ގާޒީގެ ހުއްދަ ނުހޯދައި ޝަރީއަތުގެ މަޖިލީހުން ނުކުތުމުން ފުލުހުންނަށް 3،000 ރުފިޔާގެ ޖޫރިމަނާއެއް

ކްރިމިނަލް ކޯޓުގައި ކުރިޔަށް ދިޔަ ޝަރީއަތެއްގައި ގާޒގެ ހުއްދަ ނެތި ފުލުހަކު ޝަރީއަތުގެ މަޖިލީހުން ނުކުތުމުން ފުލުހުންގެ އިދާރާ 3،000 ރުފިޔާއިން ޖޫރިމަނާ ކޮށްފި އެވެ. އިއްޔެ ބޭއްވި އެ ޝަރީއަތަކީ މަސްތު...

01 Jul 2021 | 07:14

ކްރިމިނަލް ކޯޓުގައި ކުރިޔަށް ދިޔަ ޝަރީއަތެއްގައި ގާޒގެ ހުއްދަ ނެތި ފުލުހަކު ޝަރީއަތުގެ މަޖިލީހުން ނުކުތުމުން ފުލުހުންގެ އިދާރާ 3،000 ރުފިޔާއިން ޖޫރިމަނާ ކޮށްފި އެވެ.

އިއްޔެ ބޭއްވި އެ ޝަރީއަތަކީ މަސްތުވާތަކެތި ޓްރެފިކް ކުރުމާއި ގެންގުޅުމާއި ބޭނުން ކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ހުރި މީހެއްގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތެކެވެ. ދިވެހި ފުލުހުންގެ ހިދުމަތް ޖޫރިމަނާ ކޮށްފައިވަނީ ޝަރީއަތުގެ ހުރުމަތް ކެނޑިކަމަށް ނިންމުމަށް ފަހު އެވެ.

ކަން ހިނގާ ދިޔަ ގޮތަށް ބަލާއިރު އެ ފުލުސް މީހާ ޝަރީއަތުގެ އަޑު އެހުން ކުރިޔަށް ދިޔަ އިރު ހުރީ އެއްޗެއް ކާގޮތަށް އަނގަތަޅުވަތަޅުވަ އެވެ. އެހެންވެ ގާޒީ ދީބާނާޒު ފަހުމީ ވަނީ އެ ފުލުސް މީހާ ބޭރަށް ގޮސް އަނގަ ސާފުކޮށްގެން އައުމަށް އަންގަވާފައި އެވެ.

އެ އެންގުމާއި އެއްގޮތަށް ފުލުސް މީހާ އަނގަ ސާފުކޮށްގެން އެނބުރި ޝަރީއަތުގެ މަޖިލީހަށް ވަނުމަށް ފަހު އިރުކޮޅެއް ފަހުން ކުއްލިއަަށް ގާޒީގެ ހުއްދަ ނެތި މާލަމުން ނުކުމެގެން ދިޔައީ އެވެ. އެ ފުލުސް މީހާ އަލުން އެނބުރި އައުމުން ގާޒީ ނިންމެވީ، ޝަރީއަތުގެ ހުއްދަ ނެތި ޝަރީއަތުގެ މާލަން ދޫކޮށް ދިއުމުން ޝަރީއަތުގެ ހުރުމަތް ކަނޑާފައިވާ ކަމަށެވެ.

އެކަމުގެ އަދަބެއްގެ ގޮތުން "ފުލުހުންގެ ހިދުމަތް" 3،000 ރުފިޔާއިން ޖުރިމަނާކުރަން ގާޒީ ނިންމެވީ އެވެ.

ކޯޓުގެ ހުރުމަތް ކެނޑޭ އަމަލެއް ކޮށްފި ނަމަ 15 ދުވަހަށް ވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށް ލުމުގެ އިހްތިޔާރު ގާޒީއަށް ލިބިގެންވެ އެވެ. ނުވަތަ ގިނަވެގެން އެއް މަހަށް ގޭ ބަންދު ކުރުން، ނުވަތަ 10،000 ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުމުގެ އަދަބެއް ވެސް ދެވިދާނެ އެވެ.

ޝަރީއަތުގެ މަޖިލީހުގައި ކޯޓުގެ ހުރުމަތް ކެނޑޭ ފަދަ ކަމެއް ކޮށްފި ނަމަ އެއީ ވަގުތުން އަދަބު ކަނޑައެޅޭނެކަން ކޮންމެ އަޑުއެހުމެއް ފެށުމުގެ ކުރިން ކޯޓު އޮފިސަރުން އިއުލާނު ވެސް ކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް