އައްޑޫ މަރާއި ގުޅިގެން މީހަކު ހައްޔަރުކޮށްފި

އައްޑޫ ސިޓީގައި ރޭގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު މަރާލި މައްސަލައިގާ މީހަކު ހައްޔަރުކޮށްފިއެވެ. ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ އުމުރުން 25 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން...

01 Jun 2023 | 10:06

އައްޑޫ ސިޓީގައި ރޭގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު މަރާލި މައްސަލައިގާ މީހަކު ހައްޔަރުކޮށްފިއެވެ.

ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ އުމުރުން 25 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުނެއެވެ.

ރޭ 11:38 ހާއިރު އައްޑޫ ސިޓީ މަރަދޫފޭދޫގެ ގެއެއްގައި ހިނގި ހަމަނުޖެހުމެއްގައި ތޫނު އެއްޗަކުން ދިން ހަމަލާއަކަށް ފަރުވާދެމުން ދަނިކޮށް މަރުވެފައިވަނީ އުމުރުން 27 އަހަރުގެ އަހްމަދު ޝުއައިބެވެ. އޭނާއަށް ހަމަލާ ދިން ކަމަށްވަނީ އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޮ، އުމުރުން 25 އަހަރުގެ ހުސައިން މަވާޒެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ކަމަށް ދެ މަސްދަރެއްގައި ދެ ގޮތަކަށް ވާހަކަ ދެކެވެއެވެ. އެއްގޮތަކީ މަވާޒްގެ ބޭބެ މަސްތުވާތަކެތީގެ ބޭނުމުގައި މަވާޒްގެ ފޯނު ވަގަށް ނަގައި ވިއްކާލީ ކަމަށްބުނާ ބުނުމެވެ. އަނެއް ގޮތަކީ މަވާޒް ގެންގުޅޭ މަސްތުވާތަކެތިން އޭނާގެ ބޭބެ ވައްކަން ކުރާ ކަމަށް ބުނާ ބުނުމެވެ. އެހެން ނަމަވެސް މިކަމާއި ގުޅޭ މާ ގިނަ ތަފްސީލެއް އަދި ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ގެއެއްގެ ތެރޭގައި އެ ހަމަލާ ދިން ނަމަވެސް ހަމަލާތަކާއެކު ޝުއައިބު ވެއްޓިފައި އޮތީ އެ ގޭގެ ދޮރުމައްޗަށް، ބޭރުން މަގުމަތީގައެވެ. މަރުވީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް