މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) ގެ ހެޑް އޮފީސް މާފަންނު ރޭޑިއޯ ބިލްޑިންގ އަށް ބަދަލުކުރުމަށްފަހު މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ.
މިއަދު ހެނދުނު ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ހެޑް އޮފީސް ރަސްމީކޮށް ހުޅުއްވައި ދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދު ފުޅެވެ.
އެމްސީއެސްގެ ހެޑް އޮފީސް ވޭތުވެ ދިޔަ 11 އަހަރު ހިންގާފައި ވަނީ މާލޭގެ އެންމެ ގިނަ ދުވަސްވީ އޮފީސް އިމާރާތް ކަމުގައިވާ ޣާޒީ ބިލްގިންގ ގައެވެ.
ކަރެކްޝަނުން ބުނީ އެމްސީއެސްގެ ހެޑް އޮފީސް ޣާޒީ ބިލްޑިންގ އިން ބަދަލުކުރީ ޣާޒީ ބިލްޑިންގ ބާވެ، ސަރުކާރުން އެ ބިލްޑިންގ ހުސްކުރަން އެންގުމާ ގުޅިގެން ކަމަށެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އޮފް ޕްރިޒަންސް ވިދާޅުވީ ޣާޒީ ބިލްޑިންގ ބާވެ، އެތައް މައްސަލައެއް ކުރިމަތި ވަމުންދާތީ އެކަންކަމަށް ހައްލެއް ލިބޭތޯ މަސައްކަތްކުރަމުން ދިޔަނަމަވެސް، މިފަދައިން އެހެން އިމާރާތަކަށް ބަދަލުވުމަކީ މިއަހަރު އެއްވެސް ގޮތަކަށް ރާވާފައިވާ ކަމެއްނޫން ކަމަށާއި ކުއްލިއަކަށް އެފަދަ ބޮޑު ކަމެއް ކުރަންޖެހުމުން އަދި ހެޑް އޮފީސް ބަންދުކުރަން ޖެހުމުން ބޮޑެތި ގޮންޖެހުންތަކާ ދިމާވި ކަމަށެވެ.
އަދި އެއް މަސް ތެރޭގައި އަޑު ބިލްޑިންގއަށް ބަދަލުވެ، ރަސްމީކޮށް މަސައްކަތް ފެށިގެން ދިއުމާ ހިސާބަށް ހެޑް އޮފީހުގެ އޮފިސަރުންނާއި މުވައްޒަފުން ހީވާގި ކަމާއެކު މަސައްކަތްކުރަމުން ދިޔައިރު ފެނުނީ ކޮމިޝަނަރގެ ހަޔާތުގައި މީގެ ކުރިން ނުފެންވަރުގެ އެކުވެރިކަމާއި އެއްބައިވަންތަކަން ކަމުގައި ކޮމިޝަނަރ ފާހަގަ ކުރެއްވިއެވެ.
ހަމައެހެންމެ ރަސްމީ ވަގުތުގައި އޮފިސަރުންނާއި މުވައްޒަފުން ރަސްމީ މަސައްކަތް ކުރުމުގައި ވަގުތު ހޭދަކުރުމަށް ކޮމިޝަނަރ އިލްތިމާސް ކުރެއްވިއެވެ.
މީގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރ ވިދާޅުވީ މިއަދަކީ އެމްސީއެސްގެ ހަޔާތުގައި އުފާވެރި ދުވަހެއް ކަމަށެވެ. އަދި މި އިމާރާތުގައި ގިނަ މަސައްކަތްތަކެއް ކުރަންޖެހުނު ކަމަށާއި އިމާރާތުގެ ތިން ވަނަ ފަންގިފިލާ ހުސްކުރުމުން އަދި ކުރަންޖެހޭ މަސައްކަތްތައް ހުރިކަމަށް ވިދާޅުވިއެވެ.
އެންމެ މަތިން ފެށިގެން ތިރިއާ ހަމައިން މަޖްބޫރު ކަމެއް ނެތި ޖޯޝުގައި މަސައްކަތްކުރިކަން ފާހަގަކުރައްވަމުން، ހެޑް އޮފީސް ބަދަލުވުމުގެ މަސައްކަތުގައި މާލޭ ޖަލާއި ހުޅުމާލޭ ޖަލުން، ޚާއްސަކޮށް އޮފިސަރުން ފޮނުވައިގެން ވެދެއްވި އެހީތެރިކަމަށް ވަނީ ޝުކުރު އަދާ ކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް