އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ކްރިޝްނަކުމާރު ކުންނާ (ކޭކޭ) މަރުވެއްޖެ އެވެ.
އުމުރުން53 އަހަރުގައި ކޭކޭ މަރުވީ ރޭ ވެސްޓް ބެންގޯލްގެ ވެރިރަށް ކަލްކަތާގައި ޝޯއެއް ދީ ނިންމާލާފައި ހޮޓަލަށް ދިޔަތަނާ ހާޓް އެޓޭކެއް ޖެހިގެންނެވެ. އޭނާ ވަގުތުން ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް ގެންދިޔައިރުވެސް އޮތީ މަރުވެފައި ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ކޭކޭގެ މަރާއި އެކު އިންޑިއާ ހިތާމާއިގެ ތެރެއަށް ވަނީ ވެއްޓިފަ އެވެ. އޭނާ މަރުވުމާއި ގުޅިގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އާއި އެ ގައުމުގެ މަޝްހޫރު އެކި ފަރާތްތަކުން ދަނީ ތައުޒިޔާގެ މެސެޖު ފޮނުވަމުންނެވެ.
ކަލްކަތާ ފުލުހުން ބުނީ ކޭކޭގެ މަރާ ގުޅިގެން އޭނާ ހުރި ހޮޓެލްގެ ސީސީޓިވީ ފުޓޭޖު ބެލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އޭނާގެ އޮޓޮޕްސީވެސް މިއަދު ހަދާނެ ކަމަށެވެ.
ކޭކޭ ވަނީ ހިންދީ، ޓަމިލް، ކަންނާޑާ، ޓެލަގޫ އަދި ބެންގޯލީ، މަރާތީ، މަލަޔާލަމް ފަދަ އިންޑިއާގެ ބޮޑެތި ސްޓޭޓްތަކުގައި ވާހަކަދައްކާ ހުރިހާ ބަހަކުންހެން ލަވަކިޔާފަ އެވެ.
މަރުވި އިރު އޭނާގެ އަންބަކާއި ދެ ދަރިން އެބަތިއްބެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް