދި އީޔޫއިން ކަށަވަރެއް ނުކޮށްދެ އެވެ. އަދި ބައިނަލްއަގުވާމީ ބައެއް މީޑިއާ ރިޕޯޓުތައް ބުނާގޮތުން އީޔޫއިން އިންޑިއާ ކޯވިޑް ވެކްސިންތައް ގަބޫލު ކުރި ކަމެއް އަދި ޔަގީނެއް ނުވެ އެވެ.

އިންޑިއާއިން އީޔޫއަށް އިންޒާރު ދީފައިވަނީ އެ ގައުމުގެ ދެ ވެކްސިނަށް ހުއްދަ ނުދޭނަމަ ޔޫރަޕްގެ ގައުމުތަކުން އެގައުމަށް މީހުންނަށް އެތެރެ ނުވެވޭނެ ކަމަށް ބުނެ އެވެ. އަދި އީޔޫއިން ދޫކުރާ ވެކްސިން ޕާސް އިންޑިއާއިން ގަބޫލު ނުކުރާނެ ކަމަށް ބުނެފައިވެ އެވެ.

އިންޑިއާ އާބާދީގެ ދެ މިލިއަނަށްވުރެ ގިނަ މިހުންނަށް ކޮވެކްސިން އާއި ކޮވިޝީލް ވެކްސިން ޖަހާފައިވާއިރު އެ ވެކްސިން އީޔޫގެ ގައުމުތަކުން ބަލައި ނުގަތުމަކީ އިންޑިއާ ރައްޔިތުންނާއި މެދު ކުރެވޭ ވަރަށް ބޮޑު ތަފާތެއް ކަމަށް އެ ގައުމުން ބުނެ އެވެ. އަދި ގްރީން ފާހެއް ދަތުރުވެރިންނަށް ތައާރަފު ކުރުމަކީ ވެކްސިން ނުލިބިގެން ނުޖެހި ތިބި ގައުމުތަކުގެ ރައްޔިތުންނާއި މެދު ކުރެވޭ ތަފާތު ކުރުމެއް ކަމަށް ބުނެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް