ޗިލީގައި ފުރާވަރު އުމުރުގެ ކުދިންނަށް ބަޔޯއެންޓެކް ފައިޒަރ ވެކްސިން ދޭން ނިންމައިފިއެވެ.
އުުރުމުރުން 12 އަހަރުން މަތީގެ އާބާދީއަށް ކޮވިޑު ދިފާއު ވެކްސިން ދޭން އެ ޤައުމުން ހޯމަ ދުވަހު ފާސް ކޮށްފައި ވަނީ، އިޖްތިމާޢީ ދިފާއު ނުވަތަ ހަރޑް އިމުއިނިޓީއަށް މި އަަހަރުގެ ޖުލައި މަހާއި ހަމައަށް ފޯރުމުގެ އުންމީދުގައެވެ.
ފާއިތުވި ޑިސެމްބަރު މަހު އެމެޖެންސީ ހުއްދައާއި އެކު، ޗިލީގައި 17 އަހަރުން މަތީގެ ޒުވާނުންނަށް މިހާރުވެސް އަންނަނީ ފައިޒަރ ވެކްސިން ދެމުންނެވެ.މިހާރުން ފެށިގެން، 12 އަހަރާއި 16 އަހަރާއި ދެމެދުގެ ކުދިންނަށްވެސް އެ ޤައުމުގައި ފައިޒަރ ވެކްސިން ދޭން ފަށާނެ ކަމަށް ޗިލީގެ ޕަބްލިކް ހެލްތު ރެގިއުލޭޓަރުން ހާމަ ކުރައްވައެވެ.ޗިލީގެ ސިއްޙީ އިދާރާއިން މި ނިންމުން ފާސްކޮށްފައި ވަނީ، އެމެރިކާގެ ފުޑް އެންޑް ޑުރަގު އޮތޯރިޓީންނާއި ޔޫރަޕިއަން މެޑިސިންސް އޭޖެންސީންވެސް މިފަދަ ހުއްދައެއް ދޫކުރުމާއި އެކުގައެވެ.
ޗިލީގެ ސިއްޙީ އިދާރާކަމުގައިވާ އައިޕީއެސްގެ ޑިރެކްޓަރު، ހެރިބާޓޯ ގާރޝިއާ ވިދާޅުވީ، މި ނިންމުމާއި އެކު، ޗިލީގެ އާބާދީގެ 80 އިންސައްތައަށް ކޮވިޑު ދިފާއު ވެކްސިން ފުރިހަމަ ކުރުމުގެ ފުރުސަތު ލިބިގެން ދާނެ ކަމަށާއި، މި ކަމުގެ ސަބަބުން އަންނަ ޖުލައި މަހާއި ހަމައަށް އެ ޤައުމަށް ހާރޑް އިމިއުނިޓީއާއި ހަމައަށް ވާސިލް ވެވޭނެ ކަމަށް ޤަބޫލު ކުރައްވާ ކަމަށެވެެ.މީގެ އިތުރުން ގާރޝިއާ ވިދާޅުވީ، މިއީ އެ ޤައުމުގެ ފުރާވަރުގެ ކުދިންގެ ދިފާއީ ނިޒާމު ވަރުގަދަ ކުރުމަށް އެޅުނު ހަރުދަނާ ފިޔަވަޅެއް ކަމަށާއި، ކޮވިޑް ދިފާއުގެ 2 ޑޯޒް ހަމަ ކުރާތާ 14 ދުވަހުގެ ތެރޭގައި، އެ ކުދިންގެ ދިފާއީ ނިޒާމު ވަރުގަދަވެ، އާންމު ދިރިއުޅުމަކަށް ރުޖޫއަ ވުމަށް ފަސޭހަ ވެގެން ދާނެ ކަމަށެވެ.
މިހާތަނާއި ހަމައަށް، ޗިލީއިން 10.5 މިލިއަން މީހުން ކޮވިޑު ދިފާއު ވެކްސިންގެ އެއް ޑޯޒު ހަމަ ކޮށްފައި ވާއިރު، އެ ޤައުމުގެ 7.9 މިލިއަން މީހުން މި ވެކްސިން ގެ ދެ ޑޯޒު ފުރިހަމަ ކޮށްފައިވާ ކަމަށް އެ ޤައުމުގެ ސިއްޙީ ވުޒާރާގެ ތަފާސް ހިސާބުތަކުން ދައްކައެވެ. މިއީ، އެ ވުޒާރާއިން އަމާޒު ކޮށްފައިވާ އާބާދީގެ 52.3 އިންސައްތައެވެ. އެއް ޑޯޒު ފުރިހަމަ ކޮށްފައި ވަނީ އަމާޒު ކޮށްފައިވާ އާބާދީގެ 69 އިންސައްތަ މީހުންނެވެ.
ކުރިއަށް އޮތް މަހު، ކޮވިޑު ދިފާއު ވެކްސިންގެ އެއްވެސް ޑޯޒެއް ޖަހާފައި ނުވާ އިތުރު 4.6 މިލިއަން މީހުންނަށް ވެކްސިން ދިނުމަށް އެ ޤައުމުން މަސައްކަތް ކުރަމުން އަންނަ އިރު،ޗިލީގެ އަމާޒަކީ މި އަހަރުގެ މެދުތެރެއާއި ހަމައަށް 16.2 މިލިއަން މީހުންނަށް ވެކްސިން ފޯރުކޮށް ދިނުމެވެ. އެގޮތުން، ވެކްސިން ޖަހަން ދެކޮޅު ހަދާ މީހުންނަށް ވެކްސިން ޖެހުމަށް ހިތްވަރު ދިނުމުގެ ގޮތުން ޗިލީގެ ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.މީގެ ތެރޭގައި، ވެކްސިން ކްލިނިކްތައް ހަފްތާ ބަންދުތަކުގައިވެސް ހުޅުވުމާއި، ދަނޑުބިންތަކާއި މީހުން ދިރިއުޅޭ އިމާރާތްތައް ހިމެނޭހެން އެއްތަނުން އަނެއް ތަނަށް ދަތުރު ކުރާނޭ ފަދަ ވެކްސިން ކްލިނިކްތައް ތައްޔާރު ކުރުމާއި، މަޝްހޫރު ފަންނާނުންނާއި މީސްމީޑިއާ މަންސަތަކުގެ އިންފުލުއެންސަރުން މެދުވެރިކޮށް އާންމުންނާއި ހަމައަށް މައުލޫމާތު ފޯރު ކޮށްދިނުމުގެ ހަރަކާތްތަކެއްވެސް ހިމެނެއެވެ.މީގެ އިތުރުން، ވެކްސިން ޖެހުމަށް ހިތްވަރު ދިނުމުގެ ގޮތުން، ވެކްސިން ޖަހާފައިވާ މީހުންނަށް، އެ ޤައުމުގެ ފުރަބަންދުގައިވެސް ޚާއްސަ ލުއިތަކެއް ވަނީ ދޭން ފަށާފައެވެ.
މި އާއި އެކުވެސް، ޗިލީގައި ކޮވިޑު 19 ގެ ވޭދަނަތައް އަދިވެސް މަތީގައި އުޅޭ އިރު، އެ ޤައުމުގެ ހަސްފަތާލުތަަކަށް ވަނީ ބާރު ބޮޑުވެ ސިއްޙީ ނިޒާމަށް ނުކަތާވަރު ވުމާއި ގާތްވެފައެވެ.މިކަމާއި ގުޅިގެން އެ ޤައުމުގެ ނޭޝަނަލް ކޮލެޖު އޮފް ޑޮކްޓަރސްއިން ވަނީ ،ކޮވިޑު ހުއްޓުވުމުގައި ސަރުކާރަށް ކޮންޓްރޯލް ގެއްލިފައި ވަނީ ސަރުކާރުން ވިސްނާ ނުލައި އެޅި ދޯދިޔާ ފިޔަވަޅުތަކެއްގެ ސަބަބުން ކަމަށް ބުނެ ތުހުމަތު ކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް