އެގްރޯ ނޭޝަނަލް ކޯޕަރޭޝަންގެ ކޮންޓްރެކްޓް ފާމިންގް މަޝްރޫއު ރަސްމީކޮށް އިފްތިތާހްކޮށްފި

އެގްރޯ ނޭޝަނަލް ކޯޕަރޭޝަނުން ތަޢާރަފްކުރާ ކޮންޓްރެކްޓް ފާމިންގ މަޝްރޫޢު ރަސްމީކޮށް އިފްތިތާޙް ކޮށްފިއެވެ. އެގޮތުން މިއީ އ.ދ. ގެ ތަރައްޤީއާއި ބެހޭ ޖަމުޢިއްޔާއާއި ޔޫއެންޑީޕީ މޯލްޑިވްސް  އާއި މިނިސްޓްރީ ...

01 Jun 2021 | 18:52

އެގްރޯ ނޭޝަނަލް ކޯޕަރޭޝަނުން ތަޢާރަފްކުރާ ކޮންޓްރެކްޓް ފާމިންގ މަޝްރޫޢު ރަސްމީކޮށް އިފްތިތާޙް ކޮށްފިއެވެ.

އެގޮތުން މިއީ އ.ދ. ގެ ތަރައްޤީއާއި ބެހޭ ޖަމުޢިއްޔާއާއި ޔޫއެންޑީޕީ މޯލްޑިވްސް  އާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި، މިނިސްޓްރީ އޮފް ފިޝަރީޒް, މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރުގެ އެހީތެރިކަމާ އެއްބާރުލުން ލިބޭ ގޮތަށް އިންތިޒާމް ކުރެވިފައިވާ ކޮންޓްރެކްޓް ފާމިންގ މަޝްރޫޢުއެކެވެ.

ޒޫމް މެދުވެރިކޮށް މިރަސްމިއްޔާތު  ބާއްވާފއި ވަނީ މިއަދު މެންދުރު ފަހު 1:00 ގައެވެ. މިޖަލްސާ ޝަރަފްވެރި ކޮށްދެއްވީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ ގެ ސްޓޭޓް މިނިސްޓަރ އަލްފާޟިލާ ނީޒާ އިމާދުއެވެ. އަދި، މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގުރިކަލްޗަރ ޑ.ރ ހުސައިން ރަޝީދު ހަސަން އާއި، ޔޫ.އެން.ޑީ.ޕީ މޯލްޑިވްސްގެ ރެސިޑެންޓް ރެޕްރެޒެންޓެޓިވް އަކީކޯ ފޫޖީ އާއި، އެގްރޯ ނޭޝަނަލް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ހާރޫން ރަޝީދު ވާހަކަފުޅު ދެއްކެވިއެވެ.

މިމަޝްރޫޢު މިވަގުތަށް އަމާޒުކުރެވިފައި ވަނީ 45 ރަށަކަށް ކަމުގައި ވިޔަސް، އަމާޒަކީ ދިވެހިރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް އިންތިޒާމު ކުރެވޭ ދަނޑުވެރިކަމެއް ތަޢާރަފު ކުރުން ކަމަށް އެގްރޯއިން ބުނެއެވެ.

އެގޮތުން އުފައްދާ ދަނޑުވެރިކަމުގެ ބާވަތްތައް އެކޯޕަރޭޝަނުން ގަނެ ބާޒާރުގައި ވިއްކުމުގެ އެންމެހާ އިންތިޒާމުތަކެއް އެކޯޕަރޭޝަނުން ހަމަޖައްސައިދެއެވެ. އަދި ޒަމާނުންސުރެ ރާއްޖޭގެ ދަނޑުވެރީން ތަޙައްމަލު ކުރަމުންދާ މާރކެޓު ކުރުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ލިބިގެންދާނެއެވެ.

މިޕުރޮޖެކްޓް އެންމެ ކާމިޔާބުކަމާއި އެކު ހިންގުމަށްޓަކައި އެގުރޯ ނޭޝަނަލް ކޯޕަރޭޝަންގެ ފަރާތުން ރާއްޖޭގެ ދަނޑުވެރިންނާ އެކު މަޝްވަރާތައްކޮށް، ތަމްރީންކޮށް، ކުރޮޕް ރަޖިސްޓަރީ ކުރުމާއި، އެއްބަސްވުންތަކުގައި ސޮއި ކުރުމުގެ މަސައްކަތްތައް އަންނަނީ ކުރެވެމުންނެވެ. އެގޮތުން ލ. އަތޮޅާއި އެހެނިހެން ރަށް ރަށުގެ 400 އަށް ވުރެން ގިނަ ދަނޑުވެރިންނާ އެކު ޢަމަލީ މަސައްކަތް ފެށި، ޖުމްލަ 1500 ދަނޑުވެރިޔަކު ވަނީ މިޕުރޮގުރާމުގައި ބައިވެރިވުމަށް ޝައުޤުވެރިކަން ފާޅުކޮށް ފޯމު ހުށަހަޅުއްވާފައެވެ.  އަދި، އިތުރު 779 ފަރާތަކާ އެކު އެއްބަސްވުމުގައި ސޮއި ކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.

މިމަޝްރޫޢަކީ ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަން ކުރުމަށް ބޭނުންވާނެ މަޢުލޫމާތާއި، ވަޞީލަތްތަކާއި، ދަނޑުވެރިކަމާއި ގުޅޭ ޢިލްމީ ދިރާސާތަކަށް މަގުފަހި ވެގެންދާނެ ޕުރޮގުރާމެކެވެ. އަދި ވީހާ ވެސް ގިނަ ބަޔަކަށް މަންފާ ލިބޭނެ ގޮތަކަށް ބައްޓަން ކުރެވިފައިވާ ކޮންސެޕްޓެކެވެ.

އެގޮތުން %40 ޚާއްޞަކުރެވިފައި ވަނީ އަންހެނުންނަށެވެ. އަދި %20 ޚާއްޞަކުރެވިފައި ވަނީ ޒުވާނުންނަށެވެ. އަދި އެގޮތުން މިހާތަނަށް ފެންނަމުންދާ ނަތީޖާ ވެސް ރަގަޅު ކަމުގައި ފާހަގަ ކުރެވެއެވެ.

ކޮންޓްރެކްޓް ފާރމިންގ މަޝްރޫޢުގައި ސޮއި ކުރުމަށް ފުރިހަމަ ކުރަންޖެހޭ އިދާރީ އެންމެހާ ކަމެއް ފުރިހަމަކޮށް، އެކޯޕަރޭޝަނާއި އެކު އެއްބަސްވުންތަކުގައި ސޮއި ކުރެއްވި ދަނޑުވެރިންގެ (%49) ދަނޑުވެރިންނަކީ އަންހެނުންނެވެ.

ޖަޕާން ސަރުކާރުގެ މާލީ އެހީތެރިކަމާއި އެކު ކުރިއަށްދާ 'ސީޑްސް' ޕްރޮގުރާމްގެ އަމާޒަކީ COVID-19 ގެ ސަބަބުން ދިވެހިރާއްޖެއަށް ކުރަމުން އަންނަ އަދި ކޮށްފައިވާ ނޭދެވޭ އަސަރުތައް އާރާސްތު ކުރުމަށް ބޭނުންވާ އިޤްތިސާދީ ވަސީލަތްތައް ހޯދުމަށް އެހީތެރިވުމެވެ.

މިޕްރޮޖެކްޓްގެ މައިގަނޑު ލަނޑުދަނޑިތަކުގެ ތެރޭގައި، ދަނޑުވެރިކަމުގެ ފުއްދުންތެރިކަން އިތުރުކުރުމާއި އަދި ކާބޯތަކެތީގެ އެކަށޭނެ މިންވަރުތަކެއް ޔަޤީންކުރުމުގެ ވިސްނުން ފުޅާކުރުން ހިމެނެއެވެ.

މިއަމާޒު ޙާޞިލު ކުރެވޭނީ ދަނޑުވެރިންގެ މެދުގައި ތަނަވަސް, ފުއްދުންތެރި އަދި ތިމާވެއްޓާއި ރަޙްމަތްތެރި ވިޔަފާރިކުރުމުގެ އުކުޅުތައް އާލާކޮށް އަދި ދަނޑުވެރި އެފަދަ ވިޔަފާރިތަކެއްގެ އައު ޖީލެއްގެ އުފެއްދިގެން ކަމަށް އެގްރޯއިން ބުނެއެވެ.

މީގެ އިތުރުން  ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ތަރައްޤީކުރުމަށް  ދިވެހި ސަރުކާރަށް  ބޭނުންވާ  ފަންނީ އެހީތެރިކަން  ފޯރުކޮށްދީ  އިޤްތިޞާދީ ޢާންމު ޙާލަތަށް ވާޞިލުވުމަށް އެހީތެރިކަން ފޯރުކޮށްދިނުން ވެސް މި ޕްރޮޖެކްޓްގެ ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް