ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ނިންމުމަށް އަމާޒުކޮށްގެން ހުށަހަޅާފައިވާ އައު ހުށަހެޅުމަށް ހަމާސްއިން ރަސްމީކޮށް ޖަވާބުދެއްވައިފިއެވެ. މި އެއްބަސްވުން ހުށަހަޅުއްވާފައިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މެދުއިރުމަތީގެ ސަފީރު، ސްޓީވް ވިޓްކޮފްއެވެ.
ހަމާސްއިން ދެއްވި ޖަވާބުގައި ވިދާޅުވެފައިވަނީ، އިސްރާއީލުން ބަންދުކޮށްފައިވާ ފަލަސްތީނުގެ ގައިދީން ދޫކޮށްލުމުގެ ބަދަލުގައި 10 ރަހީނުންނާއި މަރުވެފައިވާ 18 މީހުންގެ ހަށިގަނޑު ދޫކޮށްލުމަށް އެ ޖަމާއަތުން ތައްޔާރަށް ތިބި ކަމަށެވެ. އަދި ހަނގުރާމަ މުޅިން ހުއްޓާލަން އެއްބަސްވުމުގައި ހިމެނެންޖެހޭނެ ކަމަށް އެ ޖަމާއަތުން ވިދާޅުވެފައިވެއެވެ. މިއީ އިސްރާއީލުން ކުރިން ދެކޮޅުހަދާފައިވާ ކަމެކެވެ.
ހަމާސްގެ ހުށަހެޅުމުގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ:
1. ހަނގުރާމަ ދާއިމީކޮށް ހުއްޓާލުން
2. އިސްރާއީލުން ޣައްޒާއިން ފެއިބުން
3. ފަލަސްތީނުގެ ރައްޔިތުންނަށް މެދުނުކެނޑި އިންސާނީ އެހީ ފޯރުކޮށްދިނުން
ހަމާސްގެ ތަރުޖަމާނަކު ވިދާޅުވެފައިވަނީ އެމެރިކާގެ ހުށަހެޅުމަށް އެޖަމާއަތުން ޖަވާބުދީފައިވަނީ ފަލަސްތީނުގެ އެހެން ޖަމާއަތްތަކާވެސް މަޝްވަރާ ކުރުމަށް ފަހުގައި ކަމަށެވެ.
ކަމާ ބެހޭ އިސްވެރިއަކު ރޮއިޓަރސްއަށް މައުލޫމާތުދީފައިވާގޮތުގައި ހަމާސްއިން އެއްބަސްވުމަށް ބައެއް ބަދަލުތައް ގެންނަން ހުށައަޅާފައިވީނަމަވެސް ޖުމުލަ ގޮތެއްގައި އެ ޖަމާއަތުގެ ޖަވާބު ރަނގަޅެވެ.
މި ހަފުތާގެ ކުރީކޮޅު އިސްރާއީލުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާގޮތުގައި ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ އިސްރާއީލުގެ ރަހީނުންގެ އާއިލާތައް ގާތުގައި އިސްރާއީލުން އެމެރިކާގެ މި ހުށަހުމަށް އެއްބަސްވެފައިވާ ކަމަށް ބުނެފައިވެއެވެ. ނަމަވެސް އެ ސަރުކާރުން މިހާތަނަށް ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
ހަނގުރާމަ މެދުކަނޑާލުމުގެ ކުރީގެ މަޝްވަރާތައް ނާކާމިޔާބުވެފައިވަނީ މައިގަނޑު ބޮޑެތި ޚިޔާލު ތަފާތުވުންތަކެއްގެ ސަބަބުންނެވެ. މީގޮތުން ހަމާސްއިން މުޅިން ހަތިޔާރު ދޫކޮށްލައި، އެ ޖަމާއަތުގެ ހަތިޔާރުއެޅި ގޮފި އުވާލައި، އަދި ހަނގުރާމަ ހުއްޓުމަކަށް ގެނައުމުގެ ކުރިން ބާކީ ތިބި 58 ރަހީނުން ދޫކޮށްލުމަށް އިސްރާއީލުން ޑިމާންޑުކުރުން ހިމެނެއެވެ. އެހެންނަމަވެސް ހަމާސްއިން ހަތިޔާރު ބަހައްޓަން ދެކޮޅެވެ. އެޖަމާއަތުން ޑިމާންޑުކުރަނީ އިސްރާއީލުން ހަނގުރާމަ ހުއްޓާލައި ޢައްޒާއިން ފޭބުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް