އަލައަށް ހުވާ ކުރެއްވި މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު މިމަހުގެ 20 ވަނަ ދުވަހުގެ ކުރިން ހޮވުމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން އަންގައިފި އެވެ.
އާ ކައުންސިލަރުން ހުވާ ކުރެއްވީ މިދިޔަ މަހުގެ 17 ވަނަ ދުވަހު އެވެ. މާލޭ ސިޓީ ކައުންސިލް ފިޔަވާ ރާއްޖޭގެ އަނެއް ތިން ސިޓީ ކައުންސިލްގައި ވަނީ ޑެޕިއުޓީ މޭޔަރުން ހޮވާފައި އެވެ.
މާލޭ ސިޓީ ކައުންސިލާއި ބައެއް ރަށު ކައުންސިލްތަކުގެ ނައިބު ރައީސް އާއި އަންހެނުންގެ ކޮމިޓީތަކުގެ ރައީސުންނާއި ނައިބު ރައީސުން ނުހޮވި ވަނީ ކޯވިޑް-19 އާއި ގުޅިގެން މެމްބަރުން ކަރަންޓީން ގައި ތިބުމާއި ބައެއް ރަށްތައް މޮނިޓަރިންގެ ހާލަތުގައި އޮތުމުންނެވެ.
ގަވައިދު ބުނާގޮތުން ނައިބު ރައީސް ހޮވަން ޖެހެނީ ހުރިހާ މެމްބަރުން ބައިވެރިވާ ކައުންސިލް ބައްދަލުވުމެއްގައި އެވެ.
އެލްޖީއޭއިން މީޑިއާގައި ބުނީ މިހާތަނަށް އެ މަގާމުތަކަށް ބޭފުޅުން އައްޔަން ނުކުރާ ކައުންސިލްތަކަށް ފަހު ތާރީހެއްގެ ގޮތުގައި މިމަހުގެ 20 ހަމަޖައްސައި އަންގާފައިވާ ކަމަށެވެ. އެގޮތުން 14 ދުވަހުގެ ކަރަންޓީން މުއްދަތެއް ލައިގެންވެސް އެ ދުވަހުގެ ކުރިން ޑެޕިއުޓީ މޭޔަރާއި ނައިބު ރައީސުން ހޮވުމަށް އަންގާފައިވެ އެވެ.
ކައުންސިލްތަކަށް ނައިބު ރައީސުން އިންތިހާބު ކުރަނީ ކައުންސިލްގެ މެމްބަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް