ސްރީލަންކާއިން މިއަހަރު ހައްޖަށް މީހުން ނުފޮނުވަން ނިންމައިފި އެވެ.
އެގައުމަށް މިއަހަރު ސައުދީން ވަނީ1،585 ކޯޓާ ދޫކޮށްފައިވެ އެވެ.
މުސްލިމުންގެ ކަންކަން ބަލަހައްޓާ ސްރީލަންކާ ސަރުކާރުގެ ރަސްމީ އިދާރާ ކަމަށްވާ ޑިޕާޓްމަންޓް އޮފް މުސްލިމް އެންޑް ކަލްޗަރަލް އެފެއާޒުން ބުނީ މިއަހަރު އެ ގައުމުން މީހުން ހައްޖަށް ނުފޮނުވަން ނިންމީ ގައުމުގެ ހާލަތަށް ރިއާޔަތް ކޮށް ކަމަށެވެ.
އެ ޑިޕާޓްމެންޓުން ބުނީ ލަންކާއަށް ލިބިފައިވާ ކޯޓާތައް އަނބުރާ ސައުދީއާ ހަވާލު ކުރުމުގެ އިންތިޒާމްތައް މިހާރު ހަމަޖައްސަމުންދާ ކަމަށެވެ.
ލަންކާގެ އިގްތިސޯދީ ހާލަތު ދަށްވެ ގައުމު އޮތީ ދަރަނިވެރިވެފައި އެވެ. އަދި ސަރުކާރާއި ދެކޮޅަށް އާންމުން މެދުކެނޑުމެއް ނެތި މުޒާހަރާ ކުރަމުންދާތާ ދެމަހެއްހާ ދުވަސް ވަނީ ވެފަ އެވެ.
ސްރީލަންކާގެ އާބާދީ 21.4 މިލިއަނަށް އަރައެވެ. އޭގެތެރެއިން 9.7 އިންސައްތަ މީހުންނަކީ މުސްލިމުންނެވެ.
މި މައްސަލައިގަ ސައުދީގެ މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާއިން އަދި އެއްޗެއް ހާމައެއް ނުކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް