އެންމެ ފަހުން ލިބުނު ކަރަންޓު ބިލު ބޮޑުވެ އެކަމުގެ ކަންބޮޑުވުން އިންތިހާއަށް ގޮސްފައިވާ މި ދަނޑިވަޅުގައި ސްޓެލްކޯގެ އިންޖިނޭރަކު ފޭސްބުކްގައި ކުރި ޕޯސްޓަކަށް ބޮޑު މަގްބޫލުކަމެއް ލިބިގެން ގޮސްފިއެވެ.
އިންޖިނޭރު އަލީ ނިޔާޒްގެ ސްޓޭޓަސް ފަށާފައިވަނީވެސް ސުވާލަކުންނެވެ.
"ލިބުނީ ކޮން ދުވަސްވަރެއްގެ ބިލެއްތޯ އެއްވެސް ބޭފުޅަކު ބަލާލިންތަ ވަގަށް ގޮވުމުގެ ކުރިން؟" އަލީ ނިޔާޒް ސުވާލު އުފައްދާފައިވެއެވެ.
އެއަށްފަހު އޭނާ ބުނެފައިވަނީ ހޫނު މޫސުމުގެ ތޭގައި އެވްރެޖްކޮށް 110މ.ވ. އާއި 113މ.ވ. އާދޭތެރޭގެ ޑިމާންޑެއް މާލެ ސަރަހައްދުގައި އޮތް ކަމަށާއި ޖަނެރޭޝަން ކެޕޭސިޓީ އިތުރުކޮށް، އިތުރު އިންޖީނުތަށް ހިންގި ކަމަށެވެ. އަދި ނިމިދިޔަ ބިލިންގ ސައިކަލްގަ ހޫނުމިން 44 ޑިގްރީ ސެލްސިއަސް އަށްވެސް އެރި ކަމަށެވެ.
"ނިމިދިޔަ ބިލިންގ ސައިކަލްގަ ހޫނުމިން 44 ޑިގްރީ ސެލްސިއަސް އަށްވެސް އެރި. އެކަމު ގޭތެރެ ހުރީ ހަމަ ޗިލް ކޮށް 25 ޑިގްރީގަ އުތަ؟ އޭސީ ނުޖައްސާއިރު ގޭތެރެ 30 އާއި 35 ޑިގްރީ ސެލްސިއަސްއާއި ދެމެދު ހުރިނަމަ ވެސް 25 ޑިގްރީ ސެލްސިއަސް އަށްވުރެ ދަށް ކޮށް އެވަރުގައު ހިފަހައްޓަން އޭސީ އިން ކުރަންޖެހޭ މަސައްކަތް ހިތަށް އަރުވާލިޔަސް ރޮވޭ ހުވާ. ހާދަ އެނަރޖީއެކޭ. ދެން ވިސްނާލާ 40 އާއި 45 ޑިގްރސެލްސިއަސް ގަ ހުރެފަ ތިރިއަށް އަންނަން އެ ފަކީރު ކުރާނެ މަސައްކަތް. މިއީ އަދި އޭސީ އެކަނި، ކޮބާ އަދި ފްރިޖު؟ އެ އަދި މާ ބޮޑަށް ޓެމްޕަރޭޗަރ ދަށް ކުރަންޖެހޭނެ ދޯ؟" އޭނާގެ ޕޯސްޓްގައި ބުނެފައިވެއެވެ.
ނިޔާޒް ބުނެފައިވަނީ ބިލަށް އަސަރު ކުރާނީ ހަމަ އެކަނި އާ އެއްޗެހިތަކެއް ގެއަށް ގަނެގެން ނޫން ކަމަށާއި ބޭނުން ކުރާ ސާމާނު ތަކަކީވެސް ހާލަތަށް ޔޫސޭޖް ޑިޕެންޑު ވާ އެއްޗެހި ކަމަށެވެ.
އެއަށްފަހު އިންޖިނޭރު ބުނެދީފައިވަނީ ކަރަންޓު ޚަރަދު ކުޑަކުރުމަށް ކުރެވިދާނެ ބައެއް ކަންތައްތަކެވެ.
އެގޮތުން 10 ކަމެއް އޭނާ ހިއްސާކޮށްފައިވެއެވެ.
އެއީ:-
1. އޭސީ ސާރވިސް ކޮށްލާ ގޭސް ލެވެލް ޗެކް ކޮށަލާ ގޭސް ލީކެއް އުޅޭނަމަ އެކަން ހައްލު ކޮށްލުން.
2. ފުލް ސާރވިސް އެއްނުކުރި ނަމަ ވެސް މަހަކު އެއްފަހު ކަހަލަ ގޮތަކަށް އައުޓް ޑޯ ޔުނިޓާއި އިންޑޯ ޔުނިޓުގެ ކޯ ކަނޑު ދޮވެލާ ފިލްޓަރު ތަށް ސާފު ކޮށްލުން. އައުޓު ޑޯ ޔުނިޓު އިނީ ވައި ދައުރުވާ ހޫނު ގަދަ ނޫން ތަނެއްގައިތޯ ޔަގީން ކޮށްލުން ވަރަށް މުހިންމު.
3. އޭސީ ކޮށްފަ ހުރި ތަންތަނުގެ ދޮރު ދަށުން ފިނި ވައި ލީކުވާގޮތަށް ހުރި ނަމަ އެތަނަށް ޕެކިނެއްލައި ބަންދު ކޮށްލުން.
4. ބަދިގޭގެ އުނދުނާއި ވީހާވެސް ދުރުގަ ރެފްރިޖްރޭޓަރު ބަހައްޓާލުން.
5. އޭސީ ކޮށްފަ ހުރި ތަންތަނުގެ ބިއްލޫރި ދޮރު ތަކުގައި ވީހާވެސް ބޯ ދޮރުފޮއްޗެއް ދަމާ ފޮރާލުން.
6. ކުރިން ބަޖެޓު ލޯކަމުން ހަރުކުރި ތަނާ އެކަށީގެން ވާ ވަރަށްވުރެ ކުޑަ އޭސީ ޔުނިޓް ތަނާ އެކަށީގެންވާ ވަރުގެ ބޮޑު އޭސީ އަކަށް ބަދަލު ކޮށްލުން.
7. ދާހިއްލިޔަސް ކައްކާއިރު ސިޓިންގ ރޫމު އޭސީ ނުޖެއްސުން. (ސިޓިންގ ރޫމާއި ބަދިގެ އެއްކޮށް ހުންނަ ނަމަ. އެހެންނޫނީ އޯކޭ)
8. ބޭރަށް ދަމުން ވީހާވެސް ގިނަ އެއްޗެހި އޮފްކޮށްލުން. (ހެނދުނު ބޭރަށް ދާ މީހާ ތި އަންނަނީ އިރު އޮއްސޭ ފަހުން. އަންނަ އިރު ކޮޓަރި އައިސް ކޮންޓޭނަރެޢްހެން ނުހުއްޓަސް އޯކޭ ވާނެ. ގެއައް އައިއްސަ އޭސީ އޮން ކޮށްލާފަ ފެންވަރައިގެން ނުކުންނަ އިރަށް ހުންނާނީ ކޮޓަރި ފިނިކޮށް. ހަމަ ހުވާ ޓްރައި އެނގޭ. އިޓްސް ލައިކް މެޖިކް ހަމަ)
9. ފަންކާވެސް ވީކަކު ވަން ފަހަރު ފޮހެލާ ޕްލީޒް. އެ ގޮލާގެ ފިޔަތަކުގަ ހިރަފުސް ހިފައިގެން ބަރުވީމަ ކިހާ ވޭނެއް އަޅާނެ އޭގަވެސް. ލުއި ކޮށްލަދީ. ތަފާތު ފެންނާނެ ހަމަ.
ދޭތެރެ އަކުން ގޭގެ ކަރަންޓު މީޓަރު ބަލާލާ. މީޓަރު ހިނގާވަރާ، އަރާއެއްޗެއް ބަލާލާ. ބިލަށް އަރާނެ ވަރު މޯބައިލް އެޕުގައި ޖަހާލައިގެން ބަލާލެވޭނެ.އިޤްތިސާދު ކުރަން ކުރެވޭނެ ލައްކަ ކަންކަން ބޮލައްވަންނާނެ މި ގޮތަށް ބަލަމުންދާނަމަ.
މި ކަންކަން ކޮއްލެއްވުމުން ނަތީޖާ ފެންނާނެ ކަމުގައި ނިޔާޒް ބުނެފައިވެއެވެ. އަދި ބިލު ކުރެވޭނީ ބޭނުން ކުރި އެއްޗަކަށް ކަމަށާއި ބޭނުން ކުރެވޭވަރު މެނޭޖް ކޮށް ކަރަންޓު އިޤްތިސާދުކޮށްފިނަމަ ބިލަށް އޭގެ އަސަރު ކުރާނެ ކަމަށާއި ރައްޓެއްސަކަށް މި މަޢުލޫމާތު ހިއްސާކޮށްލުމަށްވެސް ނިޔާޒްގެ އެ ޕޯސްޓްގައި އެދިފައިވެއެވެ.
ނިޔާޒްގެ އެ ޕޯސްޓަށް ބޮޑު މަގްބޫލްކަމެއް އަންނަނީ ލިބެމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް