ގައިދީންގެ ހުނަރު ދައްކާލުމަށް ބާއްވާ ފެއާ ހުޅުވައިފި

ޖަލުގައި ތިބޭ ގައިދީންގެ ހުނަރު ދައްކާލުމަށް ބާއްވާ "އިންމޭޓް ކްރިއޭޓިވިޓީ ފެއާ 2023" މިއަދު ރަސްމީކޮށް ހުޅުވައިފި އެވެ. މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން އިންތިޒާމުކޮށްގެން ކ. މާފުށީ ސްކޫލްގައި ބޭ...

01 Jun 2023 | 10:26

ޖަލުގައި ތިބޭ ގައިދީންގެ ހުނަރު ދައްކާލުމަށް ބާއްވާ "އިންމޭޓް ކްރިއޭޓިވިޓީ ފެއާ 2023" މިއަދު ރަސްމީކޮށް ހުޅުވައިފި އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން އިންތިޒާމުކޮށްގެން ކ. މާފުށީ ސްކޫލްގައި ބޭއްވި "އިންމޭޓް ކްރިއޭޓިވިޓީ ފެއަރ 2023" ރަސްމީގޮތުން މިއަދު ހުޅުވައިދެއްވީ ނައިބު ރައީސް ފައިސަލް ނަސީމް އެވެ.

މިރަސްމިއްޔާތުގައި ނައިބް ރައީސް ވިދާޅުވީ މި ސަރުކާރުން އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް ޖަލުތަކުގެ ކަންކަން ރަނގަޅު ކުރުމަށާއި ގައިދީންގެ ކަންކަން ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

އެގޮތުން ގައިދީން ރިހިބިލިޓޭޓްކޮށް އަނބުރާ މުޖުތަމައަށް ގެނައުމަށް އަމާޒުކޮށް، ހުނަރުތައް ދަސްކޮށްދިނުމާއި، ތަފާތު ތަމްރީނު ޕްރޮގްރާމްތަކާއި، ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުން ފަދަ ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރިއަށް ގެންދާ ކަން ނައިބް ރައީސް ފައިސަލް ވަނީ ފާހަގަ ކުރައްވާފައެވެ.

މި ފެއާގެ މަގުސަދަކީ ގައިދީން ރިހިބިލިޓޭޓްކޮށް މުޖުތަމައަށް ރަނގަޅު ބައެއްގެ ގޮތުގައި ނެރުމަށްޓަކައި ކުރަމުންދާ މަސައްކަތުގެ ތެރެއިން ގައިދީންނަށް ތަފާތު އެކިއެކި ހުނަރުތައް ދަސްކޮށްދީ އެ ހުނަރުތައް އާންމުންނަށް ދައްކާލުމެވެ.

މި ޖޫން މަހުގެ 1 އަދި 2 ވަނަ ދުވަހު ކުރިޔަށްގެންދާ އިންމޭޓް ކުރިއޭޓިވިޓީ ފެއަރގައި ސާޅީހަށްވުރެ ގިނަ ގައިދީން ބައިވެރިވެއެވެ. ފެއަރގައި އަތްތެރި މަސައްކަތްތެރިކަމުގެ 800 އުފެއްދުމަކާއި ކުރެހުންތަކާއި 2400 ގަސްގަހާގެއްސާއި ތަރުކާރީގެ ބާވަތްތައް ބައިވެރި ކޮށްފައިވެއެވެ. މިފެއަރ ހުޅުވައި ދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ފެއަރގެ އުފެއްދުންތައް ބައްލަވާލައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް