ކޮވިޑު ހާލަތަށް ރިއާޔަތްކޮށް ސިންގަލް ޔޫޒް ޕްލާސްޓިކު އެތެރެ ކުރުމުގެ ގަރާރަށް ބޮޑެތި ބަދަލުތަކެއް ގެނެސް އަލުން ގެޒެޓުކޮށްފިއެވެ.
އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ ގަރާރު ނަމްބަރު 3/2021ގައި ބުނެފައިވަނީ ކުރީގެ ގަރާރު ނަންބަރު 8/2021 ގެ ގަރާރުން ދިވެހިރާއްޖެއަށް އިމްޕޯޓްކުރުން މަނާ ސިންގަލް-ޔޫޒް ޕްލާސްޓިކް ކަމުގައި ކަނޑައެޅިފައިވާ އެއްޗެހީގެ ތެރެއިން ބައެއް ތަކެތި، ދިވެހިރާއްޖެއަށް އެތެރެކުުރން މަނާވާ ތާރީހުކަމަށް އެ ގަރާރުގައި ކަނޑައަޅާފައިވާ ތާރީހުތަކަށް، ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން އައިސްފައިވާ އިގްތިސާދީ މަޑުޖެހުމަށާއި މިކަމުގެ ސަބަބުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ދަތި ކަންތައްތަކަށް ރިއާޔަތްކޮށް، ބަދަލުގެންނަން ޖެހިއްޖެކަމަށް ރައީސުލުޖުމްހޫރިއްޔާއަށް ފެނިވަޑައިގަތުމުން ބަދަލުތަކެއް ގެންނަ ކަމަށެވެ.
އެގޮތުން ގެނެސްފައިވާ ބޮޑެތި ބަދަލުތަކަށް ބަލާއިރު ކާބޯތަކެތި ބަންދުކުރާ ސްޓައިރޯމް ފޮށި އެތެރެކުރުން މަނާވާ ސުންގަނޑި 31 ޑިސެންބަރު 2021 އަށް ބަދަލުކުރުން ހިމެނެއެވެ. ކުރީގެ ގަރާރުގައިވާގޮތުން ނަމަ މި އައިޓަމް މިއަދުން ފެށިގެން މަނާވާނެއެވެ.
ދެވަނަ ބަދަލަކަށް ގެނެސްފައިވާ ބަދަލަކީ 50 މިލިލީޓަރާއި 50 މިލި ލީޓަރަށްވުރެ ކުދި، ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ޝޭމްޕޫ، ސައިބޯނި، ކަންޑިޝަނަރ، އަދި ލޯޝަން ފުޅި މިއަދުން ފެށިގެން މަނާވުމެވެ. ކުރީގެ ގަރާރުގައި މި އައިޓަމް އޮތީ ތަފާތު ގޮތަކަށެވެ. އެއީ ހަމައެކަނި ޝޭމްޕޫ ފުޅިއާއި ސައިބޯނި ފުޅި ހިމެނޭނޭހެންނެވެ. ނަމަވެސް އަލަށް ގެނެސްފައިވާ ބަދަލުގައިވާގޮތުން އެ ސައިޒުގެ ކަންޑީޝަނަރ އަދި ލޯޝަން ފުޅިވެސް މިއަދުން ފެށިގެން މަނާވާނެއެވެ.
ދެން ފާހަގަކޮށްލެވޭ އަނެއް ބޮޑު ބަދަލަކީ ރާއްޖެއަށް އިމްޕޯޓުކުރާ 500 މިލިލީޓަރަށްވުރެ ކުދި، ޕްލާސްޓިކު ފުޅީގައި ބަންދުކޮށްފައި ހުންނަ ތައްޔާރީ ބުއިންތައް، (ފެން ފިޔަވައި) 1 ޖޫން 2022 އާ ހަމައަށް މަނާކުރާ މުއްދަތު ދިގުދަންމާލުމެވެ. ކުރިން ގަރާރުގައިވާގޮތުން ނަމަ އެތަކެތިވެސް މިއަދުން ފެށިގެން މަނާވާނެއެވެ.
މީގެ އިތުރުން މިކަމާ ގުޅުންހުރި މުހިންމު ނިންމުމެއް އިއްޔެ އިކޮނޮމިކް މިނިސްޓްރީންވެސް ހާމަކޮށްފައިވެއެވެ. އެގޮތުން އިކޮނޮމިކް މިނިސްޓްރީ އިން ބުނީ ޖޫން އެކެއްގެ ފަހުން ރާއްޖެއަށް ގެންނަ ޝިޕްމަންޓެއްނަމަ، އެ މުދަލެއްގެ ބިލް އޮފް ލެޑިން ނުވަތަ އެއާވޭ ބިލް، ޖޫން އެކެއްގެ ކުރިން ދޫކޮށްފައިވާނަމަ، މުދާ އެތެރެކުރުމަށް ކަސްޓަމްސް އިން ފުރުސަތު ދޭނެ ކަމަށެވެ.
މިއަދުން ފެށިގެން ރާއްޖެ އެތެރެކުރުން މަނާ ތަކެތި:
- ދިޔާތަކެތި ބުއިމަށް ބޭނުންކުރާ ޕްލާސްޓިކް ހޮޅި
- ޕްލާސްޓިކް ތަށި، ސަމުސާ، ވަޅި، އޫ، ދިޔާ ތަކެތި ގިރަން ބޭނުންކުރާ ޕްލާސްޓިކް ދަނޑިކޮޅު
- ބާޒާރުކުރަން ބޭނުންކުރާ 30 ސެންޓިމީޓަރަށް ވުރެ ކުދި ޕްލާސްޓިކް ކޮތަޅު
- ޕްލާސްޓިކްގައި ބަންދުކޮށްފައި ހުންނަ އިމްޕޯޓުކުރާ ސުޕާރީ
- 250 މިލިލީޓަރަށް ވުރެ ކުޑަ، އެއްފަހަރު ބޭނުންކުރެވޭ ޕްލާސްޓިކް ކޮފީ ތަށި
- ޕްލާސްޓިކް ދަނޑިކޮޅު ލާފައިވާ ކަފަބުރު
- 500 މިލިލީޓަރަށް ވުރެ ކުދި ޕީއީޓީ ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން
- 50 މިލިލީޓަރާއި 50 މިލި ލީޓަރަށްވުރެ ކުދި، ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ޝޭމްޕޫ، ސައިބޯނި، ކަންޑިޝަނަރ، އަދި ލޯޝަން ފުޅި
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް