މާލެ ސަރަހައްދުގެ ބައެއް މިސްކިތްތަކުގައި ނަމާދު ކުރެވޭނެ އިންތިޒާމު މިހާރުވެސް އެބަހުރި

މާލެ ސަރަހައްދުގެ ބައެއް މިސްކިތްތަކުގައި ނަމާދު ކުރެވޭނެ އިންތިޒާމު މިހާރުވެސް އެބަހުރި ކަމަށް މިނިސްޓްރީއޮފް އިސްލާމިކް އެފެއާޒް އިން ބުނެފިއެވެ. ކޮވިޑް-19 ވައިރަސް ރާއްޖޭގައި ހަލުއިކަމާއެކު ފެތުރެމ...

01 Jun 2021 | 15:49

މާލެ ސަރަހައްދުގެ ބައެއް މިސްކިތްތަކުގައި ނަމާދު ކުރެވޭނެ އިންތިޒާމު މިހާރުވެސް އެބަހުރި ކަމަށް މިނިސްޓްރީއޮފް އިސްލާމިކް އެފެއާޒް އިން ބުނެފިއެވެ.

ކޮވިޑް-19 ވައިރަސް ރާއްޖޭގައި ހަލުއިކަމާއެކު ފެތުރެމުން ދާތީ، މިހާރުގެ ޙާލަތަށް ރިޢާޔަތްކޮށް، އިތުރަށް ވައިރަސް ފެތުރުނަ ނުދިނުމަށް އަޅާ ރައްކާތެރިކަމުގެ މުހިންމު ފިޔަވަޅެއްގެ ގޮތުން މިސްކިތުގައި ޖަމާޢަތުގައި ނަމާދުކުރުން މެދުކަނޑާލިއެވެ.

އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި ދީނީ ޢިލްމުވެރިންގެ ލަފާގެ މަތިން މިގޮތަށް ނިންމާފައި ވަނީ މިދިޔަ މަހުގެ19 ވަނަ ދުވަހުއެވެ.

ނަމަވެސް ބައެއް ފަރާތްތަކުން މިސްކިތުގައި ގައިދުރުކަމެއް ނެތި، ޖަމާޢަތް ހަދައިގެން ނަމާދު ކުރާތީ، ޢާއްމު މަސްލަހަތަށް ރިޢާޔަތްކޮށް، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިސްކިތްތައް ބަންދުކުރީ ކަމުގައި އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

ނަމަވެސް މިސްކިތްތައް ބަންދުކުރަން ނިންމި ކަމުގައިވިޔަސް ބައެއް ޢާއްމު ފަރާތްތަކުން ޚާއްޞަ ހާލަތްތަކުގައި މިސްކިތްތައް ބޭނުންކުރަމުންދާތީ، މާލެ ސަރަހައްދުގައި ހިމެނޭ 40 މިސްކިތުގެ ތެރެއިން 37 މިސްކިތުގައި ނަމާދު ކުރުމާއި، ފާޚާނާކުރުމާއި ވުޟޫ ކުރެވޭނެ އިންތިޒާމު މިހާރުވެސް ހުރިކަމުގައެވެ.

މި ޙާލަތުގައި ވެސް ފަރުޟު ނަމާދު ބަރާބަރަށް އަދާކުރުމަށާއި، ސުންނަތް ނަމާދު ގިނަކޮށް، ކީރިތި ޤުރުއާން ކިޔަވައި، އިސްތިޣްފާރު ކުރުމާއި މި ބަލިމަޑުކަމުން އަވަހަށް ސަލާމަތް ކޮށްދެއްވުން އެދި ގިނަގިނައިން ދުޢާކޮށް އުޅުމަށް ހުރިހާ ރައްޔިތުންނަށް ނަޞޭޙަތްތެރިވެ ވަޞިއްޔަތްކުރާ ކަމުގައި އިސްލާމިކް މިނިސްޓްރީގެ ނޫސް ބަޔާނުގައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް