ސިޔާސީ ޕާޓީއަށް ވަނުމަށް އެދޭ ފޯމުގައި މަންމަގެ މަޢުލޫމާތު ހިމަނަން ޖެހޭ ގޮތް ހަދައިފި

ސިޔާސީ ޕާޓީއަކަށް ވަންނަ ހުށަހަޅާ ފޯމާއި އަލަށް އުފައްދާ ޕާޓީއެއްގެ މެންބަރަކަށް ވުމަށް އެދޭ ފޯމުގައި މަންމަގެ މަޢުލޫމާތު ހިމަނަން ޖެހޭ ގޮތް ހަދައިފިއެވެ. މިކަން ހާަމަކޮށް އިލެކްޝަން ކޮމިޝަން (އީސީ)ން...

01 Jun 2023 | 10:21

ސިޔާސީ ޕާޓީއަކަށް ވަންނަ ހުށަހަޅާ ފޯމާއި އަލަށް އުފައްދާ ޕާޓީއެއްގެ މެންބަރަކަށް ވުމަށް އެދޭ ފޯމުގައި މަންމަގެ މަޢުލޫމާތު ހިމަނަން ޖެހޭ ގޮތް ހަދައިފިއެވެ.

މިކަން ހާަމަކޮށް އިލެކްޝަން ކޮމިޝަން (އީސީ)ން މިއަދު ވަނީ ސިޔާސީ ޕާޓީތަކުގެ ޤަވައިދަށް ހަ ވަނަ އިސްލާހު ގެނެސް ގެޒެޓުގައި ޝާއިއުކޮށްފައެވެ.

އެގޮތުން އެ ޤަވައިދުގައި ވަނީ ސިޔާސީ ޕާޓީއަކަށް ވަންނަ ފޯމާއި އަލަށް އުފައްދާ ޕާޓީގެ ފޯމުގެ އިތުރުން ސިޔާސީ ޕާޓީއަށް ވަންނަ ފޯމުތަކަށް ޝަކުވާ ހުށަހެޅުމާ ބެހޭ އުސޫލަށް އިސްލާހު ގެނެސްފައެވެ.

އެގޮތުން ސިޔާސީ ޕާޓީއެއްގެ މެންބަރުކަމުގެ ފޯމުގައި، މިއަދުން ފެށިގެން ޕާޓީއަށް ވަންނަ ފަރާތުގެ ޕާސްޕޯޓް ސައިޒް ފޮޓޯ އަކާއި އޭނާގެ މަންމަގެ ނަމާއި އެޑްރެސް ހިމަނަން ޖެހޭ ކަމަށް އީސީން ވަނީ ހާމަކޮށްފައެވެ.

އަދި އިހުތިޔާރީ ކަމެއްގެ ގޮތުގައި އެމީހާގެ އީމެއިލް އެޑްރެހާއި ސޯޝަލް މީޑިއާގެ އެކައުންޓްތަކުގެ މަޢުލޫމާތު ހިމަނަން ޖެހެއެވެ.

ހަމައެހެންމެ ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވުމަށް ފޯމު ހުށަހެޅުމުން، އެ ފޯމްގައި ޖަހާފައިވާ ނަމްބަރަށް، ސިޔާސީ ޕާޓީއަކަށް ވައްދަން ފޯމު ހުށަހަޅާފައިވާ ކަމަށް ބުނެ، އެސްއެމްއެސް ކުރާނެ ކަމަށާއި އެ މެސެޖަށް ހަތް ދުވަހުގެ ތެރޭގައި ޖަވާބުދާރީވާން ޖެހޭނެ ކަމަށްވެސް އީސީން ބުނެފައި ވެއެވެ.

ނަމަވެސް އެ ފޯމާއެކު، ވެރިފަރާތުން ފޯމްގެ ޕްރޮސެސް އަވަސް ކޮށްދިނުން އެދި ސިޓީއެއް ހުށަހަޅައިފިނަމަ، އެހެން ކަންކަން އިސްތިސްނާވާނެ ކަމަށް އީސީން ބުނެފައި ވެއެވެ.

މިގޮތުން އެ ސިޓީގެ ސައްހަކަން ކަށަވަރު ކުރުމަށްފަހު، އެ ފޯމް ހުށަހަޅާ ތާރީހުން ފެށިގެން އެއް ދުވަހުގެ ތެރޭގައި، ހުށަހަޅާ ޕާޓީއެއްގެ ދަފުތަރުގައި އެ ފަރާތުގެ ނަން ހިމަނަން ޖެހޭނެ ކަމަށް އީސީން ބުނެފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް