ކުޅުދުއްފުށީގައި މީހަކު ރަހީނުކޮށް އަނިޔާ ކުރި މައްސަލައިގަ ދެ މީހަކު ހައްޔަރުކޮށްފި

ހދ. ކުޅުދުއްފުށީ ސިޓީގައި މީހަކު ރަހީނުކޮށްގެން ގެންގޮސް އަނިޔާކުރި މައްސަލައިގަ ދެ މީހަކު ހައްޔަރުކޮށްފި އެވެ. މި ހާދިސާ ހިނގައިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ 8:48 ހ...

01 Jun 2021 | 05:39

ހދ. ކުޅުދުއްފުށީ ސިޓީގައި މީހަކު ރަހީނުކޮށްގެން ގެންގޮސް އަނިޔާކުރި މައްސަލައިގަ ދެ މީހަކު ހައްޔަރުކޮށްފި އެވެ.

މި ހާދިސާ ހިނގައިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ 8:48 ހާއިރު އެވެ. އެމީހާއަށް ފަރުވާ ދިނުމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައިވަނީ އެރޭ 9:50 ގައި އެވެ.

މިހާރު އެމީހާއަށް ފަރުވާ ދެނީ މާލެ ގެނެސް އޭޑީކޭ ހޮސްޕިޓަލް އައިސީޔޫގައި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އެމީހައަށް އަނިޔާ ކުރި މައްސަލައިގަ 24 އަހަރާއި 25 އަހަރުގެ ދިވެހި ދެ ފިރިހެނުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ ދެ މީހުން ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ވިދަޅުވި އެވެ.

އަދި އެމީހާ އެރޭ ރަހީނުކޮށްގެން އަރުވައިގެން ގެންދިޔަ ކާރު ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ވިދާޅުވި އެވެ. އެ ދެމީހުން ހައްޔަރުކޮށް ކާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ރޭގައި އެވެ.

މި ހާދިސާގައި އަނިޔާ ލިބިފައިވަނީ 29 އަހަރުގެ ދިވެހި ފިރިހެނަކަށެވެ.

މޫނު ނިވާކޮށްގެން ތިބެ ގޮސް އަނިޔާ ކުރުމުގެ ސަބަބުން އެ ޒުވާނާގެ ބޮލަށް ވަނީ ވަރަށް ބޮޑަށް ގެއްލުން ލިބިފައި އެވެ. އެގޮތުން އޭނާގެ ބޮލުގެ ކަނާތް ފަރާތުގެ ނާށިގަނޑު ފަޅައިގެން ގޮސް ސިކުނޑިއަށް ވަނީ ލޭ އެޅިފައި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާއަށް މޫނު ނިވާކޮށްގެން ތިބި މީހުން އަނިޔާ ކުރީ ވައްކަމުގެ މައްސަލައެއްގައި އެވެ. އެމީހުން ވަނީ އެމީހާގެ ބޮލަށް ދަގަނޑު ބުރިއަކުން ހަމަލާދީފައި ކަމަށްވެ އެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް