މާލޭގައި މިނީ ބަހުގެ ހިދުމަތް ނުފެށި ލަސްވަނީ ލިބިފައިވާ ބަޖެޓުން އެކަން ވާން ނެތިގެން ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ނަހުލާ މިހެން ވިދާޅުވީ ޓެކްސީ ޑްރައިވަރުންގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯދައިދިނުމަށް މިނިސްޓްރީން ކުރަމުންގެންދާ މަސައްކަތްތަކާއި ބެހޭ މައުލޫމާތު ހޯދުމަށް، ރައްޔިތުންގެ މަޖިލީހުގެ އިގުތިސާދީ ކޮމިޓީން އޮންލައިންކޮށް މިއަދު ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
ޕަބްލިކް ޓްރާންސްޕޯޓާއި ގުޅޭގޮތުން މެމްބަރަކު ކުރެއްވި އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ މިހާރު އެ މަސައްކަތަށް ލިބިފައިވަނީ 16 މިލިއަން ރުފިޔާގެ ބަޖެޓެއް ކަމަށެވެ. ނަހުލާ ވިދާޅުވީ އެ ބަޖެޓު ކުޑަކަމުން އެތައް ފަހަރަކު ރައީސް އޮފީހާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަށް ދަންނަވާފައިވާނެ ކަމަށެވެ.
އަދި އެ މަސައްކަތް ވީހާވެސް އަވަހަކަށް ފެށުމަށް ބޭރުގެ އެހީ ހޯދައި ދިނުމަށް ފޮރިން މިނިސްޓްރީގެ ސަމާލު ކަމަށް އެކަން ގެނެސްފައިވާ ކަމަށް ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ ބަހުގެ ހިދުމަތް ފެށޭތޯ އިންޑިއާ އާއި އދ. ގެ އެހީތެރިކަމަށްވެސް ފޮރިން މިނިސްޓްރީ މެދުވެރިކޮށް އެދިފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ހިދުމަތް ފެށުމަށް ދޭއް ނޫނީ ތިން ބަސް ގެނެސްގެން ބަހުގެ ހިދުމަތް ފަށަން ބޭނުން ނުވާ ކަމަށެވެ.
އިތުރަށް ވިދާޅުވީ ބަޖެޓު ހަމަޖެހުމުގައި ދަތިކަން ހުރުމުން ބޭރުގެ ހިލޭ އެހީގައި އެކަން ކުރެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މީގެ ކުރިން މާލޭގައި މިނީ ބަހުގެ ހިދުމަތް ދީފައިވެ އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ފެށި އެ ހިދުމަތް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެކި ސަބަބުތަކާއި ހެދި ވަނީ ހުއްޓާލާފައި އެވެ. އޭރު އެ ހިދުމަތް ދިނީ އެމްވީކޭ ކުންފުނިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް