މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން ގެ ރެޒިލިއެންސް ވޯކްފޯސް ޕްރޮގްރާމް އާއި އެމްއައިޓީ ގުޅިގެން ކުރިޔައް ގެންދިއުމަށް ހަމަޖެހިފައިވާ ފަސް ކޯހުގެ ކިޔެވުން ފެއްޓުމުގެ ގޮތުން މިއަދު އެކަމަށް ހާއްސަ ރަސްމިއްޔާތެއް ބާއްވައިފި އެވެ.
މިއަދުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮއްދެވީ މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންގެ ޑެޕިއުޓީ މިނިސްޓަރ އައިމިނަތު މުޙައްމަދު ސަލީމް އެވެ. އަދި މި އޮންލައިން ޖަލްސާގައި އެ މިނިސްޓްރީގެ އިސްވެރިންގެ އިތުރުން އެމްއައިޓީ ގެ އިސްވެރިން ބައިވެރިވި ލެއްވިއެވެ.
ޝަރަފުވެރި މެހުމާނާގެ ވާހަކަ ފުޅުގައި މި ސަރުކާރުން ޒުވާނުން ހުނަރުވެރި ބަޔަކަށް ހެދުމަށްޓަކައި ތަފާތު ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަން ފާހަގަކުރެއްވިއެވެ. އަދި ކުރިއަށް އޮތް ދުވަސް ތަކުގައި މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންގެ ރެޒިލިއެންސް ވޯކްފޯސް ޕްރޮގްރާމްގެ ދަށުން އެހެން އިންސްޓިއުޓް ތަކާއި އެކުވެސް މިފަދަ ޕްރޮގްރާމް ތައް ކުރިއަށް ގެންދަވާނެ ކަން ފާހަގަ ކުރެއްވިއެވެ.
މިއަދުގެ ރަސްމިއްޔާތުގައި ކިޔެވުން ފެއްޓުނު ފަސް ކޯހަކީ
- ނޭޝަނަލް ސެޓްފިކެޓް-3 އިން ސްނޯކެލް ގައިޑިންގ
- ނޭޝަނަލް ސެޓްފިކެޓް-3 އިން ސާފް ގައިޑިންގް
- ނޭޝަނަލް ސެޓްފިކެޓް-3 އިން ބޯޓް އޮޕަރާޝަންސް
- ނޭޝަނަލް ސެޓްފިކެޓް-3 އިން ސްޕޯޓްސް ފިޝިން ގައިޑިންގް
- ނޭޝަނަލް ސެޓްފިކެޓް-3 އިން ޖުވެލަރީ ޑިޒައިން އެންޑް މެނުފެކްޗަރިންގް
މި ފަސް ކޯހުގައި ކިޔަވައި ދޭނީ މިކަމަށް ޓީވެޓް އޮތޯރިޓީއިން ތައްޔާރު ކުރައްވާފައިވާ ނޭޝަނަލް ކޮމްޕީޓެންސީ ސްޓެންޑަޑަށެވެ. އަދި މި ކޯސްތަކަކީ މޯލްޑިވް ކޮލިފިކޭޝްން އޮތޯރިޓީ "އެޕްރޫވް" ކުރައްވާފައިވާ ކޯސްތަކެކެވެ. މިކޯސް ތަކުގެ މުއްދަތަކީ ހަމަސް ދުވަހެވެ.
މި ކޯސްތަކުގައި ކިޔަވާ މުއްދަތުގައި ކޮންމެ ދަރިވަރަކަށްވެސް މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން ގެ ރެޒިލިއެންސް ވޯކްފޯސް ޕްރޮގްރާމް އިން މަހަކު ދެހާސް ރުފިޔާގެ އެލަވަންސެއްވެސް ދޭ ގޮތައް ވަނީ ހަމަ ޖެހިފައެވެ.
އެމްއައިޓީން ފާހަގަ ކުރައްވާ ގޮތުގައި ކޮވިޑުގެ ހާލަތު ރާއްޖޭގައި ގޯސްވެފައިވާ މި ހާލަތުގައި ކޯހުގެ ކިޔެވުން ގެންދާނީ އޮންލައިން ކޮށެވެ. އެހެން ނަމަވެސް ކޯވިޑް ގެ ހާލަތު ރަނގަޅުވުމުން ފިޒިކަލް ކްލާސް ތައްވެސް ކުރިއަސް ގެންދިއުމަށް އެމްއައިޓީން ވަނީ ނިންމާފައެވެ.
މިއަދު މި އިފްތިތާޙު ކުރެވުނު ފަސް ކޯސް ކުރިއަށް ދާނީ މިކަމަށް ބޭނުންވާ ތިއަރީ ގެ އިތުރުން ޕްރެކްޓިކަލް ވެސް ހިމަނައިގެން އަދި މި ފަންނު ތަކުގެ ހުނަރު ފުރިހަމަ އަށް ކުދިންނަށް ދަސްކޮށްދެވިގެންކަން އެމްއައިޓީން ފާހަގަކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް