އެންމެންގެ އަތް ފޯރާފަށަށް ހަމަހަމަ ކަމާއިއެކު އަވި: ރާއްޖޭގެ ދިފާއީ ނިޒާމު ވަރުގަދަ ކުރުމަށް އެންމެ މުހިންމު އެއް ހައްލު!

ރާއްޖޭގައި ކޮވިޑުގެ ވޭދަނަތައް ސިއްޙީ ނިޒާމަށް ނުކަތާ މިންވަރަށް ގިނަވެ، 150 އަށްވުރެ ގިނަ މީހުން މި ބަލީގައި ނިޔާ ވުމާއިއެކު، އަނެއްކާވެސް މިވަނީ ކޮވިޑުން ރައްކާތެރި ވުމަށް ހަރުކަށި ފިޔަވަޅުތަކެއް އަ...

01 Jun 2021 | 09:07

ރާއްޖޭގައި ކޮވިޑުގެ ވޭދަނަތައް ސިއްޙީ ނިޒާމަށް ނުކަތާ މިންވަރަށް ގިނަވެ، 150 އަށްވުރެ ގިނަ މީހުން މި ބަލީގައި ނިޔާ ވުމާއިއެކު، އަނެއްކާވެސް މިވަނީ ކޮވިޑުން ރައްކާތެރި ވުމަށް ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ.

ނަމަވެސް ޤަބޫލު ކުރަން ޖެހޭ ޙަޤީޤަތަކީ، ފިޔަވަޅު އެޅުމާއި ތަންފީޒު ކުރުމުގައި ހަމަހަމަކަން އޮތް ނަމަވެސް، ފިޔަވަޅުތަކާއި ހުރެ ކުރިމަތިވާ މައްސަލަތަކުގެ ފަރަޤު މުޖުތަމަޢުގައި ބޮޑުވެފައިވާ ކަމެވެ. މަގު މައްޗަށް ނިކުތުން ނުރައްކާތެރި މި ދަނޑިވަޅުގައި، ގިނަ ގޭބެސީތަކަކަށް އަވި ނުލިބި، މިކަމުގެ ސަބަބުން ކުޑަކުދިން ހިމެނޭހެން ގިނަ ބައެއްގެ ވައިޓަމިން ޑީ ލެވެލް ދަށަށް ގޮސްފައި ވުމަކީ، މިފަދަ އެއް ފަރަޤެވެ.

އަަވިން ލިބޭ ވައިޓަމިން ޑީ އަކީވެސް، ހުރިހާ ދިވެހިންނަށް އަތް ފޯރާ އެއްޗަކަށް ހަދާ، މި މައްސަލައަށް ހައްލެއް ހޯދުމަކީ ހަމަހަމަކަމާއިއެކު ދިފާއީ ނިޒާމު ވަރުގަދަ ކުރުމަށް ދެވޭ ފުރުސަތަކަށް ވެގެން ދާނެއެވެ.ޔުނިވަރސިޓީ އޮފް ޗިކާގޯ މެޑިސިންއިން ކޮށްފައިވާ ދިރާސާއަކުން، ވައިޓަމިން ޑީ އަކީ ކޮވިޑު 19 އިން ރައްކާތެރިވެ، އެ އާއި ދެކޮޅަށް ހަށިގަނޑު ކުރާ ހަނގުރާމައިގައިވެސް އިސް ދައުރެއް އަދާ ކުރާ އެއްޗެއްކަން ހާމަ ވެއެވެ.ނަމަވެސް، އަވިގަދަ ދިވެހިރާއްޖޭގެ ގިނަ ބަޔަކު ވަނީ މި ގޭބަންދުގައި އަވިން މަޙްރޫމުވެފައެެވެ. ޚާއްސަކޮށް ވެރި ރަށް މާލޭގައި،އަވި ނުލިބުމުގެ އިތުރުން ވައި ދަރުއު ވާނެ ވައި ގޮޅިއެއްހާ ހިސާބުވެސް ނުހުންނަ ގޭގެ އެބަ ހުއްޓެވެ.

މާލޭގައި މިފަދަ ގެއެއްގައި ދިރިއުޅޭ އުމުރުން 29 އަހަރުގެ ސަނާ ބުނީ، އޭނާ ދިރިއުޅުމުންދަނީ ފިރިމީހާއާއި 2 ކުދިންނާއިއެކުގައި ކަމަށާއި، ގޭގައި ކުޑަ ދޮރު ހުރި ނަމަވެސް، އުސް އިމާރާތްތައް ވަށައިގެން ހުރުމުގެ ސަބަބުން އެ އެޕާޓްމެންޓަށް އެއް ގޮތަކަށްވެސް އަވި ނުވަންނަ ކަމަށެވެ. މީގެ 2 އަހަރު ކުރިން،އަތުގެ ކަށިގަނޑުގައި ރިއްސާތީ، ޑޮކްޓަރަށް ދެއްކުމުން ހެދި ޓެސްޓު ތަކުން، ހަށިގަނޑުގައި ވައިޓަމިން ޑީ ހުރީ ނުރައްކާ މިންވަރަށް ދަށަށް ގޮސްފައިކަން ދެނެގަނެވުނު ކަމަށްވެސް ސަނާ ބުންޏެވެ. އެހެން ކަމުން، އޭނާގެ 2 ކުދިންގެ ވައިޓަމިން ޑީ ޓެސްޓުވެސް ހެދި ކަމަށާއި، ދެ ކުދިންގެ ހަށިގަނޑުގައިވެސް މި މާއްދާ މަދުން ކަން ފާހަގަ ކުރެވުނެވެ.ކާރފިއުގެ ކުރިން ހުޅުމާލެ ގޮނޑުދޮށާއި، އަވި ލިބޭ އެހެން ތަންތަނަށް ޑޮކްޓަރުގެ އިރުޝާދާއިއެކު ހަފްތާއަކު އެއް ފަހަރު ނަމަވެސް ދާކަމަށް ސަނާ މައުލޫމާތު ދެއެވެ.ނަމަވެސް މިހާރުގެ ހާލަތު ހުރި ގޮތުން އަވި ހޯދަން ނުނިކުމެވޭތީ ކަންބޮޑުވުންތަކެއް ހުރި ކަމަށް މި މަންމަ ދުވަސްއާއި ހިއްސާ ކުރިއެވެ.

ނަން ހާމަ ކުރަން ބޭނުން ނުވާ ފަރާތެއް "ދުވަސް" އާއި ހިއްސާ ކުރި ގޮތުގައި، އޭނާ ފާއިތުވެ ދިޔަ 5 އަހަރު ކުއްޔަށް އުޅެމުންދާ ގޭގައި ކުޑަ ދޮރެއް ނުހުރެއެވެ. ނަމަވެސް، ކުލި ބޮޑު ކަމުން އެހެން ގެއަކަށް ބަދަލު ވެވޭނެ ފެންވަރެއް އޭނާގެ ނެތެވެ.އަވި ނުލިބުމުގެ ސަބަބުން އޭނާގެ ދަރިފުޅުގެ ކިރުބުއިތައް ވަރަށް ބޮޑަށް ހަލާކުވިއެވެ. އަދި މިހާރު އާ ދަތްތައް ފަޅަން ފަށާފައި ވާއިރު، އަވި ނުލިބުމުގެ ސަބަބުން އެ ދަރިފުޅަށް ވައިޓަމިން ޑީ ނުލިބޭނެތީ އޭނާ ހުރީ ވަރަށް ބިރުން ކަމަށް ހާމަ ކުރިއެވެ.މީގެ އިތުރުން،އޭނާއަކީ އެންޒައިޓީ އަދި ޑިޕްރެޝަނަށް ބޭސް ބޭނުން ކުރާ ފަރާތެއް ކަމާއި އެކުވެސް، އަވި ނުލިބުމުގެ ސަބަބުން ނަފްސާނީ ގޮތުން އިތުރަށް ބަލިވާކަން ފާހަގަ ކުރެވޭ ކަމަށް އޭނާ ބުނެއެވެ.

މިފަދަ އެތައް އާއިލާއެއް ރާއްޖޭގައި ދިރިއުޅެއެވެ. އަވި ނުލިބޭ އެތައް ސަތޭކަ ގެއެއް ހުރި އިރު، މިގެތަކުގައި ގިނަ އަދަދެއްގެ މީހުން ދިރިއުޅެމުންދާ ކަމީ ކަންބޮޑުވާން ޖެހޭ ކަމެކެވެ.

ޑޮކްޓަރުންނާއި ސިއްޙީ މާހިރުން ލަފާ ދެއްވާ ގޮތުގައި، އަވި ނުލިބި، ހަށިގަނޑުގައި ވައިޓަމިން ޑީ ދަށަށް ދިއުމުގެ ސަބަބުން ސިއްޙީ ގިނަ މައްސަަލަތަކަކާއި ކުރިމަތި ވެއެވެ.އެގޮތުން، "ދުވަސް" އިން ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރު ނައިނާ ވިކާޝްއާއި ކުރި އިންޓަރވިއުއެެއްގައި، ޑރ. ނައިނާ ގޯސާވީ ވިދާޅުވެފައިވަނީ، ދިވެހިރާއްޖެއަކީ އަވި ގަދަ ޤައުމެއް ނަމަވެސް، ވައިޓަމިން ޑީ ޑިފިޝިއަންސީއަކީ ރާއްޖޭގައި އާންމު ދިމާވާ މައްސަލައެއް ކަމަށެވެ.އޭގެ ސަބަބަކީ، އާންމުން ގިނަ ވަގުތު ގޭތެރޭގައި ހޭދަ ކުރުމާއި، ހަވީރު ގަޑީގައި އެކަނި ބޭރަށް ނިކުތުން ކަމަށްވެސް ޑރ.ނައިނާ ފާހަގަަ ކުރެއްވިއެވެ. އަދި ހެދުން އަޅާ ގޮތުންވެސް، އަތްވަށް ނިކުމެވޭ ކުޑަ ވަގުތު ކޮޅުގެ ތެރޭގައި، އެދެވޭ މިންވަރަކަށް ހަށިގަނޑަށް އަވި ނުލިބޭކަން ވެސް ޑޮކްޓަރު ވަނީ ފާހަގަ ކުރައްވާފައެވެ.

ޑރ.ނައިނާ ވިދާޅުވާ ގޮތުގައި، ހަމުގެ ކުލައިގެ ސަބަބުންވެސް ހަޑިގަނޑުން ވައިޓަމިން ޑީ ނަގާ މިންވަރަށް އަސަރު ކުރެއެވެ. އެގޮތުން، ހަމުގެ ކުލަ ކަޅުވުމަކީ ހަމުގައި މެލެޓޮނިން ކިޔާ މާއްދާ ގިނަ ވުމުގެ ސަބަބުން ދިމާވާ ކަމަކަށް ވެފައި، މި މާއްދާއަކީ އިރުން ލިބޭ ގެންލުންދެނިވި އަލި ކަމުގައި ވާ ޔޫވީބީ އަދި ޔޫވީއޭ ދޯދިތަކުން ހަންގަނޑު ސަލާމަތް ކޮށްދޭ މާއްދާއެއް ނަމަވެސް، މި މާއްދާގެ ސަބަބުން އިރުގެ ދޯދި ލިބޭ މިންވަރުވެސް ވަރަށް ބޮޑަށް ދަށް ވެގެން ދެއެވެ.ޔޫރަޕު ނަސްލުގެ މީހުންނަށް ކުޑަ އިރުކޮޅަކުންވެސް ވައިޓަމިން ޑީ ގިނައިން ލިބުނަސް، އެފްރިކާ ނަސްލުގެ މީހުންނަށް އަވިން ވައިޓަމިން ޑީ ލިބެނީ ގިނަ އިރުތަކެއް އަވީގައި ހޭދަ ކުރުމުންނެވެ. އަދި ދިވެހިން ހިމެނޭ އޭޝިއާ ބައްރުގެ މީހުން ވައިޓަމިން ޑީ ހޯދުމަށް،ކޮންމެ ދުވަހަކުވެސް އާދައިގެ މިންވަރަކަށް އިރުގެ އަލި ބޭނުން ވެއެވެ.

އިރުގެ އަލި ނުލިބުމުގެ ސަބަބުން ކުޑަކުދިންގެ ހަށިގަނޑުގައިވެސް ވައިޓަމިން ޑީ ގެ މިންވަރު މަދުވެ،ސިއްޙީ މައްސަލަތަކާއި ކުރިމަތި ވެއެވެ. ޑޮކްޓަރ ނައިނާ ވިދާޅުވާ ގޮތުގައި، ވައިޓަމިން ޑީ މަދުވުމުން، ދަތް ފެޅުން ލަސްވުމާއި، ކަށި ފީވެ ރިކެޓްސްފަދަ ނުރައްކާތެރި ބަލިތަކަށް މަގު ފަހި ވުމާއި، ދިފާއީ ނިޒާމު ދަށްވެ އަބަދު ބަލިވުމުގެ އިތުރުން އެލާރޖީތައްވެސް މެދުވެރިވެއެެވެ.ހަަމަ މިއާއި އެކު، ތުއްތު ދަރިފުޅަށް ވައިޓަމިން ޑީ ޑިފިޝިއަންސީގެ އަސަރު މައިމީހާގެ ރަޙިމުގައި އޮންނަ އިރުއްސުރެ ކުރިމަތިވާ ކަމަށާއި، ދަރިފުޅުގެ ހެދި ބޮޑުވުމަށް ނޭދެވޭ އަސަރު ކުރުމުން ރައްކާތެރި ވުމަށް، މާބަނޑު އިރުއްސުރެ މައިމީހާއަށް ވައިޓަމިން ޑީ ރަނގަޅަށް ލިބެން ޖެހޭކަން ޑޮކްޓަރު ފާހަގަ ކުރެއްވިއެވެ.

ހަށިގަނޑުގައި ވައިޓަމިން ޑީ ހުންނަ މިންވަރު ދަށްވުމަކީ ބޮޑެތި މީހުންނަށްވެސް އަސަރު ކުރާ ކަމެކެވެ.މި މާއްދާ ހަށިގަނޑުގައި ދަށްވުމުގެ ސަބަބުން، މޫޑު އަަވަސް އަވަހަށް ބަދަލުވުމާއި، ޑިޕްރެޝަންފަދަ ނަފްސާނީ ބަލިތައް ޖެހުމުގެ އިތުރުން ގައިގެ އެކި ހިސާބުތަކުގައި ރިއްސުން ފަދަ މައްސަލަތައް ދިމާވާ ކަމަށް ޑރ.ނައިނާ ވިދާޅުވިއެވެ.ވައިޓަމިން ޑީ ދަށްވުމުން ލޭގެ ޕްރެޝަރަށް ބަދަލު އައިސް، ހިތުގެ މައްސަލަތަކާއި ހަކުރު ބަލިފަދަ ބަލިތަކަށް މަގުފަހިވާ ކަމަށްވެސް ދިރާސާތަކުން ދައްކައެވެ. ޑރ.ނައިނާ ވިދާޅުވީ، އިންސާނާގެ ހަށިގަނޑުގެ 299 ޖީންސް ރެގިއުލޭޓު ކުރުވާ މަސައްކަތް ކޮށްދެނީ ވައިޓަމިން ޑީ ގެ އެހީގައި ކަމުން، މި ވައިޓަމިންްއަކީ ބޮޑެތި މީހުންވެސް ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަށް މުހިންމު މާއްދާއެއް ކަމަށެވެ.

ބައެއް ދިރާސާތަކުން، ވައިޓަމިން ޑީއަކީ ކޮވިޑު 19 އިން ރައްކާތެރި ވުމަށް މުހިންމު ދައުރެއް އަދާ ކުރާ މާއްދާއެއްކަން ހާމަވާތީ، މިކަމާއި ގުޅޭ ގޮތުންވެސް ޑރ.ނައިނާއާއި ސުވާލު ކޮށްލީމެވެ. ޑޮކްޓަރު ވިދާޅުވީ، ވައިޓަމިން ޑީ އަކީ، ކޮވިޑުގެ ސަބަބުން ދިފާއީ ނިޒާމަށް ބާރު ބޮޑުވެ ދިމާވާ ސައިޓޯކިން ސްޓޯމްގެ އިތުރުން، ނޭވާލުމުގެ މައްސަލަތަކަށް ހައްލު ހޯދުމުގައި މި މާއްދާ މުހިންމު ދައުރެއް އަދާކުރާ ކަމަށެވެ.އަދި ހަށިގަނޑުގައި ވައިޓަމިން ޑީ ގެ މިންވަރު މަތި ބަލި މީހުން އާންމު ގޮތެއްގައި ކޮވިޑުން އަވަހަށް ފަސޭހަވާ ކަމަށްވެސް ޑރ.ވިދާޅުވިއެވެ.މީގެ ތެރޭގައި ވައިޓަމިން ޑީގެ ސަޕްލިމެންޓް ނަގާ މީހުންވެސް ހިމެނޭކަން ޑޮކްޓަރު ފާހަގަ ކުރެއްވިއެވެ.

ނަމަވެސް އާންމުކޮށް ބޭނުން ކުރާ ކާބޯތަކެތީގެ ބާވަތްތަކުގެ ތެރޭގައި ގިނައީ އެއްގޮތަކަށްވެސް ވައިޓަމިން ޑީ ނުލިބޭ ކާބޯތަކެތިކަން ފާހަގަ ކޮށްލެވެއެވެ.ބައެއް މީހުން ލެކްޓޯސް އިންޓޮލެރެންޓު ވުމުގެ ސަބަބުންނާއި ވީގަން (މަސް ނުހިމެނޭ) ކެއުން ބޭނުން ކުރަން ޖެހުމުންވެސް މިފަދައިން ދިމާވެއެވެ.ޑރ. ނައިނާ ފާހަގަ ކުރައްވާ ގޮތުގައި، ހަމަ އެކަނި ވައިޓަމިން ޑީ ފޯޓިފައި ކޮށްފައި ހުންނަ ކާނާގެ ބާވަތްތަކުންވެސް ހަށިގަނޑަށް ބޭނުންވާ މިންވަރަށް މި ވައިޓަމިން ނުލިބި ދާނެއެވެ.އަދި ހަށިގަނޑުގައި އެންމެ އެދެވޭ މިންވަރަކަށް ވައިޓަމިން ޑީ އުފައްދައި ދެނީވެސް އަވިން ކަން ޑޮކްޓަރު ތަކުރާރުކޮށް ފާހަގަ ކުރެއްވިއެވެ. މީގެ އިތުރުން ޑރ.ނައިނާ ވިދާޅުވީ، ރާއްޖޭގައި މި މައްސަލައާއި ގުޅިގެން އެންމެ ބޮޑަށް ފާހަގަ ކޮށްލެވޭ ދަތިތަކަކީ، ވައިޓަމިން ޑީ ގެ މުހިންމު ކަމާއިމެދު މީހުން ހޭލުންތެރި ކުރުވުން މަދުކަމެވެ.އެގޮތުން، ހުޅަނގުގެ ގިނަ ޤައުމުތަކުގައި، ކާބޯތަކެތީގައި ވައިޓަމިން ޑީ ސަޕްލިމެންޓު ކޮށްފައި ހުންނަ މިންވަރު އަމިއްލައަށް ދެނެގަނެވޭނެ ފަދައިން މީހުން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދެއެވެ. އަދި ކުޑަކުދިންނަށްވެސް އިރުގެ އަވި އެންމެ ރަނގަޅަށް ލިބޭ ވަގުތުތަކުގައި ބޭރުގައި ކުޅެވޭނެފަދަ ތަންތަން ހަދާފައި ހުރެއެވެ.

ބައެއް ބޭފުޅުން ވައިޓަމިން ޑީ ސަޕްލިމެންޓު އަމިއްލަފުޅަށް ނަންގަވާތީ އެކަމުގެ ރައްކާތެރި ކަމާއި ގުޅޭ ގޮތުން ސުވާލު ދެއްނެވެމުން ޑޮކްޓަރު ވިދާޅުވީ،މިގޮތަށް ވައިޓަމިން ޑީ ސަޕްލިމެންޓު ޑޮކްޓަރެއްގެ އިރުޝާދާއި ނުލައި ނެގުމަކީ އެންމެ ރައްކާތެރި ގޮތް ނޫން ކަމަށެވެ.ސަބަބަކީ، މިއީ ފެޓް ސޮލިއުބަލް ވައިޓަމިންއެއް ކަމުން، ހަށިގަނޑުގައި އިތުރަށް ޖަމާވާ ވައިޓަމިން ހަށިގަނޑުން ބޭރު ކުރަން ދަތިވާތީއެވެ. އަދި ހަށިގަނޑުގައި ހުންނަން ޖެހޭ މިންވަރަށް ވުރެ އިތުރު ވެއްޖެނަމަ، ހައިޕަރ ވައިޓަމިނޯސިސް ( ވައިޓަމިން ގިނަ ވެ ވިހަވުން)ފަދަ ނޭދެވޭ އަސަރުތައް ހަށިގަނޑަށް ކުރާނެތީއެވެ.މިފަދަ ސައިޑު އިފެކްޓެެއް ނެތި، ހަށިގަނޑަށް ބޭނުންވާ ވައިޓަމިން ހޯދޭނެ ހަމައެކަނި ގޮތަކީ އިރުގެ އަވީގައި ހަންގަނޑު ޖެއްސުމެވެ.

މި ކާފިއުގެ ސަބަބުން އަވިލުނިބޭ ގޭގޭގެ އާއިލާތަކަށް ޑރ.ނައިނާ ދެއްވާ ނަސޭހަތަކީ، ޑޮކްޓަރެއްގެ އިރުޝާދާއި އެކު، މަލްޓިވައިޓަމިންއެއް ބޭނުން ކުރުމެވެ. މީގެ ސަބަބުން، ހަށިގަނޑުގައި ބޭނުންވާ މިންވަރަށް ވުރެ ގިނައިން ވައިޓަމިން ހަރުލުމުން ސަލާމަތްވެ، ހަށިގަނޑަށް ބޭނުންވާ ވަރަށް ގިނަ ވައިޓަމިންތަކެއް އެކުގައި ލިބިގެންދާނެއެވެ.އަދި ކެއުމުގައިވެސް ވައިޓަމިން ޑީ ފޯރޓިފައި ކޮށްފައި ހުންނަ ކާނާ ބޭނުން ކޮށް،ބިހާއި، ކަނޑުމަސް، ކިރު، ބަޓަރު އަދި ފެހިކަން ގަދަ ފަތް ހިމެނުން މުހިންމު ކަމަށް ޑޮކްޓަރު ލަފާ ދެއްވައެވެ. މިއާއިއެކު، ބެލްކަނި ހުންނަ ގެތަކުގެ ބޭފުޅުންވެސް ކޮންމެ ދުވަހަކުވެސް ހެނދުނު ކޮޅު، 15 ވަރަކަށް މިނެޓަށް އަވި ހޯދުމަށް އަތްތިލަ، މޫނު އަދި ފައިތިލަ އަށް އަވީގެ ދޯދިތައް ލިބޭ ގޮތަށް ކަން ކުރުމަށްވެސް ޑޮކްޓަރު އިރުޝާދު ދެއްވައެވެ.

ދިވެހިރާއްޖޭގައި ވައިޓަމިން ޑީ ޑިފިޝިއެންޓު، ނުވަތަ ހަށިގަނޑުގައި ވައިޓަމިން ޑީ ހުންނަން ޖެހޭ މިންވަރަށް ވުރެ މަދުން ހުރި ގިނަ ކުޑަކުދިންނާއި ބޮޑެތި މީހުން ތިބި އިރު،ދާދި ފަހުން އާސަންދަ މެދުވެރިކޮށް، ޑޮކްޓަރުންގެ ލިޔުމަށް ވައިޓަމިން ޑީ ސަޕްލިމެންޓު ލިބެމުންދާ ކަން ފާހަގަ ކޮށްލެވެއެވެ.ނަމަވެސް، މިހާރު ކަރފިއުގެ ހާލަތު ހުރި ގޮތުންނާއި ރައްކާތެރި ކަމުގެ ގިނަ ފިޔަވަޅުތަކެއް އަޅަން ޖެހިފައިވާތީ، ޑޮކްޓަރަށް ދެއްކުމާއި، ވައިޓަމިން ޑީ ގެ މިންވަރު ބެލުމަށް ހަދާ ލޭގެ ޓެސްޓު ހެދުންވެސް ވަނީ ދަތިވެފައެވެ.އެހެން ކަމުން، ރައްކާތެރި ކަމާއި އެކު، ރާއްޖޭގެ އެންމެންނަށްވެސް ވައިޓަމިން ސަޕްލިމެންޓު ހޯދައި ދިނުމަކީ، ކަމާއި ބެހޭ އިދާރާތްތަކުން މި ވަގުތު އެޅުން މުހިންމު ފިޔަވަޅެކެވެ. ހަމަ މިއާއިއެކު، ކާބޯތަކެތި ގަތުމުގައި ވައިޓަމިންގެ މިންވަރު އަމިއްލަ ދެނެގަނެވޭނެފަދަ ހޭލުންތެރި ކަމުގެ ޕްރޮގްރާމްތައް ރާވައި، ވައިޓަމިން ޑީގެ މުހިންމުކަން އާންމުންނާއި ހަަމައަށް ގެނެސް ދިނުމަކީ، މީޑިއާތަކުގެ އިތުރުން ޖަމިއްޔާ ޖަމާއަތްތަކުގެވެސް ޒިންމާއަށް މި ވަނީ ވެފައެެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް