ޕްލާސްޓިކުގެ ސަބަބުން މި ނާޒުކު ތިމާވެށި ތަޣައްޔަރުވަމުންދާކަން ފާހަގަކުރެވޭ ކަމަށް މިނިސްޓަރަ އޮފް އެންވަޔަރަންމަންޓް, ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީން އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.
އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކަށް ބަރޯސާވާ މިންވަރު މަދުކޮށް، ބޭނުން ކުރުން ހުއްޓާލުމަށްޓަކައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް, ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީން އެކުލަވާލާފައިވާ ސިންގަލް ޔޫސް ޕްލާސްޓިކް ފޭސްއައުޓް ޕްލޭންގައިވާ 08 ބާވަތެއް މިއަދުން ފެށިގެން ދިވެހިރާއްޖެއަށް އެތެރެކުރުން މަނާކުރެވިގެންދާތީ އެކަމަށް މަރުޙަބާ ކިޔަމުން ޝައުނާ ވިދާޅުވީ، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކުގެ ސަބަބުން ރާއްޖޭގެ ގުދުރަތީ މާޙައުލު ކިލަނބުވެ އެއްދުވަހުން އަނެއްދުވަހަށް ތަޣައްޔަރުވަމުން އަންނަކަމަށެވެ.
ދިވެހިރާއްޖޭގެ ރަށްތަކުގެ ހިތްގައިމުކަން ޕްލާސްޓިކު ކުނީގެ ޝިކާރައަކަށްވެ، މި ރަށްތަކުގެ ރީތި އަތިރިމަތިތަކާއި، ސާފު ގޮނޑުދޮށާއި، އަދި ކަނޑުފަޅުތަކަށް ޕްލާސްޓިކް ފުޅިއާއި ކޮތަޅުތަކާއި އެހެނިހެން ޕްލާސްޓިކް ކުނި އަޅަމުންދާ މިންވަރު ދުވަހަކަށްވުރެ ދުވަހެއް އިތުރުވެ ޕްލާސްޓިކުގެ ސަބަބުން މި ނާޒުކު ތިމާވެށި ތަޢައްޔަރުވަމުންދާކަން ފާހަގަކުރެވިފައި ވާކަމަށް ޝައުނާ ވިދާޅުވިއެވެ.
އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކްގެ ތެރެއިން ރާއްޖެއަށް އެތެރެކުރުން މަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ ބާވަތްތަކަކީ ރާއްޖޭގައި މިވަގުތު އެންމެ ގިނައިން ބޭނުންކޮށް ގޮނޑުދޮށްތަކަށާއި، މޫދާއި ފަރު އަދި ކަނޑަށް އުކާލަމުންދާކަން ފާހަގަކުރެވިފައިވާ ބާވަތްތަކެވެ.
އެގޮތުން، އެއްފަހަރު ބޭނުންކޮށްފާ އުކާލާ ޕްލާސްޓިކް މަދުކުރުމާ ގުޅޭ މަސައްކަތަކީ ސަރުކާރުން ކުނީގެ މައްސަލަ ހައްލުކުރުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިޙް ޚާއްސަ އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދަވާ މަސައްކަތެކެވެ.
އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ލިސްޓްގަ ހިމެނޭ ބާވަތްތައް އިމްޕޯޓްކުރުން މަނާކުރެވިގެންދަނީ އެކި މަރުހަލާ ތަކައް ބަހާލައިގެންނެވެ.
މިއަދުން ފެށިގެން 8 ބާވަތެއް އިމްޕޯޓު ކުރުން މަނާވެގެންދާއިރު، ދުނިޔެއަށް ދިމާވެފައިވާ ކޮވިޑް 19 ގެ ބަލިމަޑުކަމުގެ ސަބަބުން އައިސްފައިވާ އިޤްތިސާދީ މަޑުޖެހުމަށާއި އެކަމުގެ ސަބަބުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ދަތިތަކަށް ރިޢާޔަށްކޮށް، އެއްފަހަރު ބޭނުންކޮށްފާ އުކާލާ ތަކެތީގެ ތެރެއިން ބައެއް ތަކެތި އިމްޕޯޓުކުރުން މަނާކުރާ ސުންގަނޑި އަށް މިއަދު ވަނީ ބަދަލު ގެނެސް ސަރުކާރުގެ ގެޒެޓުގައި ޝާޢިއުކުރެވިފައި ކަމަށް އެންވައިރޮންމެންޓް މިނިސްޓްރީން ބުނެއެވެ.
ގެނެވުނު އިޞްލާޙްތަކުގެ ތެރޭގައި ރާއްޖެއަށް އިމްޕޯޓުކުރާ 500 މިލިލީޓަރަށްވުރެ ކުދި، ޕްލާސްޓިކު ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން ނޫން ބުއިންތައް އިމްޕޯޓުކުރުން މަނާކުރާ ސުންގަޑި 1 ޖޫން 2022 އަށް ފަސްކުރުމާއި، ކާބޯތަކެތި ބަންދުކުރާ ސްޓައިރަފޯމް ފޮށި މަނާ ކުރާ ތާރީޚް 31 ޑިސެންބަރު 2021 އަށް ފަސްކުރުން ހިމެނެއެވެ.
ސިންގަލް ޔޫސް ޕްލާސްޓިކުން ދިވެހިރާއްޖޭގެ ވެއްޓާއި އިޤްތިސާދު ހިމާޔަތް ކުރުމުގެ ގޮތުން، ސަރުކާރުން އިސްނަންގަވައިގެން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން، ސިންގަލް ޔޫސް ޕްލާސްޓިކް 2023 ވަނަ އަހަރުގެ ނިޔަލަށް ފޭސްއައުޓް ކުރައްވަން ވަނީ ނިންމަވާފައެވެ. މިކަން އިޢުލާން ކުރެއްވީ 23 ސެޕްޓެމްބަރ 2019 ގައި އ.ދ. ގެ 74 ވަނަ ޢާއްމު ބައްދަލުވުމުގެ ހަވާސާގެތެރެއިން ބޭއްވި ކްލައިމެޓް ސަމިޓުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްވި ތަގުރީރެއްގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް