މިނިވަން ނޫހުގެ ކުރީގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ގެއްލުނު މައްސަލައިގަ ހާދިސާ ހިނގާދިޔަ ގޮތް ކަމަށްބުނެ ކުޅެފައިވާ ވީޑިއޯއެއް މަރާލާފައިވާ މީހުންނާއި ގެއްލިފައިވާ މީހުންގެ މައްސަލަ ތަހުގީގު ކުރަން އެކުލަވާލާފައިވާ ކޮމިޝަނުން އާންމު ކޮށްފި އެވެ.
މިއަދު އާންމު ކުރި އެ ވީޑިއޯއިން ފެންނަނީ ހަމަ ކުރިންވެސް ފުލުހުންނާއި އެ ކޮމިޝަނުން އާންމު ކުރަމުން އައި ސީސީޓީވީ ފުޓޭޖާއި މީހަކު ރިލްވާނަށް ވެގެން ކުޅެފައިވާ މަންޒަރުތަކެކެވެ. އެކަމަކު ކުޅެފައިވާ އެ ބަޔަކީވެސް މީގެ ކުރިން އެ ކޮމިޝަނާއި ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކެވެ.
ވީޑިއޯގައި ރިލްވާންގެ ދައްތަ އާއި ކޮމިޝަނުން އެދިފައިވަނީ އެ މައްސަލަ އާއި ގުޅޭ މައުލޫމާތު ލިބިފައިވާ ފަރާތެއް ވާނަމަ މަރު ކޮމިޝަނާއި ހިއްސާ ކުރުމަށެވެ. އަދި އެރޭ ރިލްވާން ކާރަށް އަރުވަނިކޮށް ވެއްޓުނު ވަޅީގެ މައުލޫމާތު އެނގޭ މީހަކު ވާނަމަ ކޮމިޝަނާއި ހިއްސާ ކުރުމަށް އެދިފައިވާއިރު ރިލްވާންގެ މަރާ ގުޅޭ މައުލޫމާތު ދީފި ނަމަ ދޭން ހުށަހަޅާފައިވާ ފަސް ލައްކަ ރުފިޔާގެ އިނާމު އަދިވެސް އެ މައުލޫމާތު ހިއްސާ ކުރާ ފަރާތަކަށް ލިބޭނެ ކަމަށް ބުނެފައިވެ އެވެ.
އެ ފަޅީގެ ފޮޓޯ އާންމުކޮށް މައުލޫމާތު ހިއްސާ ކުރުމަށާއި ފައިސާގެ އިނާމު ލިބޭނެކަން މަރު ކޮމިޝަނުން ހާމަ ކުރީ މިދިޔަ ފެބްރުއަރީ މަހުގެ އަށް ވަނަ ދުވަހު އެވެ. ކޮމިޝަނުން މިއަދު އާންމު ކުރި ވީޑިއޯގައި ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު ވަޅި އާއި ގުޅޭ އެއްވެސް މައުލޫމާތެއް އާންމު ފަރާތަކުން ހިއްސާ ކޮށްފައެއް ނުވެ އެވެ.
އޭގެ އެއްދުވަސް ފަހުން މަރު ކޮމިޝަނުން ބުނެފައިވަނީ ވަޅީގެ ފޮރެންސިކް ތަހުލީލުތައް ކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވާފައިވާ ކަމަށެވެ. އެކަމަކު އޭގެ ފަހުގެ މައުލޫމާތެއްވެސް ހާމަކޮށްފައެއް ނުވެ އެވެ.
ރިލްވާން ގެއްލުނު ގޮތް ހޯދައި އާއިލާއަށް އިންސާފު ހޯދައި ދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެންމެ ބޮޑު އެއް ވައުދެވެ. އެކަމަކު ވެރިކަން ދެބައިވުމާއި ގާތް ވެފައިވާއިރު ފަޅީގެ ފޮޓޯ އާންމު ކުރުން ފިޔަވާ އިތުރު އާ މައުލޫމާތެއް އަދި ހާމައެއް ނުކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް