މުލަކުން ފައްސިވި އަދަދު 80 އަށް، ރައްޔިތުން ބޭނުންވަނީ ފައްސިވި ކޮން ބައެއްކަން އެނގެން !

މ. މުލައް މޮނިޓަރިންގް ގައި ދިހަ ދުވަސް ވީއިރު ފައްސިވި މީހުންގެ ޖުމުލަ އަދަދު 80 އަށް އަރައިފިއެވެ. ނަމަވެސް މުލަކުން ފައްސިވީ ކޮންބައެއް ކަމެއްކަން ރައްޔިތުންނަށް ނޭނގޭތީ އެ ރަށުގެ ރައްޔިތުން އެކަމާ...

01 Jun 2021 | 15:08

މ. މުލައް މޮނިޓަރިންގް ގައި ދިހަ ދުވަސް ވީއިރު ފައްސިވި މީހުންގެ ޖުމުލަ އަދަދު 80 އަށް އަރައިފިއެވެ. ނަމަވެސް މުލަކުން ފައްސިވީ ކޮންބައެއް ކަމެއްކަން ރައްޔިތުންނަށް ނޭނގޭތީ އެ ރަށުގެ ރައްޔިތުން އެކަމާ ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.

މުލަކު ބައެއް މީހުންގެ ޝަކުވާ އަކީ، ފައްސިވި މީހުން ނޭނގި، އެމީހުނާ އެއްތާވިކަން ފާހަގަ ކުރަން ނޭނގޭ ކަމަށެވެ. އަދި އެއްތާ ވެވިފައި ވާ ނަމަވެސް އަންގަން އެނގޭނީ، ފައްސިވި މީހުންނަކީ ކޮބައިކަން އެނގުނީމަ ކަމަށެވެ.

އެހެންނަމަވެސް ފައްސި ވަނީ ކޮން ބައެއްކަން، ނުވަތަ ފައްސި ވާ މީހުންގެ ދަފުތަރެއް އާންމު ކުރުމަކީ އިންސާނީ ކަރާމާތަށް އުނިކަމެއް އަންނާނޭ ކަމެއް ކަމަށް ގަބޫލު ކުރެވޭތީ އެއްވެސް ތަނެއްގައި ރަށެއްގައި ގައުމެއްގައި ޕޮޒިޓިވް ވަނީ ކޮންބައެއްކަން ހާމައެއް ނުކުރާނެއެވެ.

ނަމަވެސް ޕޮޒިޓިވް ވާ މީހާއަށް އެކަން އެންގި ކޮންޓެކްޓް ޓްރޭސިން ހެދި ކަރަންޓީނު މޮނީޓަރިންނަށް ލާ ތަންތަން ކައުންސިލާއި ސިއްހީ މަރުކަޒުން ހާމަކުރަމުން ގެންދާނެއެވެ.

މުލަކަތޮޅު މުލައް މޮނިޓަރިންގް އަށް ލާފައި ވަނީ މޭ މަހުގެ22 ވަނަ ދުވަހުއެވެ.

ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ، މުލަކު ކައުންސިލަށް އެޗްޕީއޭއިން ފޮނުވާފައިވާ އެންގުމުގައި ބުނެފައިވަނީ އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނައީ ކޯވިޑް-19 އިން ރައްކާތެރިވުމަށް އިތުރަށް ބަލަން ޖެހޭ ކަންކަން ބެލުމަށް ކަމަށެވެ.

މުލަކު ހެލްތް ސެންޓަރުގެ އެންމެ ފަހުގެ އަދާހަމަތަކަށް ބަލާއިރު، މިއަދު މުލަކުން43 މީހަކު ފައްސިވެފައި ވެއެވެ. އެއާއެކު މިހާތަނަށް ފައްސިވި މީހުންގެ ޖުމުލަ އަދަދި ވަނީ 80 އަށް އަރާފައެވެ.

އަދި މިހާތަނަށް ނަތީޖާ ނުލިބޭ68 ސުންކު ވާކަމަށް މުލަކު ހެލްތް ސެންޓަރުން ބުނެއެވެ.

މުލަކުގެ ކޮވިޑްގެ ހާލަތު ގޯސްވަމުން ދާތީ، އެރަށު ހެލްތް ސެންޓަރުން ވަނީ ސިއްހީ ކަންކަން އިތުރަށް ހަރުދަނާ ކުރުމަށް އިއްޔެ ވޮލެންޓިއަރުން ހޯދަން އިއުލާނު ކޮށްފައި ވެއެވެ.

ކޮވިޑް ފެރުތުން ހުއްޓުވުމަށްޓަކައި، މި ދުވަސްވަރު އެއްގޮތަކަށް ވެސް ގެއިން ބޭރަށް ނުނިކުތުމަށާއި ގިނަގިނައިން އަތްދޮވުމަށާއި ކޮންޓެކްޓް ބަބްލް ވީހާވެސް ކުޑަ ކުރުމަށް މުލަކު ހެލްތް ސެންޓަރުން އިލްތިމާސް ކޮށްފައި ވެއެވެ.

އަދި ކޮވިޑް 19 އަށް ފައްސިވެފައިވާ އެއްވެސް ފަރާތަކާއި ކައިރިން ބައްދަލުވެފައިވާ ފަރާތެއްވާނަމަ މަޢުލޫމާތު ހިއްސާކޮށްދެއްވުމަށް އެރަށު ހެލްތް ސެންޓަރުން އެދިފައިވެއެވެ.

މުލަކު ހެލްތް ސެންޓަރުން ކޮށްފައިވާާ މި އިއުލާނަށް ބައެއް ފަރާތްތަކުން ފާޑުކިޔާފައި ވެއެވެ.

" ވަރަށް ޖޯކް ދެން. ޕޮޒިޓިވް ވި ބަޔަކު ރައްޔިތުންނަށް އެނގިފައި އޮތީކީއެއް ނޫން. ދެން މި މީހުން މިކިޔަނީ ކޮންޓެކްޓް ވެއްޖެއްޔާ އަންގަން" ނުހުރުން ފާޅުކޮށް އެކަކު ބުނެފައި ވެއެވެ.

" ފަރުދީ ޒިންމާ އަދާކުރަން ބުނާއިރު، ފަރުދީ ޒިންމާ އަދާކުރެވޭނީ އަޅުގަނޑުމެންނަށް ޕޮޒިޓިވް ވާ މީހުން އެނގިގެން. ޕޮޒިޓިވް ވި އަދަދު އެނގިގެން އަދި އަޅުގަނޑުމެންނަކަށް ޕޮޒިޓިވް ވި މީހުނެއް ނޭންގޭނެ. ޕޮޒިޓިވްވާ މީހުން އެނގުނީމަ އަޅުގަނޑުމެންނަށް ފަސޭހަ ވާނީ، އެމީހުންނާ ކޮންޓެކްޓް ވެފަކަން ދެނެގަންނަން" މުލަކު ހެލްތް ސެންޓަރުގެ ޕޯސްޓަށް ކޮމެންޓް ކުރި މީހަކު ބުނެފައި ވެއެވެ.

ކޮމެންޓުތަކުގައި މިހެން ހުރި ނަމަވެސް ފަރުދީ ޒިންމާ އަދާކުރެވޭނީ ހަމަ އެކަނި ޕޮޒިޓިވް ވާ މީހާ އެނގި ހާމަވެ އެމީހަކާ ބައްދަލުވެފައިވޭތޯ އެކަނި އެނގިގެން ނޫނެވެ. ފަރުދީ ޒިންމާއަކީ ކޮވިޑާއި ގުޅިގެން މިހާރު މުޅި ރާއްޖޭގައި އަޅާފައިވާ ފިޔަވަޅުތަަކަށް ބަރާބަރަށް ބޯ ލެނބުމެވެ. ރަށުގައި ކޮވިޑު ހާލަތު ގޯސް ވާނަމަ ކޮންމެހެން ދާން ޖެހިގެން ނޫނީ ބޭރަށް ނުދިއުމެވެ. ދުރާލާ ވިޔަފާރިކޮށް ގޭގައި މަޑުކުރުމެވެ. އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް އެކަން އަންގަން ޖެހޭ ފަރާތްތަކަށް އެންގުމެވެ. އަދި ތިމާ ޕޮޒިޓިވް ވެއްޖެ ނަމަ އޮންނަ އުސޫލަށް ފުރިހަަމައަށް ބޯލަނބައި ކޮވިޑުގެ ހާލަތުން އަރައިގަތުމަށް ތިމާގެ ފަރުދީ ޒިންމާ އެންމެ ފުރިހަމަގޮތުގައި އަދާކުރުމެވެ .

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް