ކޮވިޑު 19ގެ ވޭރިއެންޓުތަކަށް ގުރީކު އަކުރުން ނަން ދިނުމަށް ދުނިޔޭގެ ސިއްޙީ ޖަމިއްޔާއިން ނިންމައިފިއެވެ. އެ ޖަމިއްޔާއިން މިނަންތައް ހޯމަ ދުވަހު ހާމަ ކޮށްފައި ވާއިރު،އެކި ޤައުމުތަކަށް ނިސްބަތްވާ ގޮތަށް ވޭރިއެންޓުތަކަށް ކުރިން ނަން ދީފައިވާތީ އެ ޖަމިއްޔާއަށް ގިނަ ފާޑުކިޔުންތަކެއް ވަނީ އަމާރުވެފައެވެ.
ކޮވިޑު 19ގެ ވޭރިއެންޓުތަކަށް ދެން ބޭނުން ކުރާނީ ގްރީކު އަކުރުން އުފެދިފައިވާ އަލްފާ ނިއުމެރިކް ނަންތަކެވެ.މި ކަމުގެ ސަބަބުން، އެކި ވޭރިއެންޓުތައް ދެނެގަންނަން ފަސޭހަވެ، އޮޅުން އަރާ މިންވަރު ކުޑަ ކުރެވޭނެ ކަމަށް ދުނިޔޭގެ ސިއްޙީ ޖަމިއްޔާއިން ބުނެއެވެ. އަދި އެކި ޤައުމުތަކަށް ނިސްބަތްވާ ގޮތަށް ނަން ދިނުމުގެ ސަބަބުން، އެ ޤައުމުތަކާއި މެދު އެހެން މީހުން ދެކޭ ގޮތް ބަދަލުވެ، އުފެދިގެންދާ އިޖްތިމާއީ މައްސަލަތައްވެސް މި ބަދަލުގެ ސަބަބުން ހައްލު ވެގެން ދާނެ ކަމަށް ބެލެވެއެވެ.
އެގޮތުން،ސިއްޙީ ޖަމިއްޔާއިން ދުނިޔޭގެ އެންމެ ނުރައްކާތެރި ވޭރިއެންޓުތަކުގެ ގޮތުގައި ކަނޑައަޅާފައިވާ 4 ވޭރިއެންޓު ކަމަށްވާ، އިނގިރޭސިވިލާތުގެ ވޭރިއެންޓާއި، ސައުތު އެފްރިކާގެ ވޭރިއެންޓާއި ބްރެޒިލްގެ ވޭރިއެންޓުގެ އިތުރުން އިންޑިއާގެ ވޭރިއެންޓަށްވެސް މިހާރު މި ވަނީ އައު އަކުރުތަކެއް ދީފައެވެ. މިހާރު މި ވޭރިއެންޓުތަކަށް ކިޔާނީ، އަލްފާ، ބީޓާ، ގާމާ އަދި ޑެލްޓާއެވެ. މިއީ މުޅިންވެސް ގުރީކު އަކުރުތަކެވެ.އަދި މި އަކުރުތައް ބޭނުން ކުރާނީ، މި ވޭރިއެންޓުތައް ދެނެގަނެވިފައިވާ ތަރުތީބުންނެވެ.ބާކީ ހުރި ވޭރިއެންޓުތަކަށްވެސް ގުރީކު އަކުރުގެ ތަރުތީބުން ނަން ދެވިގެންދާނެއެެވެ.
މި ނިންމުމާއި ގުޅިގެން ދުނިޔޭގެ ސިއްޙީ ޖަމިއްޔާއިން ބުނީ، ކޮވިޑުގެ ވޭރިއެންޓުތަކަށް ދެވޭ ސައިންޓިފިކް ނަންނަމުގެ ސަބަބުން ގިނަ ފައިދާތަކެއް ވީނަމަވެސް، މި ފަދަ ނަންނަމަކީ ކިޔުމަށާއި ހަނދާނުގައި ބަހެއްޓުމަށް ދަތި ނަންތަކެއް ކަމުން، ނަންތައް އޮޅި، ދޮގު މައުލޫމާތު ފެރުމުގެ ބިރު ކޮންމެވެސް ވަރަކަށް އެބައޮތް ކަމަށެވެ.
އާންމު ގޮތެއްގައި، ޒަމާނުއްސުރެ ވައިރަސްތަކަށް ނަން ދެވެނީ އެ ވައިރަހެއް ވުޖޫދުވި ކަމަށް ކަނޑައަޅާ ތަނަކާއި ގުޅިގެންނެވެ. މިސާލަކަށް، އެބޯލާއަށް ނަން ދެވިފައިވަނީ ކޮންގޯގައި އޮންނަ ކޯރަކަށް ނިސްބަތްކޮށެވެ.ނަމަވެސް މި ގޮތަށް ނަން ދިނުމުގެ ސަބަބުން، އެ ސަރަހައްދުތަކާއި މެދު މީހުންގެ ހިތުގައި ރުޅިވެރިކަން އުފެދި ގިނަ ގެއްލުން ތަކެއް ލިބިއެވެ.އެހެން ކަމުން، ދުނިޔޭގެ ސިއްޙީ ޖަމިއްޔާގެ އެޕިޑީމިއޮލޮޖިސްޓެއް ކަމަށްވާ މާރިއާ ވޭން ކަރްކޯވް ވިދާޅުވީ، ކޮވިޑުގެ ވޭރިއެންޓެއް ދެނެގަނެ، އެކަން ރިޕޯޓު ކުރުމާއި ގުޅިގެން އެއްވެސް ޤައުމަކަށް މި ފަދަ މައްސަލައެއް ދިމާ ވުމަކީ ވެގެންވާނެ ކަމެއް ނޫން ކަމަށެވެ.
މީގެ ކުރިންވެސް ބައެއް ސައިންސްވެރިން ވަނީ ކޮވިޑުގެ ވޭރިއެންޓުތައް ފަސޭހައިން ދެނެގަންނަން އަމިއްލަ ނަންތަކެއް ބޭނުން ކޮށްފައެވެ.މީގެ ތެރޭގައި ހިމެނެނީ އެކި އެކި ދޫންޏަށް ކިޔާ ނަންނަަމެވެ. ނަމަވެސް އެ ކަމުގެ ސަބަބުން މި ބާވަތުގެ ދޫނިތަކަށް ނުރައްކަލާއި ކުރިމަތި ވެދާނެތީ، ގިނަ ބައެއްގެ ފާޑު ކިއުން މި ނަންތަކަށް އަމާޒުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް