ވާހަކަ: މިހިތުގެ ލޯތްބޭ ތީ - ތޭވިސްވަނަ ބައި

ކުރީގެ އަދަދާއި ގުޅޭ... "ޖަނާން ބުނީ ޓެރޭސްގައި ހުރި ކައިވާގެ ހެދުންކޮޅުތައް ގެނެސްދީބަލާށޭ... " އިޒްވާގެ ކަންފަތްދޮށުގައި ކައިލް ބުނެލިއެވެ. ބޯޖަހައިލުމަށްފަހު އިޒްވާ ގެއަށް ވަންނަން ހިނގައިގަތެވެ. އ...

01 Jun 2023 | 15:52

ކުރީގެ އަދަދާއި ގުޅޭ...

"ޖަނާން ބުނީ ޓެރޭސްގައި ހުރި ކައިވާގެ ހެދުންކޮޅުތައް ގެނެސްދީބަލާށޭ... " އިޒްވާގެ ކަންފަތްދޮށުގައި ކައިލް ބުނެލިއެވެ. ބޯޖަހައިލުމަށްފަހު އިޒްވާ ގެއަށް ވަންނަން ހިނގައިގަތެވެ. އެހިނދު ކައިލް ލޮލުން އަރްހާންއަށް ކޮށްލި އިޝާރާތް އަރްހާންއަށް ފަހުމްވެއްޖެއެވެ. އެބައަންނަމޭ ބުނުމަށްފަހު އިޒްވާގެ ފަހަތުން ގެއަށް ވަންނަން ހިނގައިގަތެވެ.

ޓެރޭސްއަށް އެރުމާއެކު އިޒްވާއަށް ލިބުނީ ހައިރާން ކަމެކެވެ. އެތަނުގައި އެއްވެސް މީހެއްގެ ހެދުމެއް ހިއްކަން އަޅުވާފައެއް ނެތެވެ. ގޭތެރެއަށް ދާން ވެގެން އެނބުރުނުއިރު ކުރިމަތީގައި ޖެހޭ ނުޖެހޭ ހިސާބުގައި ހުރި އަރްހާން ފެނި އިޒްވާއަށް ލިބުނީ ސިހުމެކެވެ. އަވަސް އަވަހަށް ދެފިޔަވަޅު ފަހަތަށް އަޅައިލެވުނެވެ.

"އަހަރެން ބޭނުން އިޒްވާއާ ވާހަކައެއް ދައްކަން.. " އަރްހާން ބުންޏެވެ. އިޒްވާގެ މޫނުމަތިން ފެނުނީ ނުރުހުމެވެ. އަރްހާންއާ އެއްވެސް ވާހަކައެއް ދައްކާކަށް އޭނާ ބޭނުމެއް ނޫނެވެ.

"ބޭކާރު ވާހަކަ ދައްކަން ހުންނާކަށް އަހަރެންނަށް ވަގުތެއް ނެތް." މިހެން ބުނެ އިޒްވާ އަރްހާން ފަސްދީ ހިނގައިގަތެވެ. ހަމަ އެވަގުތު ހުށިޔާރުވެ ހުރެ އަރްހާން އިޒްވާގެ އަތުގައި ހިފައިފިއެވެ. އިޒްވާއަށް ހިންދިރުވައިލެވުނެވެ.

"އަހަރެންދެކެ ރުޅި އައިސްފަތަ؟؟ " އަރްހާން ވާހަކަ ދައްކަމުން އިޒްވާ ގެނެސް އޭނާގެ ކުރިމަތީގައި ބެހެއްޓިއެވެ.

"އަރްހާން ކީއްވެ އައިދަންއަށް ހަމަލާ ދިނީ؟؟ " އަރްހާންގެ ލޮލަށް ބަލަހައްޓައިގެން ހުރެ އިޒްވާ ސުވާލުކުރިއެވެ. އަރްހާން ތުންފަތުގެ ކަނަކުން ހިނިތުންވެލިއެވެ.

"ތިސުވާލުގެ ޖަވާބު އެނގެއެއްނު..؟ " އަރްހާން ބުނެލިއެވެ.

"ކީއްވެ؟؟ " ތުންފިތައިލަމުން އިޒްވާ ބުނެލިއެވެ. އަރްހާން ކުރިއަށްވުރެވެސް އިޒްވާއާ ގާތަށް ޖެހިލިއެވެ. އިޒްވާވެސް އަރްހާންއާ ދުރަށް ދާކަށް ނޫޅުނެވެ.

"އަހަރެންނަކަށް ނޭނގެ ކޮންއިރަކު ކަމެއްވެސް ކިހިނެއް ކަމެއްވެސް.. އެނގޭހާވެސް އެއްޗަކީ އަހަރެން އިޒްވާ ދެކެ ވަރަށް ލޯބިވާކަން. އައިދަން އިޒްވާއަށް ކުރި ޖެއްސުންތައް އެނގުނު ހިނދު އަހަރެންނަށް މަޑުން ނުހުރެވުނީ.. ބުނެބަލަ!! އިޒްވާ ވެސް އަހަރެންދެކެ ލޯބިވޭ ދޯ؟ " އިޒްވާގެ ލޮލަށް ބަލަހައްޓައިގެން ހުރެ އަރްހާން އެހިއެވެ. އަމިއްލަ ނަފްސު ހަމައަކަށް އަޅުވާލަމުން އިޒްވާ އަރްހާން އާ ދުރަށް ޖެހިލިއެވެ.

"އަހަރެންނަކީ އަރްހާންގެ ބޭބެގެ ވާން އުޅޭ އަނބިމީހާ.. " އިޒްވާ ބުނެލިއެވެ.

"ތިކަން އެނގޭ.. އެކަމަކު ތިއީ އަހަރެން ކުރި ސުވާލުގެ ޖަވާބެއް ނޫން.."  އަރްހާން ބުނެލިއެވެ. އިޒްވާގެ ހިތް އަވަސްވިއެވެ. އަރްހާންގެ ކުރިމަތީގައި ބޭޒާރު ވެދާނެތީ އޭނާއަށް ފުރަގަސް ދިނެވެ. ނަމަވެސް އަރްހާން ހުރީ ދޫކުރާ ކަހަލަ ގޮތަކަށް ނޫނެވެ. ގޮސް އިޒްވާގެ ކުރިމަތީގައި ހުއްޓިއްޖެއެވެ. އެހިނދު އިޒްވާ އިސްޖަހައިލިއެވެ.

"އިޒްވާ ނުބުންޏަސް އަހަރެންނަށް އެނގޭ އިޒްވާ އަހަރެން ދެކެ ލޯބިވާކަން.. އެންމެ އިޝާރާތެއް ދީ.. އޭރުން ހަމަ ޔަގީނުންވެސް އިޒްވާ ވާނީ އަހަރެންގެ މީހަކަށް.. އަހަރެމެން ދެމީހުން އެކަކު އަނެކަކު ދެކެ ލޯބިވާ ކަން އެނގުނިއްޔާ ދޮންބެ އުފަލުން އިޒްވާ އަހަރެންނަށް ދޭނެ. މަންމަވެސް ޤަބޫލުވާނެ.. " އަރްހާންގެ ވާހަކަތައް ހުރި ގޮތުން އިޒްވާއަށް ދެފަރާތަށް ބޯހޫރައިލެވުނެވެ.

"ތިހާ އަމިއްލަ އެދުން ބޮޑުނުވޭ އަރްހާން.." އިޒްވާ އަނެއްކާވެސް އަރްހާންއަށް ފުރަގަސް ދިނެވެ. " އެއީ އަރްހާންގެ ބޭބެ. ޝިވަންއާއި ރައިހާނައްތަގެ ހެޔޮކަން އަހަރެން ދުވަހަކުވެސް ހަނދާނެއް ނުނެތޭނެ.. އެދެމީހުންނަށް އަހަރެންގެ ސަބަބުން ދެރައެއް ލިބޭކަށް ބޭނުމެއް ނޫން.. އެންމެ ރަނގަޅުވާނީ އަރްހާން އަހަރެން މަތިން ހަންދާން ނައްތާލިއްޔާ.. އަހަރެން ކައިވެނި ކުރާނީ ޝިވަންއަށް.. މިހާރު ލޯބި ނުވިޔަސް ކޮންމެވެސް ދުވަހަކުން އޭނަ ދެކެ ލޯބިވެވޭނެ ކަމަށް އަހަރެން އުއްމީދު ކުރަނީ.. "

"ތިހެން ނުބުނޭ އިޒްވާ.. " އަރްހާންގެ ހިތްވަރު އެލޭ ގޮތްވިއެވެ.

"އަރްހާން އަހަރެން ދެކެ ލޯބިވަންޏާ އަހަރެން ބޭނުންވާ ގޮތަށް ކަންތައް ކުރަން ދޫކޮށްލާ.. މިއާއިލާ ތެރޭގައި އުޅެން އަހަރެންނަށް ދަތި ނުކުރޭ.. އާދޭސް މިކުރީ.. "  އިޒްވާގެ އަޑު ކުރެހުނެވެ. އިޒްވާ ބޭނުންވާ ގޮތް އެނގުނު ހިނދު އަރްހާންގެ ހިތުގެ ތެޅުންވެސް ލަސްވިހެން ހީވިއެވެ. ހަޔާތުގައި ފުރަތަމަ ފަހަރަށް ވެވުނު ލޯބި ނާކާމިޔާބުވުމުން އަރްހާންގެ މޭފިތުނު ކަހަލަ އިހުސާސެއް ކުރެވުނެވެ. ޤަބޫލުކުރަން ދަތިވިޔަސް ހަޤީޤަތް ވަރަށް ސާފެވެ. އޭނައާ ގުޅޭކަން އިޒްވާ ބޭނުމެއް ނޫނެވެ. އިޒްވާ ބޭނުންވާ ގޮތް އެނގިހުރެ އިތުރަށް އިޒްވާއަށް އުނދަގޫކުރަން ހުދު އަރްހާންވެސް ބޭނުމެއްނުވެއެވެ. އެހެންވެ މަޑުން މަޑުން އެތަނުން ދާން ހިނގައިގަތެވެ. އަރްހާން ދިޔުމާއެކު ތުންފިތައިގަނެފައި އިޒްވާ ރޯންފެށިއެވެ.

************

ކައިވެނީގެ ދުވަސް އައިސް ޖެހުނު އިރު އެންމެންވެސް އުޅުނީ އަވަދިނެތިއެވެ. ހިތް ރޮމުން ދިޔަ ހާލުވެސް އިޒްވާ އެންމެން ތެރޭގައި އުޅުނީ ހިނިތުންވެ ހުރެއެވެ. އެހިނިތުންވުމުގެ ފަހަތުގައި ފޮރުވިފައިވާ ހިތްދަތިކަން ފެންނަމުން ދިޔައީ ހަމައެކަނި ޖަނާންއަށެވެ. ހުރިހާ ކަމެއް އެނގިހުރެވެސް އޭނާއަށް ރަހުމަތްތެރިޔާއަށްޓަކައި ކޮށްދެވޭނެ އެއްވެސް ކަމެއް ނެތެވެ.

ޝިވަންއަށްޓަކައި އިންތިހާއަށް އުފާވެފައި ވީ ނަމަވެސް ރައިހާނާގެ ހިތަށް ނުތަނަވަސް ކަމެއް ވެރިވެފައިވިއެވެ. ހުޅުމާލޭގެ ދަތުރު ނިންމާލާފައި އައި ފަހުން އަރްހާން އުޅުމަށް ބަދަލުތަކެއް އަތުވެއްޖެއެވެ. ކުރިންހެން ކޮޓަރިން ނިކުތުން މަދުވެ ތުންފަތްމަތީގެ ހިނިތުންވުން ގެއްލިއްޖެއެވެ. އަނެއްކާވެސް ކުރީގެ އުޅުމަށް އަރްހާން ގޮސްދާނެތީ ރައިހާނާ އިންތިހާއަށް ކަންބޮޑުވެއެވެ.

ކައިވެންޏަށް ގެ ތައްޔާރުކުރަމުން ދިޔައިރު އަރްހާން އުޅުނީ ފޮއްޓަށް އެއްޗެހި އަޅައެވެ. އޮސްޓްރޭލިއާއަށް ފުރަން އުޅޭ ވާހަކަ އޭނާ އެއްވެސް މީހަކު ކައިރިއަކު ނުބުނެއެވެ. ބުނެފިނަމަ ސުވާލުތައް ކުރިމަތިވާނެއެވެ. އޭނާ ދަނީ އަބަދަށް ކަމަށް ބުނެ ރައިހާނާއާއި ޝިވަން ދެރަކޮށްލަން ބޭނުންނުވާތީއެވެ. ކިތަންމެ މަސައްކަތް ކުރިނަމަވެސް އިޒްވާ އެއީ ފަހަރިއެއްގެ ގޮތުގައި އޭނާއަށް ބަލައެއް ނުގަނެވޭނެއެވެ. އިޒްވާ ފެންނަ ހިސާބުގައި އުޅެފި ނަމަ އޭނާއަށް ގޯހެއް ހެދިދާނެ ކަމުގެ ބިރު އެބައޮތެވެ. އެއްވެސް ހާލެއްގައި އިޒްވާއަށް އުނދަގޫކޮށް ދެރައެއް ދޭން އަރްހާން ބޭނުމެއް ނުވެއެވެ. ހުރިހާ އެންމެންނަށްވެސް އަދި އޭނާއަށް ވެސް އެންމެ ރަނގަޅު ގޮތަކީ އޭނާ އެތަނުން ދިއުމެވެ.

"ހަމަ ދާން ދޯ ތިއުޅެނީ..؟ " ދޮރު މަތިން އިވުނީ ކައިލްގެ އަޑެވެ. އަރްހާން ބަލައެއް ނުލައެވެ.

"ކަމްއޯން މޭން..!! ތީ އަދި އެންމެ ރަނގަޅު ނިންމުމެއް ނޫން. އަދިވެސް ވަގުތު އެބައޮތް. އިޒްވާ އެންމެ ފަހަރަކުވެސް ނުބުނެއެއްނު އަރްހާން ދެކެ ލޯތްބެއް ނުވެޔޭ.. " އަތުގައިވާ ރެޑްބުލް ދަޅު ސައިޑް ކަބަޑު މަތީގައި ބެހެއްޓުމަށްފަހު ކައިލް އައިސް އެނދުގައި އިށީނެވެ.

"ތިދައްކާ އެއްވެސް ވާހަކައަކުން އަހަރެން ދެކޭ ގޮތް ބަދަލެއް ނުވާނެ.. މިނިންމުން ބަދަލެއް ނުވާނެ.. މިހާރު ޤަބޫލުނުކުރެވުނަސް ފަހުން އިޒްވާ އުފަލުގައި އުޅޭތަން ފެނުނީމަ ކައިލްއަށްވެސް ޤަބޫލުކުރެވޭނެ އަހަރެން މިކަންތައް ކުރީ އެންމެ ރަނގަޅަކަށްކަން.. " ފޮށި ލައްޕަމުން އަރްހާން ބުންޏެވެ.

"އެކަމަކު އަރްހާން...." ކައިލް ބުނަން އުޅުނެވެ.

"އިތުރަށް މިވާހަކަ ދައްކާކަށް އަހަރެން ބޭނުމެއްނޫން ކައިލް.. އުއްމީދުކުރަން މިއަދަށްފަހު ކައިލް އަހަރެން ކައިރީ އިޒްވާގެ ވާހަކަ ނުދައްކާނެކަމަށް..  އެހެންނޫނީ އެއީ އަހަރެންގެ ހިތަށް ދެވޭ ވަރަށް ބޮޑު އަނިޔާއެއް ކަމަށްވާނީ.." އަރްހާން ކައިލްއަށް ބަލާވެސް ނުލާ ގޮސް ފާހާނާއަށް ވަނެވެ. ކައިލް ދެފަރާތަކަށް ބޯ ހޫރައިލިއެވެ. މީގެ ކުރިންވެސް އެތައް ފަހަރަކު އަރްހާންއަށް ވިސްނައިދެވޭތޯ އޭނާ މަސައްކަތް ކޮށްފިއެވެ. ނަމަވެސް އަރްހާންގެ ހުންނަ ގޮތް ދޫނުކުރުމުގެ ސިފައިގެ ސަބަބުން އެކަން ވަނީ ދަތިކަމަކަށްވެފައެވެ.

*************

އެނދުމަތީގައި އޮތް ގަމީހާއި ޓަކްސިޑޯއަށް ޝިވަން ބަލަހައްޓައިގެން ހުރީ ހިޔާލަކަށް ގެއްލިފައެވެ. އެމޫނުމަތީގައި އެއްވެސް އުފާވެރިކަމެއް ނެތެވެ. ޖީބުގައި އޮތް ފޯނު ނެގުމަށްފަހު އޭގެއިން އެންމެ ފަހުން ގުޅާފައި އިން ނަމްބަރަށް ބަލައިލިއެވެ. އެނަމްބަރަށް ފިތާލަން އުޅެފައިވެސް ފަސްޖެހެވުނެވެ. އޭނާއަށް ހެދުނު ގޯހަށް ފަހު އެއްވެސް މީހަކު އޭނާއަށް މާފުކުރާނެކަމަށް ޝިވަން އުއްމީދެއް ނުކުރެއެވެ. ފޯނު ރިންގުވާން ފެށީ ފޯނަށް ބަލަހައްޓައިގެން ހުއްޓައެވެ. އަރާފައި އޮތް މައިރާގެ ނަން ފެނުމާއެކު ވަގުތުން ފޯނު ކަނޑާލައިފިއެވެ. ދެވަނަ ފަހަރަށް ގުޅުމުންވެސް ކަނޑާލީއެވެ. ތިންވަން ފަހަރަށް ރިންގުވާން ފެށުމުން ޝިވަން ފޯނު ނެގީ ރުޅި އައިސް ރަތްވެފައެވެ.

"ކިހިނެއްވީތަ މައިރާ..؟ ނޭނގޭތަ ކުޑައިރުކޮޅަކުން އަހަރެން މީހެއްގެ ފިރިއަކަށް ވާން އުޅޭކަމެއް.. ކިތައް ފަހަރު ބުނެފިން އަހަރެންނަށް ނުގުޅާށޭ.. " ޝިވަން ހަޅޭއްލަވައިގަތެވެ.

"އެނގޭ ކުޑައިރުކޮޅަކުން ޝިވަން އިޒްވާއެއީ އަނބިމީހާ ކަމުގައި ޤަބޫލުކޮށްފީމޭ ބުނާނެކަން.. އަހަރެން މިގުޅަނީ ފަހަރެއްގައިވެސް ތިކައިވެނި ހުއްޓުވާ ކައިވެނި ނުކުރާށޭ ބުނާކަށް ނޫން.. ޝިވަންއަށް އެނގެންޖެހޭ މުހިންމު ވާހަކަތަކެއް ހުރީމަ.. ތިގޭ ޓެރޭސް އިން އެންމެ ފަހު ފަހަރަށް އަހަރެންނާ ބައްދަލުކޮށްލަ ދީ.. އޭރުން އަހަރެން ވައުދުވަން ދެން ދުވަހަކުވެސް ޝިވަންގެ ކުރިމައްޗަށް ނާންނާނަން ކަން..  ޕްލީޒް.. އެންމެ ފަހު ފަހަރު އަހަރެންނާ ބައްދަލުކޮށްލަ ދީ.. " އާދޭހުގެ ރާގެއްގައި މައިރާ ބުންޏެވެ. އިރުކޮޅަކު ވިސްނަން ހުރުމަށްފަހު ޝިވަން އެކަމަށް އެއްބަސްވިއެވެ.

*************

ޝިވަން ޓެރޭސްއަށް އެރިއިރު މައިރާ ހުރީ މާކުރިން އެތަނަށް އައިހެވެ. މިލާފައިވާ މައިރާގެ މޫނު ފެނުމުން ޝިވަން އިސްޖަހައިލިއެވެ. މިފަދަ ދަނޑިވަޅެއްގައި މައިރާއާ ހަތަރުކަޅި ހަމަކޮށްފިނަމަ އޭނާގެ ކެތްތެރިކަން ކޮޅުންލާފާނެއެވެ.

"ކީއްކުރަން ބައްދަލުކުރަން ބުނީ.. " ޖީބަށް އަތްޖަހައިލަމުން ޝިވަން ވާހަކަ ދެއްކިއެވެ. ޝިވަންގެ މޫނަށް ބަލަހައްޓައިގެން ހުރުމަށްފަހު މައިރާ ހިންދިރުވައިލިއެވެ. މައިރާ ދެރަވާ ސަބަބަކީ ހަމައެކަނި ޝިވަން އެހެންމީހަކާ އިންނަން އުޅުމެއް ނޫނެވެ. އޭނާގެ ސަބަބުން ޝިވަން އުފުލަން ޖެހިފައިވާ ތަކުލީފުތައް އިހުސާސް ކުރެވޭތީއެވެ. އިޒްވާއާ ކައިވެނިކުރަން އުޅުނަސް އަދިވެސް ޝިވަން ލޯބިވަނީ އޭނާ ދެކެކަން މައިރާއަށް އެނގެއެވެ. މިއަދު އޭނާ ޝިވަންއާ ބައްދަލުކުރަން އެއައީ ޝިވަންއަށް ކޮންމެވެސް ވަރެއްގެ ލުޔެއް ހޯދައިދޭށެވެ.

"އައިދަންގެ އިންޒާރަށް ޝިވަން ބިރުން އުޅޭކަށް ދެން ނުޖެހޭނެ.. " މައިރާ ބުންޏެވެ.

"ތިބުނީ..؟ " ޝިވަން ހައިރާންވެފައި އެހިއެވެ.

"ޝިވަން.... އަހަރެންގެ ސަބަބުން އެތައް ބައެއްގެ ދިރިއުޅުން ބަރުބާދުވެގެން ހިނގައްޖެ.. އަހަރެން ކުރެވުނު ކަންތައްކަށް އިންތިހާއަށް މާފަށް އެދެން.. އެކަން ބަދަލެއް ދެން ނުކުރެވޭނެ.. ހަޔާތުގައި ފުރަތަމަ ފަހަރަށް ކަންނޭނގެ އަހަރެންނަށް ރަނގަޅުކަމެއް މިކުރެވުނީ.. އައިދަން ދެން ދުވަހަކުވެސް ޝިވަންއަށް އުނދަގުލެއް ނުކުރާނެކަމުގެ ޔަގީންކަން ދެން... " މައިރާ ބުންޏެވެ.

"ތިކިޔާ އެއްޗެއް ނޭނގެ އަހަރެންނަކަށް... "  ޝިވަން ހިތްބިރުގަތެވެ. އޭނާ އެހީކުރާ ގޮތަށް ކަންތައްވާކަށް އޭނާ ބޭނުމެއް ނުވެއެވެ. މައިރާ ޝިވަންގެ އަތަށް ދިއްކޮށްލީ ޕެންޑްރައިވްއެކެވެ. ޝިވަން ހައިރާންވެފައި ހުރެ އޭގައި ހިފައިފިއެވެ.

"ތީގައި ތިވަނީ އެ ސީސީޓީވީ ފުޓެޖް.. ޝިވަންއަށް ފެންނަ ގޮތެއް ތީގެއަށް ހަދަންވީ.. އައިދަން އަތުގައި މިހާރު އެވީޑިއޯ ނީންނާނެކަމުގެ ޔަގީންކަން ދެން.. " މައިރާ ބުންޏެވެ. ޝިވަންއަށް ލިބުނު ސިހުމުގައި މައިރާއަށް ބަލައިލެވުނެވެ.

"ކީކޭ..؟؟ މާ.. މާނައަކީ... މައި... އައި.. އައިދަން އާ... " ޝިވަންއަށް އެޖުމްލަ ބުނަންވެސް އުނދަގޫވިއެވެ. ހިންދިރުވައިލަމުން މައިރާ ބޯޖަހައިލީ ޝިވަންއާ ނަޒަރު ވަކިކޮށްލަމުންނެވެ. ޝިވަންއަށް ފަހަތަށް ފިޔަވަޅެއް އަޅައިލެވުނެވެ.

"އަހަރެންނަކީ... މިހާރު... އައިދަންގެ އަނބިމީހާ.. " މައިރާ އެހެންބުނެލި ހިނދު ޝިވަން އަށް ހީވީ ދުނިޔެ އެނބުރިގަތްހެންނެވެ.

"ކީއްވެ؟؟ މޮޔަވީތަ؟ އައިދަން އަކީ ކޮންކަހަލަ މީހެއްކަން އެނގެއެއްނު.. "   ޝިވަން ކުއްލި ހަރަކާތަކާއެކު މައިރާގެ ދެކޮނޑުގައި ހިފާ ފިތައިލިއެވެ.

"އޭތް.. އަހަރެންގެ އަންހެނުން ގައިގަ އަތްނުލާ.. " ތަންކޮޅެއް ދުރުން އިވުނު އަޑާއެކު މައިރާއާއި ޝިވަން ސިހިފައި ބަލައިލިއެވެ. ޝިވަން މައިރާގައިން ދޫކޮށްލުމަށްފަހު ފަހަތަށް ޖެހިލިއެވެ.

"ކުރިންވެސް އަހަރެން ވައުދުވިހެން ތިއޮތީ ވީޑިއޯ ކަލެއަށް ދީފަ.. މިހާރު މައިރާ އެއީ އަހަރެންގެ އަންހެނުން.. އޭނަ ގައިގަ އަތްލުމުގެ ހައްޤެއް ކަލެއަކަށް ނޯންނާނެ.. " އެމީހުންނާ ދިމާލަށް އަންނަމުން އައިދަން ބުންޏެވެ.

"ކީއްކުރަން މިތަނަށް ތިއައީ..؟ އަހަރެންނަށް ފާރަ ލަމުންތަ ތިއައީ.." މައިރާ އެހެން އެހީ ހިތްހަމަނުޖެހިފައެވެ.

"އޯ ނޯ ނޯ ބޭބް.. ހިޔެއް ނުކުރަން މައި މިތާ ހުރެދާނެ ކަމަކަށް.. ލެޓްސް ޓޯކް އެބައުޓް އިޓް އެޓް ހޯމް.. އަސްލު މިތަނަށް މިއައީ އެހެން ކަމަކު.. " މައިރާ ގަޔާ ކައިރިކޮށްލައިގެން ހުރެ ޝިވަންއަށް ބަލައިލަމުން އައިދަން ބުންޏެވެ.

"ކަލޭ މިތަނަށް އަންނަން ޖެހޭ ކަމެއް ނޯންނާނެ.. " ޝިވަންގެ އަޑުގައި ހިތްހަމަނުޖެހުން ވިއެވެ. ކުރިމަތިން ފެންނަމުން ދިޔަ މަންޒަރު ބަލަން އޭނާއަށް ކެތެއް ނުވެއެވެ.

"ނޫނޭ.. ކަލެއަށް ހެޔޮ އެދޭތީ މިއަދު މިތަނަށް މިއައީ.. ތިކުރަން އުޅެނީ ކިހާ ވަރެއްގެ ކަމެއްކަން އަންގައިދޭން.." އައިދަން ބުންޏެވެ.

"ތިބުނާ އެއްޗެއް ބުނެފައި އަވަހަށް މިތަނުން ދާން އުޅޭ...!! " ޝިވަން ބުންޏެވެ.

"އޯކޭ.. އޯކޭ.. އެނގެއެއްނު އަހަރެންނަކީ ވަރަށް ފޮޓޯ ނަގާ ވީޑިއޯ ނަގާ ހިތްވާ މީހެއްކަން.. އެކަމަކު އަސްލު އެދުވަހު އަހަރެން ތިމީހުންގެ ހުޅުމާލެ ފާމް ހައުސްއަށް ދިޔައީ އެކަހަލަ ކަމެއް ކުރަން ވިސްނައިގެންވެސް ނޫން. ބޭނުންވީ ކަލޭގެ ކޮއްކޮ އަހަރެންނަށް ދިން އަނިޔާގެ ބަދަލުގައި އިޒްވާއަށް އަނެއްކާވެސް ޖެއްސުން ކޮށްލަން.. އަހަރެންނަށް ފެނުނު އެންމެން ހޭވައްޓަލާފައި ގޭމް ކުޅުމުގައި އުޅެނިކޮށް.. އަހަރެން ހުރީ އިޒްވާ އެކަނިވާނެ އިރަކަށް ބަލަބަލާ.. އެހެން ހުއްޓާ ފެނުނީ އިޒްވާ ގެއާ ދިމާލަށް ދާތަން.. އޭނަ ފަހަތުން ދާން އުޅެނިކޮށް ފެނިއްޖެ ކަލޭގެ ލޯބިވާ އަރްހާން ކޮއްކޮ އޭނަ ފަހަތުން ދިޔަތަން.. ވަގުތުން އަހަރެންނަށް އެނގިއްޖެ ކޮންމެވެސް ނުބަޔެއް އުޅޭކަން.. އެހެންވެ އަހަރެން އެދެމީހުންނަށް ފާރަލަމުން ދިޔައީ.. އެނގޭތަ ކަލޭގެ ފަހަތުގައި ކަލޭގެ ކޮއްކޮއާއި ވާން އުޅޭ އަނބިމީހާ ކުޅޭ ކުޅިގަނޑު. އަން ބަލާ!! " އައިދަން ފޯނުން އަޅުވާފައި ދެއްކީ ވީޑިއޯ އެކެވެ. އެދުވަހު ޓެރޭސްގައި އަރްހާންއާއި އިޒްވާއާ ދެމެދު ދެކެވުނު ހުރިހާ ވާހަކައެއް އޭގެއިން ފެންނަން ހުއްޓެވެ. މައިރާވެސް ހައިރާންވީ ވަރުން އަނގަމަތީގައި އަތް އެޅިއެވެ. ހައިރާންކަމާއި ހިތްދަތިކަން ވެރިވެފައިވީ ޝިވަން މޫނުން މަޑުމަޑުން ހިނިތުންވުން ފެންނަންފެށިއެވެ. އެމަންޒަރު ފެނި އައިދަންގެ ދެބުމަ ގޮށް ޖެހުނެވެ.

"ހިތާމަތައް ގިނަވެ ދުނިޔެއިން މޮޔަވީތަ؟ " ފޯނު ޖީބަށް ލަމުން އައިދަން އެހިއެވެ.

"ނޫން.. އަދި ކިރިޔާ ހަމަބިމަށް އާދެވުނީ.. އަހަރެމެންގެ ދިރިއުޅުން ހަލާކުކޮށްލަން އުޅެގެން ކަލެއަށް ތިކުރެވުނީ ކިހާ ރަނގަޅު ކަމެއްކަން އެނގޭތަ؟ ކަލޭ ތި ވީޑިއޯ އަހަރެންނަށް ނުދެއްކިނަމަ ކިތައް މީހުންގެ ދިރިއުޅުން ބަރުބާދުވެގެން ދިޔައިސް.. " ޝިވަން ބުންޏެވެ. އައިދަން ހިނިގަނޑެއް ޖަހައިލިއެވެ.

"ހަމަ ރަނގަޅަށްވެސް މޮޔަވެފަ ތިހުރީ.. މައި ހިނގާ ދާން.. " އައިދަން މައިރާގެ އުނަގަނޑުގައި އަތް އަޅުވާލައިގެން ދާން ހިނގައިގަތެވެ. މައިރާ ދަމުން ޝިވަންއަށް ފުންނަޒަރަކުން ބަލައިލިއެވެ. އެންމެ ފަހު ފަހަރަށް ބަލައިލާ ފަދަ ގޮތަކަށެވެ.

******************

މެހެމާނުން އަންނަ ގަޑި ކައިރިވަމުން ދިޔަ ވަރަކަށް އެންމެން އުޅުނީ ހޭބޯ ނާރައެވެ. ތައްޔާރުވެގެން ތިބެ އެންމެންވެސް ކުރަމުން ދިޔައީ ހުރިހާ ކަމެއް ހުރީ ރަނގަޅަށްތޯ ބެލުމުގެ މަސައްކަތެވެ. ސިޑިން ފައިބައިގެން އަންނަ ޝިވަން ފެނިފައި އެންމެންނަށް ލިބުނީ ހައިރާންކަމެކެވެ. ތައްޔާރުނުވެ ހަމައެކަނި ޓީޝާޓަކާއި ޖިންސެއްގައި ހުރުމުންނެވެ.

"ދަރިފުޅާ ޝިވަން މިހާރު ގާޒީ އަންނަން އުޅޭނެ.. އަދިވެސް ތިހިރީ ތައްޔާރުނުވެ.. " ރައިހާނާ ބުންޏެވެ.

"މަންމާ!! އަހަރެން ވަރަށް މުހިންމު ވާހަކައެއް ބުނަން ބޭނުން.. އަލައިކާ ދޭބަލަ އިޒްވާއާއި އަރްހާން ގޮވައިގެން އަންނަން.. " ޖީބަށް އަތް ޖަހައިލަމުން ޝިވަން ބުންޏެވެ.

"ފަހުންވެސް ތިވާޙަކަ ދެއްކިދާނެއްނު.. މެހެމާނުންވެސް އަންނަން އުޅޭނެ މިހާރު.. " ރައިހާނާ ބުންޏެވެ.

"ނޫން މަންމާ.. ކައިވެނީގެ ކުރިން މިވާހަކަ ދެކެވުން މުހިންމު.. އަލައިކާ ދޭބަލަ އެމީހުން ގޮވައިގެން އަންނަން.." ޝިވަން އެހެން ބުނުމުން ހައިރާންވެ ހުރެ ބޯޖަހާލާފައި އަލައިކާ ދާން ހިނގައިގަތެވެ. ޖަނާންއާއި ކައިލްވެސް އެކަކު އަނެކަކަށް ބަލައިލިއެވެ. ޝިވަންއަށް ކަމެއް އެނގުނީބާއޭ ހިތަށް އަރާފައެވެ. ފުރަތަމަ ފައިބައިގެން އައީ އަރްހާން އެވެ. އޭނާވެސް މާބޮޑަކަށް ތައްޔާރުވެފައެއް ނެތެވެ. ކަޅު ގަމީހަކާއި ޖިންސެއްގައި ހުރިއިރު އޭނާގެ މޫނުމަތި ވަނީ މިލާފައެވެ. އަލައިކާގެ އެހީގައި ލައިގެން ހުރި ދިގު ހުދުހެދުމުގައި ހިފަހައްޓައިގެން އަންނަ އިޒްވާއަށް އެންމެންގެ ނަޒަރު ހުއްޓުނެވެ. އަރްހާންއަށް އަމިއްލަ ނަފްސަށް ބާރެއް ނުފޯރުވުނެވެ. އިޒްވާ ފެނުނު ހިނދުން އެހެން ދިމާލަކަށް ބަލައިވެސް ނުލެވުނެވެ. ހިތް ރޮމުން ދިޔަ ހާލުވެސް އެރީތިކަމަށް ތައުރީފު ކޮށްލެވިއްޖެއެވެ. އަރްހާން ސިހުނީ ރައިހާނާގެ އަޑަށެވެ.


ނުނިމޭ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް