ފްލައިން ސްކޫލެއް ރާއްޖޭގައި ގާއިމުކުރަން ނިންމައި ގައުމީ އެއާލައިން އޮޕަރޭޓުކުރާ އައިލެންޑް އޭވިއޭޝަނުން އެތަން ހިންގާނެ ބަޔަކު ހޯދަން އިއުލާނުކޮށްފި އެވެ.
އައިލެންޑް އޭވިއޭޝަނުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ފްލައިން ސްކޫލް ހިންގުމަށް ހަމަޖެހިފައިވަނީ އެ ކުންފުނީގެ އެކަމަށް އުފައްދައި ސަބްސިޑިއަރީ ކުންފުންޏެއްގެ ދަށުން ކަމަށެވެ. އެ ސްކޫލް ގާއިމްކޮށް ކޯސްތައް ހިންގާނީ ރާއްޖޭގެ ކޮންމެސް އެއާޕޯޓެއް ހުންނަ ރަށެއްގައި ކަމަށް ބުނެފައިވެ އެވެ.
އެ އިއުލާނުގައި ވާގޮތުން ސަބްސިޑިއަރީ ކުންފުނިން ފްލައިން ސްކޫލްގައި ކޮމާޝަލް ޕައިލެޓް ލައިސަންސަކާ ހަމައަށް ކިޔަވައިދީ މެނޭޖް ކުރާނެ އެވެ. އެކަމަކު އެއާކްރާފްޓް މެއިންޓެނަންސް އާއި ސޭފްޓީ ބައެއް ރެގިއުލޭޝަންތަކުގެ ކަންކަން ބަލަހައްޓާނީ އައިލެންޑް އޭވިއޭޝަނުން ކަމަށް ބުނެފައިވެ އެވެ.
މިސްކޫލް ހިންގުމުގެ ހުއްދަ ދޭނީ ކަމާ ގުޅޭ ހުއްދަ ލިބިފައިވާ އަދި އެފަދަ ޓްރެއިންތައް ހިންގުމުގެ 10 އަހަރުގެ ތަޖުރިބާ ލިބިފައިވާ ކުންފުންޏަކަށް ވާންޖެހެ އެވެ. އެ ސްކޫލް ހިންގުމާ ހަވާލުވާ ފަރާތަކުން އެއާކްރާފްޓް ހޭންގަރަކާއި، ޓްރެއިނިން ބިލްޑިންއެއްގެ އިތުރުން، ދެ މަލްޓި އެންޖިން އަދި ހަތަރު ސިންގަލް އިންޖިން އެއާކްރާފްޓް ބަލަހައްޓަންޖެހޭނެކަމަށް އެ އިއުލާނުގައިވެ އެވެ.
މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގ ެ10 ވަނަ ދުވަހުގެ ނިޔަލަށެވެ.
ފްލައިން ސްކޫލެއް ހެދުމަށް އައިލެންޑް އޭވިއޭޝަނުން މަސައްކަތް ފަށާފައި މިވަނީ އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސް (އޭއޭއޭ) އައްޑޫ ސިޓީގައި ހިންގާ ފްލައިން ސްކޫލްގައި ކޯސް ނުނިންމި ގިނަ ދަރިވަރުންތަކެއް ތާށިވެފައިވާ މައްސަލަ ބޮޑުވެފައިވަނިކޮށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް