މިއަދު މެންދުރާއި ހަމައަށް މޫސުން ރަނގަޅުވާނީ ހަތަރު އަތޮޅަށް ކަމަށް މެޓް އޮފީހުން ލަފާކޮށްފި އެވެ.
މިއަދު ހެނދުނު 8:00 ން މެންދުރު ފަހު 2:00 އަށް ރާއްޖޭގެ ބޮޑު ބަޔަކަށް އޮތީ މޫސުން ގޮސްވާނެތީ ވައިޓް އެލާޓު ނެރެފަ އެވެ. އެލާޓު ނެރެފައިވަނީ ހއ. އަތޮޅުން ފ. އަތޮޅާއި ދެމެދަށް އަދި ގއ. އަތޮޅުން އައްޑޫ ސިޓީއާއި ހަމައަށެވެ.
މެޓް އޮފީހުން ލަފާ ކުރާގޮތުގައި މިވަގުތުތަކުގައި މޫސުން ރަނގަޅުވާނީ ދ. މ. ތ އަދި ލ. އަތޮޅަށެވެ.
ވައިޓް އެލާޓު ނެރެފައިވާ ސަރަހައްދުތަކުގެ ރަށްތަކަށް ވައި ގަދަވެ އެ ސަރަހަދުތަކުގެ ކަނޑުތައް ގަދަވާނެ ކަމަށް ބުނެ އެވެ.
އާންމު ގޮތެއްގައި 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުގައި ވައި ޖެހޭނެ ކަމަށް ލަފާ ކޮށްފައިވާއިރު ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެ އެވެ. ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުން އެކަށީގެންވާ ކަމަށް ބުނެ އެވެ.
ރާއްޖެއަށް މިހާރު ކުރަމުން ދަނީ ހުޅަނގު މޫސުމުގެ ވިއްސާރަ އެވެ.
މެޓް އޮފީހުން ވަނީ މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފަ އެވެ. އަދި ކަނޑު ދަތުރު ކުރުމުގައި ކަމާ ބެހޭ ފަރާތްތަކުން މޫސުމާއި ބެހޭ މައުލޫމާތު ހޯދައިގެން ދަތުރަށް ފެށުމަށް އިލްތިމާސް ކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް