ޗައިނާ އަކީ މެލޭރިއާ ބަލި ނެތް ގައުމެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަރު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ކަނޑައަޅައިފި އެވެ.
ޗައިނާއިން އެންމެ ފުރަތަމަ މެލޭރިއާ ފެނިފައިވަނީ 1940 ވަނަ އަހަރުގެ އެވެ. އެ އަހަރުތަކުގައި އެ ގައުމުން އަހަރަކު 30 މިލިއަން މީހުންނަށް މެލޭރިއާ ޖެހެ އެވެ.
ޑަބްލިއުއެޗްއޯއިން ބުނީ ޗައިނާއަށް މެލޭރިއާ ނައްތާލެވިފައިވާ ކަމުގެ ސެޓްފިކެޓް ދިނީ މިދިޔަ ހަތަރު އަހަރު މެލޭރިއާގެ އެއްވެސް ކޭސްއެއް ޗައިނާގައި ރިޕޯޓު ކޮށްފައި ނުވާތީ ކަމަށެވެ. އަދި އެއީ ޗައިނާ ކުރި ބުރަ މަސައްކަތެއްގެ ގޮތުގައި ޑަބްލިއުއެޗްއޯއިން ފާހަގަ ކުރެ އެވެ.
ޗައިނާއިން ވަނީ މެލޭރިއާ ބައްޔާއި ދެކޮޅަށް ގިނަ މަސައްކަތްތަކެއް އެ ގައުމުގެ އެކި ސަރަހައްދުތަކުގައި ކޮށްފައި އެވެ. ހާއްސަކޮށް މަދިރި ނައްތާލުމަށް އެޅި ފިޔަވަޅުތައް ފާހަގަ ކުރެ ވެއެވެ.
މެލޭރިއާ ނައްތާލެވިފައިވާ ކަމުގެ ސެޓްފިކެޓް ދެނީ ޖެހިޖެހިގެން ހަތަރު އަހަރު މެލޭރިއާގެ ކޭސްއެއް އެ ގައުމަކުން ނުފެންނަ ނަމަ އެވެ. އަދި އެކަން ޑަބްލިއެޗްއޯއަށް ހެއްކާއި އެކު ސާބިތު ކޮށްދޭން ޖެހެ އެވެ.
ޑަބްލިއުއެޗްއޯއީން ބުނީ މިހާރު މެލޭރިއާ އެންމެ ބޮޑަށް ފެތުރެމުން ދަނީ އެފްރިކާގެ ގައުމުތަކުގައި ކަމަށެވެ. އެގޮތުން 2019 ވަނަ އަހަރު ފެނުނު 229 މިލިއަން މެލޭރިއާ ކޭސްގެ ތެރެއިން 94 ޕަސެންޓަކީ އެފްރިކާގެ ގައުމުތަކުން ފެނިފައިވާ ކޭސްތައް ކަމަށް ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް