ދުވަހުގެ މޫސުމަށް ބަލައިލާއިރު މިއަދު އުތުރާއި މެދުރާއްޖެއަށް ކަނޑުގަދަ ކަމަށާއި ދިޔަވަރު ބޮޑުވާ ވަގުތު ރާއްޖޭގެ ބައެއް ރަށްރަށަށް އުދައިގެ އަސަރުކުރުން އެކަށީގެންވާކަމުގައި މެޓުން ބުނެފިއެވެ.
މޫސުމާއިބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މިހެން ބުނެފައިވަނީ މިއަދުގެ އިރުއޮއްސުމާއިހަމައަށް ލަފާކޮށް ނެރެފައިވާ މޫސުމީ ބުލެޓިންގައެވެ.
މޫސުމީ އެ ބުލެޓިންގައި ބުނެފައިވާގޮތުގައި މިއަދު ރާއްޖޭގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެއެވެ. އަދި ގުގުރުން އެކަށީގެންވެއެވެ.
"ހުޅަނގުދެކުނާއި ހުޅަނގުން، އުތުރާއި މެދުރާއްޖޭގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ. ދެކުނުގެ އަތޮޅުތަކަށް، ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 05 މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވޭ" މެޓުން ބުނެފައިވެއެވެ.
މިއަދު ރާއްޖޭގެ ކަނޑުތަކަށް ބަލައިލާއިރު އުތުރާއިމެދުރާއްޖޭގެ ކަނޑުތައް ގަދަވާނެކަމަށާއި ދެކުނުގެ ކަނޑުތައް އާދައިގެވަރަކަށް މަޑުވާނެ ކަމަށް ބުނެފައިވެއެވެ.
ރާޅުގެ އުސްމިނަށް ބަލައިލާއިރު ދެކުނުގައި ރާޅުގެ އުސްމިން ހުންނަނީ ދެ ފޫޓާއި ހަތަރު ފޫޓާއި ދެމެދުގައި ކަމަށް ބުނެފައިވާއިރު އުތުރާއި މެދުރާއްޖޭގައި ރާޅުގެ އުސްމިން ހުންނާނީ ތިން ފޫޓާއި ހަ ފޫޓާއި ދެމެދުގައި ކަމަށްވެސް ބުނެފައިވެއެވެ.
މިއަދު ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްރަށަށް އުދައިގެ އަސަރު ފޯރުން އެކަށީގެންވާކަމާއި އުތުރާއި މެދުރާއްޖޭގެ ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވާންވާނެކަމަށް މެޓުން އިލްތިމާސްކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް