ޖަނަރޭޓަރުތައް ޖައްސަން ފަށައިފީމު – އައިޖީއެމް އާއި ދަރުމަވަންތަ ހޮސްޕިޓަލަށް ކަރަންޓު ދީފީމު: ސްޓެލްކޯ

މުޅި މާލެ، ހުޅުމާލެ އަދި ހުޅުމާލެއިން ކަރަންޓު ކެނޑިފައިވާއިރު މިހާރު ޖަނަރޭޓަރުތައް ޖައްސަން ފަށާފައިވާކަމުގައި ސްޓެލްކޯއިން ބުނެފިއެވެ. މީޑިއާތަކަށް މަޢުލޫމާތު ދެމުން ސްޓެލްކޯއިން ދެންމެ ބުނީ މާލެއާ...

01 Jun 2025 | 09:42

މުޅި މާލެ، ހުޅުމާލެ އަދި ހުޅުމާލެއިން ކަރަންޓު ކެނޑިފައިވާއިރު މިހާރު ޖަނަރޭޓަރުތައް ޖައްސަން ފަށާފައިވާކަމުގައި ސްޓެލްކޯއިން ބުނެފިއެވެ.

މީޑިއާތަކަށް މަޢުލޫމާތު ދެމުން ސްޓެލްކޯއިން ދެންމެ ބުނީ މާލެއާއި ހުޅުމާލޭގެ ޖަނަރޭޓަރުތައް ޖައްސަން ފަށައި، ކްރިޓިކަލް ތަންތަނުގެ ގޮތުގައި ބެލެވޭ އައިޖީއެމް ހޮސްޕިޓަލާއި ދަރުމަވަންތަ ހޮސްޕިޓަލަށް މިހާރު ކަރަންޓު ދީފައިވާކަމަށެވެ.

"މީގެ އިތުރުން މާލެއާއި ހުޅުމާލޭގެ އެހެން ސަރަހައްދުތަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ދަނީ ކުރެވެމުން" ސްޓެލްކޯއިން ބުނެފައިވެއެވެ.

މުޅި މާލެއިން ކަރަންޓު ކެނޑިފައިވާއިރު ފުލުހުން ބުނެފައިވަނީ ގްރޭޓަރ މާލެ ސަރަހައްދުން ކަރަންޓް ކެނޑިފައިވާ މައްސަލައާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ އެކަން ހިނގި ގޮތް ބެލުމަށް ހާއްސަ ތަހުގީގެއް ފަށާފައިކަމަށެވެ.

ފުލުހުން މިހެން ބުނެފައިވާއިރު ކަރަންޓު ކެނޑުނު މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ދަންނަވާފައިވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.

ރައީސް މިހެން ވިދާޅުވެފައިވަނީ މާލެ، ހުޅުމާލެ އަދި ހުޅުލެއިން "ޓޯޓަލް ބްލެކްއައުޓް" އަކަށް ގޮސްފައިމިވާ ދަނޑިވަޅުގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް ވިދާޅުވެފައިވަނީ މިފަދަ ކަމެއް ތަކުރާރު ނުވާނޭހެން ކަރަންޓުގެ ޚިދުމަތުގެ ކަންކަން އިންތިޒާމު ކުރަން ކުރަންޖެހޭ ހުރިހާ ކަމެއް ސަރުކާރުން ކުރާނެ ކަމަށެވެ.

ސްޓެލްކޯއިން ބުނެފައިވަނީ ޓޯޓަލް ބްލެކްއައުޓަކަށް ވާތީ ގްރޭޓާ މާލެ ގްރިޑް އަލުން އެނާޖައިޒް ކުރުމުގެ ކުރިން ފުރިހަމަކުރަން ޖެހޭ ޗެކަޕްތައް ފުރިހަމަކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ. ޗެކަޕްތައް ނިމުނުހާ އަވަހަކަށް މާލެއާއި ހުޅުމާޅެ ޖެންސެޓްތައް އެނާޖައިޒް ކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް