ޓެރަރިޒަމަށް ފަންޑު ކޮށްފައެއް ނުވާނެ: އަލީ ރަމީޒު

ޓެރަރިޒަމްގެ އެއްވެސް ހަމަލާއަކަށް ފަންޑުކޮށްފައި ނުވާނެ ކަމަށް ސަލަފު ޖަމިއްޔާގައި އިސްކޮށް އުޅުއްވާ އަދި ދީނީ ކަންކަމަށް މީހުން ހޭލުންތެރި ކުރުވުމުގައި ހަރަކާތްތެރިވާ އަލީ ރަމީޒް ވިދާޅުވެއްޖެއެވެ. އ...

01 Jul 2021 | 05:03

ޓެރަރިޒަމްގެ އެއްވެސް ހަމަލާއަކަށް ފަންޑުކޮށްފައި ނުވާނެ ކަމަށް ސަލަފު ޖަމިއްޔާގައި އިސްކޮށް އުޅުއްވާ އަދި ދީނީ ކަންކަމަށް މީހުން ހޭލުންތެރި ކުރުވުމުގައި ހަރަކާތްތެރިވާ އަލީ ރަމީޒް ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ޓެރަރިޒަމް ހަމަލާތަކަށް ހިތްވަރުދީ އެފަދަ އަމަލުތަކަށް ފަންޑު ކުރާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ކިޔަމުން ދިޔަ ފާޑުކިޔުންތަކަށް ޖަވާބު ދެމުންނެވެ. އެކަމާއި ގުޅޭގޮތުން ވާހަކަ ދެއްކެވީ ކްލަބް ހައުސްގައި މީހަކު ސުވާލު ކުރުމުންނެވެ.

އަލީ ވިދާޅުވީ އޭނާ އަކީ ޓެރަރިޒަމްގެ ހަމަލާތަކަށް ހިތްވަރު ދޭ މީހެއް ނޫން ކަމަށެވެ. އަދި ޖަމިއްޔަތުއް ސަލަފުން ހަނގުރާމައަށް މީހުން ފޮނުވާ ވާހަކައާއި، ޓެރަރިޒަމަށް ފަންޑުުކުރާ ވާހަކަތަކީވެސް ކަނޑައެޅިގެން ދޮގެއް ކަމަށެވެ.

އަލީ ވަނީ އެފަދަ ކަމެއް ނުކުރާ ކަމަށް މާތް ﷲ ގަންދީ ހުވާ ކޮށްފައި އެވެ.

އަލީ ރަމީޒް ވިދާޅުވީ ތަހުގީގީ އިދާރާތަކުން ބޭނުން ނަމަ އޭނާ ފޯނުން ދައްކާ ހުރިހައި ވާހަކަތަކާއި، މެއިލް މެދުވެރިކޮށް ދައްކާފައި ހުރި ހުރިހާ ވާހަކަތަކަކީ ބެލެން ހުންނަ އެއްޗެހިއެވެ. އެހެން ކަމުން އެފަދަ ކަމަކަށް ހިތްވަރު ނުދޭކަން ސާބިތުވާނެ ކަމަށް ވިދާޅުވި އެވެ. އަދި އޭނާ ޓެރަރިޒަމަށް ހިތްވަރު ދޭ ކަމަށްބުނެ އެފަދަ ވާހަކަތައް ދައްކަމުން ދާމީހުން އެ ކުރަނީ ތުހުމަތުތަކެއް ކަމަށް ވިދާޅުވި އެވެ.

އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދުގެ ސަން ސިޔާމް ކުންފުނިން ސަލަފް ޖަމިއްޔާއަށް ފަންޑް ކުރާ ކަމަށް ބުނެ ދެކެވޭ ވާހަކަތައް ވެސް އަލީ ރަމީޒް ދޮގު ކުރައްވާފައިވެއެވެ. ސަން ސިޔާމު އަތުން "ބައި ރުފިޔާ" ވެސް ސަލަފް ޖަމިއްޔާއަށް ދީފައި ނުވާނެ ކަމަށް އޭނާ ވިދާޅުވެެެއެވެ.

ވެރިކަން ކުރާ އެމްޑީޕީން އަބަދުވެސް ސަލަފު ޖަމިއްޔާއަށް ބޮޑެތި ތުހުމަތައް ކުރެ އެވެ. އެގޮތުން އެމްޑީޕީއަށް ތާއީދު ކުރާ ގިނަ ބަޔަކު ސޯޝަލް މީޑިއާގައިވެސް އެ ޖަމިއްޔާއަށް އަމާޒުކޮށް ހަރުކަށި ފިކުރުގެ ބައެއް ކަމަށާއި ހައްޔަރު ކުރަން ޖެހޭ ކަމަށް ގޮވާލަމުންދެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް