ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމުން ޑރ. މުހައްމަދު ޖަމީލު ވަކި ކުރެއްވުމަށްފަހު އެ މަގާމަށް ޓުއަރިޒަމް މިނިސްޓަރު އަހުމަދު އަދީބު ގެނައުމަށް އިދިކޮޅު ފަރާތްތަކުގެ "ބްލެސިން" އަދީބަށް ލިބިފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.
ޝުޖާ މިހެން ވިދާޅުވީ ރޭ ސަންގުޓީވީގެ "ހަބަރަށްފަހު" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
"ފެންނަ މަންޒަރުތަކުން ދެކެވޭ ވާހަކަތަކުން އެމްޑީޕީވެސް އަދި ޖޭޕީންވެސް ގަބޫލު ކުރައްވާ އަދީބު ހުރުމެކޭ، ޖަމީލު ހުކުމެކޭ ވާނީ އެއްވަރުކަން، އެބޭފުޅުންވެސް ގަބޫލު ކުރައްވާ މި ފަހަކަށް އައިސް ނުފެންނަވަރުގެ ސިޔާސީ ސަހްސިއްޔަތެއްކަން އަދީބަކީ" ޝުޖާ ވިދާޅުވި އެވެ.
ނައިބުރައީސް ކަމަށް ގެންނަން ބޭނުންވަނީ އަދީބު ކަމަށާއި އެއީ ސަބަބުތަކެއް ނެތި ނޫން ކަމަށެވެ. އެގޮތުން އަދީބުގެ ގައުމީ ހިދުމަތުގެ ބެކްގްރައުންޑަށް ބަލަންޖެހޭ ކަމަށާއި ރައީސް ހަވާލުކުރާ ކޮންމެ މަސައްކަތެއް މަސްއޫލިއްޔަތެއް ބަރާބަރަށް ޑެލިވަރީ ކުރަމުން އަންނައިރު ނައިބު ރައީސަކަށް އަދީބު ގެންނަން ޖޮއިން ޕާލަމެންޓަރީ ގްރޫޕުންނާއި ރާއްޖޭގެ މެޖޯރިޓީ އިއްތިފާގުވާކަމަށް ޝުޖާ ވިދާޅުވި އެވެ.
ނައިބު ރައީސް ޖަމީލުގެ އިތުބާރުނެތްކަމުގެ މައްސަލައިގާ ވާހަކަފުޅު ދައްކަވަމުން ޝުޖާއު ވިދާޅުވީ އިދިކޮޅު ފަރާތްތަކާއެކު ސިއްރު ޑީލްތައް ހަދައިގެން ސަރުކާރު ވައްޓާލާ ހިސާބަށް ދިޔައިމަ އިތުބާރު ނޯންނާނެ ކަމަށެވެ.
"މޭޑޭގެ ކަންތައް ހިނގި އިރު ވަޒީރުންނާ މަޖިލިސް މެމްބަރުންނާ ޓީވީއަށް އަރާހެދި، ނައިބު ރައީސަށް ދައުވަތު އެރުވުނު، ކޮންތާކުތޯ ހުންނެވީ؟ (ރައީސްގެ) އިސްތިއުފާއަށް ގޮވާނީ ކޮންވަގުތެއްގައިތޯ ބަލަބަލާ ހުރީ، އިދިކޮޅު ފަރާތްތަކާ އޮންނަނީ ކޮން ގުޅުމެއްކަން އެނގޭ، ޑީލް ހަދައިގެން ވެރިކަން ބަދަލުކުރަން ނިކުންނަ ހިސާބަށް ދިޔައިމަ އިތުބާރެއް ނޯންނާނެ ނޫންތޯ؟" ޝުޖާ ވިދާޅުވި އެވެ.
އިނގިރޭސިވިލާތުގައި ހުންނަވާ ދިވެހި މީޑިއާތަކަށް ނައިބު ރައީސް ފޮނުއްވެވި ބަޔާނަށް ރައްދު ދެއްވައި ޝުޖާ ވިދާޅުވީ މަކަރާ ހީލަތުން އެއްވެސް ކަމެއް ކުރަން ނޫޅޭ ކަމަށެވެ. އަދި މަކަރާ ހީލަތުން ކަމެއް ކުރާނަމަ އޯޕަން ފޯރަމެއްގައި އިސްތިއުފާ ދެއްވުމަށް ވިދާޅުނުވާނެ ކަމަށް ޝުޖާ ވިދާޅުވި އެވެ. އަދި ހީލަތްތެރިއީ ނައިބު ރައީސް ކަމަށާއި ރައީސް ޔާމީން ކުރެން ހުއްދަ ހޯދައިގެން ބޭސްފަރުވާއަކަށް ލަންކާއަށް ދިއުމަށްފަހު ފިއްލަވައިގެން އިނގިރޭސިވިލާތަށް ދިއުމުން ހީލަތްތެރީ ކާކުކަން ވަރަށް ސާފުކޮށް އެނގޭ ކަމަށެވެ.
އިނގިރޭސިވިލާތުގައި ހުރެ ނައިބު ރައީސް ފޮނުއްވި ބަޔާނުގައި އެމަނިކުފާނު ވިދާޅުވެފައިވަނީ އިތުބާރުނެތްކަމަށް ނިންމާ މައްސަލައިގާ އެއްވެސް ހުއްޖަތެއް ނެތްކަމަށާއި އެއީ ޒާތީ ކަމެއް ކަމަށެވެ.
އެމަނިކުފާނަކީ ރައްޔިތުންގެ ސީދާ ވޯޓު އިންތިހާބު ކުރައްވާފައިވާ ބޭފުޅެއް ކަމަށާއި “ރައްޔިތުންގެ އަތުގައި އޮތް ބާރަކުން ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމުގެ ދަށުން އިންތިހާބު ކޮށްފައިވާ ފަރާތެއް ދުސްތޫރީ ގޮތުން ހުއްޖަތެއް ނެތި، ހަމައެކަނި ވަކި ބަޔަކު ނުވަތަ ވަކި ޖަމާއަތެއް ބޭނުން ގޮތަކަށް އެއްފަރާތް ކޮށްލުމަކީ ދިވެހި ރައްޔިތުންގެ އަތުގައި އޮތް ބާރެއް ނުހައްގުން އަތުލައިގަތުން” ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް