މާލެއިން ފުރައިގެން 15 މީހުނާއެކު ރ.އަތޮޅަށް ދަތުރުކުރަމުންދިޔަ "އާލާ" ނަމަކަށް ކިޔާ ބޯޓަކަށް ދިޔަވެ އަޑިއަށް ގޮސްފިއެވެ.
އެމްއެންޑީއެފުން ބުނެފައިވަނީ ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ.
"މޫސުން ގޯސްވުމާއެކު ކަނޑުތައް ގަދަވެ، މި ބޯޓަށް ދިޔަވަމުންދާ ކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބިފައިވަނީ މިއަދު ފަތިހު 05:22 ހާއިރު"އެމްއެންޑީއެފުން ބުނެފައިވެއެވެ.
މި ހާދިސާގެ މަޢުލޫމާތު ލިބުމާއެކު، ބ.އޭދަފުށީގެ ދެކުނުން 2.5 ނޯޓިކަލް މޭލު ބެރުގައި އޮތް މި ބޯޓަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބ.އޭދަފުށީގައި އޮންނަ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑްގެ ސީ އެމްބިއުލާންސް ވަނީ އެ ސަރަހައްދަށް ދަތުރުކޮށްފައި ކަމަށާއި ހަމައެއާއެކު، ޅ.މާފިލާފުށިން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ ހާބަރ ކްރާފްޓް ވެސް އަންނަނީ އެ ސަރަހައްދަށް ދިއުމަށް ދަތުރުކުރަމުން ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
އާލާ ބޯޓުން ދަތުރުކުރަމުންދިޔަ 15 މީހުން މިހާރު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑްގެ ސީ އެމްބިއުލާންސްއަށް ނަގާފައިވާއިރު، ބޯޓުގެ ބޮޑު ބައެއް ވަނީ އަޑިއަށް ގޮސްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް